އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން އިންޑިއާއިން ރާއްޖެއަށް ވަނީ 103،438 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި އިންޑިއާއަކީ ރާއްޖެއަށް 6 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެ އަހަރުތެރޭ އެ ޤައުމުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
އިންޑިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ލައްކައެއް ހުރަސްކޮށްފައިވާއިރު، އެޤައުމުގައި ރާއްޖެ އިސްތިހާރުކޮށް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އެގޮތުން މިއަހަރުގެ ޖުލައިމަހުގެތެރޭގައިވަނީ "ވެލްކަމް އިންޑިއާ" ނަމުގެ އިންޑިއާގައި ރާއްޖެ އިސްތިހާރުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. އެމްއެމްޕީއާރުސީއިން އިންތިޒާމްކުރި މި ހަރަކާތުގައި އިންޑިއާގެ 3 ސިޓީއެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށްފައިވެއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަމަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ އިންޑިއާގެ ބޮލީވުޑްގެ އިންޑަސްޓްރީގެ މައި ސިޓީ މުމްބާއީއަށް ވަޑައިގެން ޓޫރިޒަމްގެ ޚާއްޞަ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމެވެ.
ރާއްޖެއިން އިންތިޒާމްކުރި މި ޚާއްޞަ ޓޫރިޒަމް ހަރަކާތުގައި އިންޑިއާގެ މަޝްހޫރު ފަންނާނުން ބައިވެރިވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ރާއްޖެއާމެދު ދެކޭ ގޮތް ހިއްސާކުރިއެވެ. ރައީސާއެކު ގިނަ ވަގުތުތަކެއް އެ ފަންނާން ހޭދަކުރިއެވެ.
މި ހަރަކާތުގެ ކާމިޔާބީ މިހާރުވެސް ވަނީ ފެންނަން ފަށާފައެވެ. އެގޮތުން އިންޑިއާގެ މަޝްހޫރު އެތައް ފަންނާނުންނެއް މިހާރުވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުންނެވެ. ބޮލީވުޑްގެ ފަންނާނުން ރާއްޖެއަށް ޒިޔާރަތްކޮށް ނަގާ ފޮޓޯތައް އިތުރު އެތައް ބަޔަކު ރާއްޖެ ދިއުމަށް ޝަޢުގުވެރިވާކަމެކެވެ. ވުމާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގައި އިންޑިއާގެ ބޮލީވުޑް އިންޑަސްޓްރީއަކީ މުހިންމު ބައެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1،693،952 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %9.5 އިތުރު އަދަދެކެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރުތެރޭ ރާއްޖެ 2 މިލިޔަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ގާއިމްކުރުމަށެވެ. އަދި މިއަހަރުގެ ޑިސެމްބަރުމަހުގެތެރޭގައި މި އަމާޒު ހާސިލްކުރެވޭނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ލަފާކުރެއެވެ.