ޚަބަރު

އެއާޕޯޓުގެ ޔަގީން ކަމާއިއެކު، ފައިނު ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް


  • މިއީ ވަޒީފާގެ ގިނަ ފުރުޞަތުތަކާއި ގިނަ ރިސޯޓްތައް އެސަރަހައްދަށް އަންނާނެ މަޝްރޫޢުއެއް

  • އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އަންނަ މަހު ސޮއިކުރާނެ

ރ. ފައިނުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އަންނަ މަހު ސޮއިކޮށް، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފައިނުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ފައިނުގެ ރައްޔިތުން ދެކެމުންދާ އުންމީދުތަކެއް އެބަހުރިކަމަށާއި، ރަށުގެ ތަރައްޤީއަށް ގިނަ ކަންކަން ކުރުމަށް އެބަހުރިކަމަށެވެ. އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވަޢުދުވެވަޑައިގެންނެވި އަދި ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެންމެ މުހިންމު މަޝްރޫޢުއަކީ އެއަރޕޯޓު ތަރައްޤީކުރުންކަމަށާއި، އެ މަސައކަތްކުރުމަށް އެމްޓީސީސީއާއެކު އަންނަ ފެބުރުއަރީ މަހު އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ފެނާ ނަރުދަމާގެ މަސައްކަތްކޮށްފައިވާ ސަރަހައްދު އެއަރޕޯޓު ސަރަހައްދަށް އަރާތީ ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވޭ. މިދިޔަ ސަރުކާރުގައި އެއަރޕޯޓަށް ހުރަސް އެޅުމަށް ފެނާ ނަރުދަމާގެ ބައެއް ތަންތަން އެތަނުގައި ހުރީ ހަދާފައި. ނަމަވެސް ރައްޔިތުން އެންމެ އެދޭގޮތަށް އެންމެ ކުޑަ ޚަރަދެއްކޮށްގެން އެެއަރޕޯޓް އެޅުމަށް ބޭނުންވާ ޖާގަ ހެދުމަށް ފެނާ ނަރުދަމާ ނުހުއްޓި، އެންމެ ރަނގަޅަށް އޮމާންކޮށް ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ދެން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފައިނު އެއަރޕޯޓް މަޝްރޫޢުއަކީ އެރަށާއި އެ އަތޮޅުގެ ހުރިހާ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އަދި އިޤްތިޞާދީ ގޮތުން ކުރިއެރުން އަންނާނެ މަޝްރޫޢުއެއްކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ވަޒީފާގެ ގިނަ ފުރުޞަތުތަކާއި ގިނަ ރިސޯޓްތައް އެސަރަހައްދަށް އަންނާނެ މަޝްރޫޢުއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރ. އަތޮޅުގައި ގިނަ ރިސޯޓްތަކެއް ހަދަން އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ އެކަމަށް ގިނަ ފުރުޞަތު ލިބި އިޤްތިޞާދީ ނަފާ ލިބޭނެ އިންވެސްޓްމަންޓަކަށްވާނެކަމަށެވެ. އެހެންކަމުން އެއަރޕޯޓް މަޝްރޫޢުއަށް ވަރަށް އިސްކަންދެއްވާކަަމށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރަށަށް ބޭނުންވާ އިތުރު ތަރައްޤީގެ މަޝްރޫޢުތައް ކުރިަށްގެންދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިއްޙީ ދާއިރާ ތަރައްޤީކޮށް ވަސީލަތްތައް އިތުރުކޮށް، ފުޓްބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމަށެވެ.

“ބަނދަރަށް ޖާގަ އިތުރުކުރުމަކީ އެއަރޕޯޓް ހެދުމުން މުހިންމުކަމަކަށްވާނެ. މިހާރުވެސް ބަނދަރު ދަތި. އަދި ފަހުން މާބޮޑަށް ބޭނުންވާނެ. އެކަމަށްވެސް އަޅުގަނޑުމެންގެ ވިސްނުން އެބަހުރި. ރައްޔިތުން އެދޭ މިފަދަ ކަންކަން ސަރުކާރުން ވަރަށް އިސްކަންދީގެން ދީގެ ކުރިއަށްގެންދާނަން، ފުރިހަމަކށްދޭނަން.”

ރައީސް ވިދާޅުވީ އެމަނިކުފާނު ދެން އެރަށަށް ވަޑައިގަންނަވާނީ އެއަރޕޯޓް ތަރައްޤީކޮށްނިމި ހުޅުވުމަށްކަމަށެވެ.