ޚަބަރު

ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 1.5 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ: ވަޒީރު ސަޢީދު


  • ބަންކަރިންގެ ޚިދުމަތް ފެށީ ސެޕްޓެމްބަރު 19 ގައި

ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 1.5 މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ "ހަފްތާ52"ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކފުޅުދައްކަވަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އިޤްތިޞާދު އޮތް ދަތި ހާލަތުގައިވެސް އަދި އޮފްޝޯ ފެސިލިޓީއެއްގެ ގޮތުގައި ބަންކަރިންގެ ޚިދުމަތް ފަށައިގެން މިހާތަނަށް 1.5 މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް މިހާރުވެސް އެސްޓީއޯއަށް ލިބިފައިވާ ކަމަށެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭގެ މަޝްރޫޢުގެ ދަށުން ބަނދަރު ހަދާނެ ފަރާތެއް މިހާރު ލިބިފައިވާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ފައިނޭންސިން ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް އުތުރުގައި ފެށީ މިއަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ. ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ.

ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ވަނީ 2 ބޯޓު ރާއްޖެ ގެނެސްފައެވެ. މިއީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިޔަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މިއާއެކު 6 ބިލިޔަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.

ބަންކަރިންއާ ގުޅިފައިވާ އެހެން ޚިދުމަތްތައް ދިނުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްއިން ވަނީ އުތުރު މެރިޓައިމް ސަރވިސަސް ޤާއިމްކޮށްފައެވެ. އެގޮތުން އެ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.

އޭގެތެރޭގައި ޕައިލޮޓޭޖްގެ ޚިދުމަތާއި، ޑޮކިންގެ ޚިދުމަތާއި، ކުރޫން ބަދަލުކުރުމާއި، މެއިންޓަނަންސްފަދަ މުހިންމު ޚިދުމަތްތައް ދެމުންދާނެއެވެ. މިއީވެސް ރާއްޖޭގެ އިޤްތިޞާދަށް ބޭރު ފައިސާ ވަންނާނެކަމެކެވެ.