ޚަބަރު

ސަރުކާރުގެ ހައުސިންގ ސްކީމްތަކަށް މަސްވެރިންނަށް ހުށައެޅޭނެ އިންތިޒާމް ހަމަޖައްސައިފި


  • ސްކީމްތަކަށް ހުށައެޅޭނީ ދަފްތަރުކޮށްފައިވާ ފަރާތްތަކަށް

  • މިހާރު %80 އުޅަނދު ވަނީ ދަފްތަރުކޮށްފައި

ސަރުކާރުގެ ހައުސިންގ ލޯން ސްކީމްތަކަށް މަސްވެރިންނަށް ހުށައެޅޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިކަމަށްޓަކައި އެ ވުޒާރާއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއި އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ، ސަރުކާރުގެ ހައުސިންގ ލޯން ސްކީމްގެ ހުރިހާ ދާއިރާއަކުންވެސް މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މި ފުރުސަތު ހުޅުވާލީ އިޤްތިޞާދީ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަކީވެސް މަސައްކަތުގެ ތެރޭގައި ޝާމިލްވާންޖެހޭ ބައެއްކަމަށް ފެންނާތީކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން މަސްވެރިންގެ ދަފްތަރުގައި ދަފްތަރުކޮށްފައިވާ ފަރާތްތަކަށް ލޯނަށް ހުށައެޅޭނެކަމަށާއި، އަދި ކުރިއަށްއޮތް ތަނުގައި އެހެން ދާއިރާތަކަށްވެސް މި ފުރުސަތު ހުޅުވާލާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހައުސިން ލޯނު ސްކީމްއަށް އެހެން ދާއިރާތައްވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަކިން ޚާއްސަކޮށް ދަފްތަރުވެފައި ތިބޭ ފަރާތްތައް ބައިވެރިކުރުމަކީ އަޅުގަނޑުމެން ރާވާފައި އޮތް ކަމެއް. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި އަދި ދަނޑުވެރިކަމުގެ ދާއިރާގެ ފަރާތްތައްވެސް ބައިވެރިކުރުވުމަށް އަޅުގަނޑުމެން އޮތީ ކަނޑައަޅާފައި." ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަކީ ރައީސުލްޖުމްހޫރިއްޔާގެ ގެދޮރުވެރިކަމުގެ ސިޔާސަތުން މަހުރޫމް ނުވާނެ ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ. މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެގޮތައް މަސައްކަތް ކުރަމުންދާކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ މަހު މަސްވެރިންގެ ދަފްތަރު އިފްތިތާހުކޮށްފައިވާކަމަށާއި، މަސްވެރިންގެ ދަފްތަރަކީ ހަޤީގަތުގައި މިކަހަލަ ހުރިހައި ކަމަކަށް ހައްލު ގެނެސްދޭނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ބޭންކަކުން ކުންފުންޏަކުން ތައްޔާރުކުރާ ފެސިލިޓީއަކުންވެސް ލޯނު ސްކީމްއަކުންވެސް މަސްވެރިންނަކަށް ޝަރުތު ހަމަ ނުވާކަމަކީ މަސްވެރިންގެ ވަރަށް ބޮޑު ޝަކުވާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މުޅި ބަޖެޓްވެސް އެއޮތީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި. އެހެންކަމުން މަސްވެރިން މިފަދަ ޚާއްސަ އަހަރަކުން މަހުރޫމް ވާނަމަ އެއީ ޔަޤީނުންވެސް ދިވެހިރާއްޖޭގެ ބޮޑު އާބާދީއަކަށް ދެވޭނެ ވަރަށް ބޮޑު ނިކަމެތިކަމެއް. މަސްވެރިންގެ ޤާނޫނުގައި އެބައޮވޭ މަސްވެރިންގެ ޤާނޫނެއް އޮންނަންޖެހޭނެކަމަށް. އަދި ހަމަ އެއާއިއެކު 10 ވަނަ މާއްދާގައި އެބައޮވޭ މަސްވެރިންގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭނެކަމަށް. ގެދޮރުވެރިކަމަކީ އިޖްތިމާއީ ވަރަށް ބޮޑު ހައްގެއް. އަދި މިއަދު ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖްތިމާއީ މައްސަލަވެސްމެ". ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް %80 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީވެފައިވާކަމަށެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މި ދަފްތަރުގެ މަސައްކަތް ނިންމާލުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.