ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިއަހަރުގެ ތެރޭގައި ފައްޓަވާނެކަމުގެ އުފާވެރި ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޖެނުއަރީ މަހު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދެއްވާފައެވެ.
މިއަހަރުގެ ސަރުކާރުގެ ބަޖެޓަކީ ޢުމްރާނީ ގިނަ މަސައްކަތްތަކެއް ޢަމަލީގޮތުން ފެށުމަށް އާމާޒުކޮށް ހަދާފަވާ ބަޖެޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ. މީގެތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަޑުޖެހިފައި ހުރި މަސައްކަތްތައް އަވަސްކޮށް ކުރިއަށްގެންގޮސް ނިންމުމަށެވެ. އަދި ހަމައެއާއެކު އެކީގައި ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ އައު މަޝްރޫޢުތައް ފެއްޓެވުމަށްވެސް ބަޖެޓުގައި ވަނީ ހިމާނާފައެވެ.
ހުއްޓިފައި ހުރި ބަނދަރުތަކާ ގޮނޑުދޮށް ޙިމާޔަތްކުރުންފަދަ މަޝްރޫޢުތަކަށް، އެ މަސައްކަތްތައް އަވަސްކުރަން ބޭނުންވާ ބޮޑު ހިލައިގެން ބަލްކް ޝިޕްމަންޓެއް އެސްޓީއޯއާއި ކަމާގުޅުންހުރި ފަރާތްތައް ގުޅިގެން ގެނައުމުގެ މަސައްކަތް ފަށާފަވާކަމަށް، ރައްޔިތުންނާއެކު ކުރިއަށްގެންދެވި އެކިއެކި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފަވެއެވެ. ސަރުކާރުގެ ޢަމާޒަކީ ހުއްޓިފަވާ މިފަދަ މަސައްކަތްތައް ވީހާވެސް އަހަށް ފަށާ ނިންމާލުމެވެ. އަދި އަލަށް ފަށާ މަޝްރޫޢުތަކަށް މަގު ފަހިކުރުމެވެ.
މީގެތެރޭގައި ޚާއްސަގޮތެއްގައި އެއަރޕޯޓްތައް ތަރައްޤީކުރުމަށް ބޭނުންވާ ބިންތައް ހިއްކާ ނިންމުމާއި އަދި އެތަންތަން ތަރައްޤީކުރަން ޢަމަލީ މަސައްކަތްތައް ފައްޓާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ހއ. ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްވި ޔަޤީންކަމަކީ އެމަނިކުފާނު ވަޢުދުވެ ވަޑައިގެންނެވިގޮތަށް، މިއަހަރުގެ ތެރޭގައި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކާ، ޢަމަލީ މަސައްކަތް ފައްޓަވާނެކަމުގެ ޔަޤީންކަމެވެ. އަދި ދެން އެމަނިކުފާނު ދިއްދުއަށް ވަޑައިގަންނަވާނީ އެއަރޕޯޓަށް ޖައްސާ ފުރަތަމަ ފްލައިޓުގައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދިއްދޫގެ އިތުރުން ރ. އަތޮޅު ފައިނުގެ އެއަރޕޯޓް މަސައްކަތްވެސް ފެބްރުއަރީ މަހު ޢަމަލީ ގޮތުން ފައްޓަވާނެކަން ރައީސް ހާމަކުރައްވާފަވަނީ ފައިނަށް ޖެނުއަރީ މަހު ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން މަޝްރޫޢު ހިންގުމަށް އެމްޓީސީސީއާއެކު ސޮއިކޮށް، ބިން ހިއްކުމާއި އެއަރޕޯޓްގެ ބިނާރާ ގުޅޭ މަސައްކަތްތައް މިއަހަރު ފެށުމަކީ ޢަމާޒުކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އިޤްތިޞާދު ސިންދަފާތު ކުރުމަށް ފަށާފައިވާ މަސައްކަތުގައި ރާއްޖޭގެ އެންމެ އުތުރުގައި ކުރިއަށްގެންދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފައްޓަވާނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓުގެ ތެރޭގައި ބައިނަލްއަޤްވާމީ ޕޯޓު ފެސިލިޓީތަކާއި، ބޯޓު މަރާމާތުކުރުމުގެ ޚިދުމަތާއި، ބަންކަރިންގ ޚިދުމަތާއި، ކުރޫޒު ޓޫރިޒަމެއް ތަރައްޤީކުރުމާއި ފަތުރުވެރިކަމާއި ގުޅުންހުރި އިތުރު މަސައްކަތްތަކާއި، ރިއަލް އެސްޓޭޓުގެ ވިޔަފާރިއާއި، އެކްސްޕޯޓު ޕްރޮސެސިންގ ޒޯނެއްވެސް ތަރައްޤީކުރުން ހިމެނެއެވެ. އެންމެ އުތުރުގެ 4 އަތޮޅުގެ އިތުރުން ވަޒީފާގެ ގިނަ ފުރުޞަތުތަކެއް އުފެއްދި މީގެ މަންފާ ޖުމްލަކޮށް މުޅި ރާއްޖެއަށް ކުރާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހއ. އިހަވަންދުއަށް ކުރެއްވި ދަތުރުފުޅުގައި، އެންމެ އުތުރުގައި ތަރައްޤީކުރާ މަސް ކާރުޚާނާ، އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްވެސް މިވަނީ ޢަމަލީ ގޮތުން ފައްތަވައިދެއްވާފައެވެ. 18 މަސްދުވަހުން މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާއިރު މިއީ 474 މިލިއަން ރުފިޔާގެ މަޝްރޫޢޫއެކެވެ. މި މަޝްރޫޢުގެ ދަށުން 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހއ. އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްފައިވަނީވެސް ރައީސުލްޖުމްހޫރިއްޔާ އިހަވަންދުއަށް ކުރެއްވި ދަތުރުފުޅުގައެވެ.
މީގެއިތުރުން ގދ. ފިޔޯރީގައި ތަރައްޤީކުރާ މަސްކާރުހާނާގެ މަސައްކަތްވެސް މިއަހަރު ފެށޭނެކަމަށް ރައީސް ހާމަކުރައްވާފަވެއެވެ. މި ކާރުޚާނާގައި 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭ ކެޕޭސިޓީއާއި 3000 ޓަނުގެ މަސް ފިނިކުރާ ކޯލްޑް ސްޓޯރޭޖް ހުންނާނެކަމަށެވެ. އަދި 100 ޓަނުގެ ފިޝް މީލް އަދި 50 ޓަނުގެ އައިސް ޕްލާންޓެއްވެސް ކާރުހާނާގައި ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ތަރިކަ ރައްކާތެރިކުރުމުގެ ދެ އަހަރުގެ ބޮޑު މަޝްރޫޢުއެއްވެސް ފެއްޓެވުމަށް ނިންމަވާފައެވެ. އެގޮތުން ހއ. އުތީމު، ހއ. ތަކަންދޫ އަދި ހއ. ބާރަށުގައި ހުރި ތަރިކައާއި އާސާރު އޭގެ އަސްލުވަންތަކަމާ ގުދުރަތީ ރީތިކަމަށް އުނިކަމެއް ނަންނަގޮތަށް ފަރުވާދީ ރައްކާތެރިކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގަވާނެކަން ވަނީ ހާމަކުރައްވާފައެވެ. މި މަސައްކަތުގައި ތާރީޚީ މަޢުލޫމާތާއި ދިވެހި ސަޤާފަތާއި ޤައުމިއްޔަތު ދިރުވާ އާލަކުރުމުގެ ގިނަ ހަރަކާތްތަކެއް ރާވާ، ވަކި ތާވަލެއްގެ ދަށުން ހިންގެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
މީގެއިތުރުންވެސް ޖެނުއަރީ މަހު ސަރުކާރުން ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވިގޮތަށް، ސަރުކާރުން އަތޮޅުތަކުގެ 57 ރަށެއްގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަށް ކޮންޓްރެކްޓަރުން ހޯދުމަށް މިވަނީ އިޢުލާނުކޮށްފައެވެ.
މިއީ 12000އަށްވުރެ ގިނަ ހައުސިން ޔުނިޓެެވެ. ބޯހިޔާވަހިކަމުގެ ދާއިރާއިން 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ބޯހިޔާވަހިކަމުގެ ބިން މަޝްރޫޢުތަކެއް މިއަހަރު ފެއްޓެވުމަށް ނިންމަވާފަވާއިރު، މިއަހަރަކީ ބޯހިޔާވަހިކަމުގެ ރަންޒަމާނަކަށް ރާއްޖެ ގެންގޮސްދިނުމުގެ ފެށުމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވައެވެ.
މީގެއިތުރުން ގިނަ ރަށްތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ފެށުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްތައް ފައްޓާވަނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި އެ ރަށްރަށުގެ ރައްޔިތުންނަށް ދެއްވާފަވެއެވެ.
މީގެއިތުރުންވެސް ވަކިވަކި ރަސްތަކަށް ޚާއްސަ މަޝްރޫޢުތަކާ އަތޮޅު ފެންވަރުގެ މަޝްރޫޢުތައްވެސް އިޢުލާނުކުރެއްވިއެވެ. މީގެތެރޭގައި ހިމެނިގެން 55 ރަށެއްގެ ކައުންސިލް އައު އިމާރާތްތައް އެޅުމުގެ ޢަމަލީ މަސައްކަތްތައްވެސް އެދަނީ ފެށެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވާ ޔަޤީންކަމަކީ އެމަނިކުފާނުގެ މެނިފެސްޓޯއާއި ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ މަސައްކަތަކީ އެކަމަށް ޕްލޭން ކުރެވި، މަޝްރޫޢުތަކަށް ފައިސާ ހޯދާނެ ގޮތްތައް ދިރާސާ ކުރެވި ވީ ވަޢުދުތަކެއްގެ ޔަޤީންކަމެކެވެ. އެމަނިކުފާނުގެ ސިޔާސަތަކީ އާބާދީއަށް ބެލުމެއް ނެތި، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ޚިދުމަތްތައްކެއް ލިބޭނެ ގޮތް ހޯދައިދިނުމެވެ.