ޚަބަރު

ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ 134 މަޝްރޫޢު މިއަހަރު ކުރިއަށްދާނެ


  • މިއަހަރު 3700 އަށްވުރެ ގިނަ ކްލާސްތަކުގައި އޭސީ ހަރުކުރެވޭނެ

  • މަތީ ތަޢުލީމު ހާސިލުކުރުމަށް 1.26 ބިލިޔަން ރުފިޔާގެ މާލީ އެހީ

  • 640 އަށްވުރެ ގިނަ ސްކޮލަރޝިޕް ފުރުސަތު ފަހިކޮށްދެވިފައިވޭ

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުގައި ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ 134 މަޝްރޫޢު މިއަހަރު ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ތަޢުލީމީ ދާއިރާއިން މިއަހަރަށް ހުރި މުހިންމު ކަންކަން ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއަކީ ތަޢުލީމަށް ލޯބިކުރާ، ތަހުޒީބު މުޖުތަމައެއް ބިނާކުރަން ބޭނުންވާ ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމެއްކަމުން، ޤައުމު އާރާސްތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރެވޭނީ، ޤައުމުގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކޮށްގެންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިވަގުތު ސަރުކާރުން ތަޢުލީމީ ދާއިރާ ކުރިއަރުވައި ވަރުގަދަކުރުމަށް އެތައް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން ޕްރައިމަރީ ތަޢުލީމަކީ އޭގެ މައްޗަށް ދަރުވަރުންގެ ކިޔެވުން ބިނާވާ މައިގަނޑު މަރުހަލާއަށްވީހިނދު، މި މަރުހަލާގެ ކިޔެވުން ހަރުދަނާކުރުމަށް ޓެކްނިކަލް ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދަރިވަރުން ކިޔަވާ މަންހަޖުގެ މަޢުލޫމާތުތައް އަލުން މުރާޖާކުރުމާއެކު، މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކުރިއަށްގެންދެވޭކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މުދައްރިސުންނަކީ ޤައުމު ބިނާކުރާ މޭސްތިރިންކަން ފާހަގަކުރައްވާ، މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމާއި، މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމަކީ، އެމަނިކުފާނުގެ ވައުދެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި ވައުދު ފުއްދެވުމުގެ ތެރެއިން މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓެވުމާއެކު، ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ހެލްޕްލައިންގެ ޚިދުމަތް މުދައްރިސުންނަށްވެސް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސާފައިވެއެވެ.

ސްކޫލުތަކުގެ މާހައުލަކީ އުނގެނުމަށްފަހި، ދަރިވަރުންނަށް ހިތްގައިމު، އުފާވެރި މާހައުލަކަށް ހެއްދެވުމުގެ ތެރެއިން "ކޫލް ސްކޫލް" ޕްރޮޖެކްޓުގެ މައްޗަށްވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

މިގޮތުން ސަރުކާރުން ހިންގާ ސްކޫލުތަކުގެ 3700 އަށްވުރެ ގިނަ ކްލާސްރޫމަށް މިއަހަރު އޭސީ ފޯރުކޮށްދީ، މި އަހަރުގެ ތެރޭގައި މި މަޝްރޫޢު ނިންމަން މަސައްކަތްކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއެކު، މާލެ ސަރަހައްދުގައި ސާނަވީ ތަޢުލީމުދޭ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން އިތުރު ސްކޫލުތައް އެޅުމުގެ މަޝްރޫޢެއް މިއަހަރު ފެށުމަށްޓަކައި ތައްޔާރުވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މީގެ އިތުރުން މާލެ ސަރަހައްދުގައި ސާނަވީ ތަޢުލީމުދޭ ސްކޫލް އިމާރަތް ކުރުމުގެ މަޝްރޫޢުގެ ދަށުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި އިތުރު ސްކޫލުތައް އެޅުމުގެ މަޝްރޫޢެއް މިއަހަރު ފެށުމަށްޓަކައި ގިނަގުނަ ތައްޔާރީތައް ވަމުންދާކަންވެސް ފާހަގަކުރަން. ހަމައެއާއެކު ސަރުކާރުންގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުގައި ސްކޫލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ 134 މަޝްރޫޢު މިއަހަރު ކުރިއަށްދާނެ." ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ދިވެހި ކިޔަވާކުދިންގެ ތަޢުލީމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމުގައި ވިދާޅުވިއެވެ. އެގޮތުން ފާއިތުވި އަހަރު ޖުމުލަ 15300 އަށްވުރެ ގިނަ ދަރިވަރުންގެ މަތީ ތަޢުލީމު ހާސިލުކުރުމަށް 1.26 ބިލިޔަން ރުފިޔާގެ މާލީ އެހީ ދީފައިވާކަމަށާއި، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމަށް ކުރު މުއްދަތުގެ ތަމްރީނުތަކަށް 1000 ފުރުސަތު ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ 640 އަށްވުރެ ގިނަ ސްކޮލަރޝިޕް ފުރުސަތު މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ފަހިކޮށްދެވިފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.