ޚަބަރު

ލ. ކަލައިދޫ ފެނުގެ މަޝްރޫޢުގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ފަށައިފި


  • މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މަޝްރޫޢެއް

  • 228 ގޭބިސީގައި ފެނުގެ ޚިދުމަތް ޤާއިމްކޮށްފައިވޭ

ލ. ކަލައިދޫގައި ކުރިއަށްގެންދިޔަ ފެނުގެ މަޝްރޫޢުގެ މަސައްކަތްތައް ނިންމާލައިފިއެވެ. މިއީ އިންޑިއަން އެގްޒިމް ބެންކުގެ ފައިނޭންސިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކަލައިދޫ ފެނުގެ މަޝްރޫޢުގެ ދަށުން 40 ޓަނުގެ 2 އާރްއޯ ޕްލާންޓާއި، 60 ޓަނުގެ ވާރޭ ފެން ޕްލާންޓް ޤާއިމުކޮށްފައިވާކަމަށެވެ. އަދި 305 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 400 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއް ބަހައްޓާފައިވާކަމަށެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 25 ކިލޯވޮޓުގެ ސޯލާ ފެނަލް ޤާއިމްކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިންޑިއަން އެގްޒިމް ބެންކުގެ އެހީގައި ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ އެސް.އެމް.ސީ. އިންފްރާސްޓްރަކްޗަރސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ.


ކަލައިދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމުމަށްފަހު މިހާރު އޮޕަރޭޓަރާއި ޙަވާލުކޮށްފައިވާކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ދަށުން އެ ރަށުގެ 228 ގޭބިސީއަކަށް މިހާރު ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ކަލައިދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ނިންމާ ޚިދުމަތް ދޭން ފަށާފައިވާއިރު، ލ. އަތޮޅުގެ އިތުރު 2 ރަށެއްގައިވެސް ފެނުގެ މަޝްރޫޢު ނިންމާ ޚިދުމަތް ދޭން ފަށާފައިވާކަން މިމަހުގެ ކުރީކޮޅު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ހަމާކުރައްވާފައެވެ. އެއީ ލ. ގަމާއި ލ. އިސްދޫ ފެނުގެ މަޝްރޫޢެވެ.