ޚަބަރު

ފައިބަރު މަސައްކަތްކުރާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް ގަވާއިދު އާއްމުކޮށްފި


  • ފައިބަރު މަސައްކަތްކުރާ ތަންތަނަށް ކުޑަކުދިންނާއި މާބަނޑު މީހުންވަނުންވެސް މަނާ

  • އެސަރަޙައްދުގައި ކެންސަރާއި ފުއްޕާމޭގެ ބަލިތައް ޖެހުމަށް މަގުފަހިވާކަމެއްކަން އެނގޭ ބޯޑު ހަރުކުރަންޖެހޭ

  • ގަވާއިދާ ޚިލާފުވާ ތަންތަން 2000 ރުފިޔާއިން ޖޫރިމަނާކުރާނެ

ރާއްޖޭގައި ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ކެއިންބުއިން މަނާކޮށް، ފުރަތަމަ ފަހަރަށް "ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު" އާއްމުކޮށްފިއެވެ.

ސިއްޙީ އެތައް މައްސަލަތަކެއް މެދުވެރިވާ ސިނާޢަތެއްގެ ގޮތުގައި ފައިބަރުގެ މަސައްކަތް ހިމެނިފައިވާއިރު، މިމަސައްކަތްކުރާ ރަށްރަށުގެ ކަންބޮޑުވުމާއި މިކަންވަނީ ގުޅިފައެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް ކުރެވުނު މަސައްކަތްކުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިންވަނީ މިކަމަށް ޚާއްސަ ގަވާއިދެއް އެކުލަވާލާފައެވެ. "ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު"ގައިވަނީ ފައިބަރުގެ މަސައްކަތް ކުރާ ތަންތަނުގައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަށަވަރުކުރަންޖެހޭ ކަންކަމާއި، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ޤާއިމުކުރަންޖެހޭ ކަންކަން ބަޔާންކޮށްފައެވެ.

މިގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، ފައިބަރުގެ މަސައްކަތް ކުރާ ތަންތަނަށް ކުޑަކުދިންނާއި މާބަނޑުމީހުން ވަނުމަކީ މަނާކަމެކެވެ. އަދި އެފަދަ މަސައްކަތްކުރާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ކެއިންބުއިމަކީ މަނާކަމެއްކަމަށް މިގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެސަރަޙައްދުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ބޯޑާއި، ކެއިން ބުއިން މަނާކަން އަންގައިދޭ ބޯޑާއި، މާބަނޑު މީހުންނާއި ކުޑަކުދިން ވަނުން މަނާކަން އަންގައިދޭ ބޯޑާއި، ފައިބަރާއި ކެމިކަލްތަކުގެ ސަބަބުން ކެންސަރާއި ފުއްޕާމޭގެ ބަލިތަކަށް މަގުފަހިވާކަން އަންގައިދޭ ބޯޑުތައް މިސަރަޙައްދުގައި ފެންނަން ހުންނާނެހެން ހަރުކުރުމަށްވަނީ މިގަވާއިދުން ލާޒިމްކޮށްފައެވެ.

މިގަވާއިދުގައިވާގޮތުން ފައިބަރު މަސައްކަތްކުރާ ތަންތަނުގައި ޙަރަކާތްތެރިވާ މުވައްޒަފުން މަސައްކަތްކުރަންވާނީ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ލައިގެންނެވެ. އަދި މިގަވާއިދަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި އެތަންތަނުގައި ޤާއިމުކުރަންޖެހޭ ވަޞީލަތްތައް ޤާއިމުކޮށް ރައްކާތެރިކަމުގެ މިންގަނޑަށް ފައްތަންޖެހޭނެކަމަށް ގަވާއިދުގައިވަނީ ބުނެފައެވެ.

މިގަވާއިދަށް ޢަމަލުކުރަން ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުން ފެށިގެންނެވެ. އަދި ގަވާއިދުގައި ހިމެނޭ ކަންކަމާއި ޚިލާފުވާ ފަރާތްތަކާއި އަދި މިމަސައްކަތްކުރާ ތަންތަނުގެ އިންސްޕެކްޝަން ހެދުމަށް ހުރަސްއަޅާ ފަރާތްތައް 2000 ރުފިޔާއިން ޖޫރިމަނާކުރުމުގެ ބާރު އެޗްޕީއޭއަށް މިގަވާއިދުން ލިބިދެއެވެ.

ރާއްޖޭގައި ކެންސަރުގެ ނުރައްކާ ބޮޑުވެފައިވާއިރު، ފައިބަރުގެ މަސައްކަތަކީ ކެންސަރުގެ ނުރައްކަލަށް ހުށައެޅިގެންދާ ކަމެކެވެ. މިއީ ރަށްރަށުގެ އާއްމުންގެ ކަންބޮޑުވުމެކެވެ. އެހެންކަމުން މިގަވާއިދުގެ ދަށުން މިފަދަ މަސައްކަތް ކުރާ ތަންތަން ގަވާއިދުގެ ދަށުން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހިގެންދިޔުމަކީ މިކަމުގައި ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެކެވެ.