ޚަބަރު

"ވިލިމާލޭ ހޮސްޕިޓަލުގެ މަސައްކަތް 2 އަހަރުގެ ތެރޭ ނިންމާ ޚިދުމަތްދޭން ފެށުމަކީ އަމާޒެއް"


  • މި މަޝްރޫޢުގެ ޓެންޑަރިން މަރުހަލާ ފެށުމަށް ދަނީ ތައްޔާރުވަމުން

  • މި މަސައްކަތަށް ބޭނުންވާ ސާރވޭގެ މަސައްކަތް ވަނީކޮށްފައި

ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ދޭން ފެށުމަކީ އަމާޒެއްކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީ ނިންމުމާ ގުޅިގެން އެލިއުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެެއެވެ.

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާއިން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަވަން ނިންމެވި މަޝްރޫޢުއެކެވެ.

އިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ވިލިމާލޭ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެކި ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށެވެ. އެގޭ ތެރޭގައި ހޮސްޕިޓަލުތަކާއި ވުޒާރާތަކާއި އެކަމާއި ގުޅުން ހުރި ތަންތަނާއެކު މަޝްވަރާ ބައްދަލުވުންތައް ގެންދެވުނުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، މި މަސައްކަތަކީ އައިޖީއެމްއެޗްގެ ދަށުން ހިންގާ މަސައްކަތަކަށްވުމުން އެ ހޮސްޕިޓަލާއި ޞިއްޙީ ވުޒާރާއި ގުޅިގެން ވިލިމާލޭ ހޮސްޕިޓަލަށް ބޭނުންވާ އާލާތްތަކުގެ ލިސްޓް ކަނޑައެޅި އަދި އެތަނުން ލިބެން ހުންނަ ޚިދުމަތްތަކާއި މީގެ އިތުރުންވެސް ބޭނުންވާނެ މައުލޫމާތު އެއްކުރެވިފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ، ޓެންޑަރިންގެ މަރުހަލާ ފުރިހަމަވުމަށް 6 މަސް ދުވަސް ނަގާނެކަމަށެވެ. މި 6 މަސް ދުވަސް ތެރޭގައި ޑިޒައިންގެ މަސައްކަތް ނިމި މަސައްކަތް ކުރާނެ ކުންފުންޏެއް ބިޑްކޮށްގެން ޗައިނާއިން ހޯދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެއަށްފަހު އަންނަ އަހަރުގެ މެދު ތެރޭގައި އިމާރާތް ކުރުމުގެ މަސައްކަތް ފެށި 2 އަހަރު ތެރޭގައި ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭގެ ތެރޭގައި އިމާރާތް ކުރުމަށް ބޭނުންވާކަމަކާއި ސަޕްލައި ކުރަންޖެހޭ މެޝިނަރީތައް ސަޕްލައިކޮށް ހޮސްޕިޓަލް ނިންމުން. 2 އަހަރު ތެރޭ މަސައްކަތް ނިމި އަޅުގަނޑުގެ އުންމީދަކީ 2027 ވަނަ އަހަރުގެ ތެރޭގައި މި ހޮސްޕިޓަލަކީ ރަނގަޅު ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ޙިދުމަތް ލިބިގެން ދާނެކަމައް" ވަޒީރު ވިދާޅުވިއެވެ.

ވިލިމާލޭގައި މިހާރު ބޭނުންކުރާ ހޮސްޕިޓަލުގައި ބޭނުންކުރަނީ އެމަޖެންސީ 5 އެނދެއެވެ. އަދި ހޮސްޕިޓަލުގައި ހުރީ ބަލި މީހުން ބަލާ 3 ކޮޓަރިއެވެ. ބައެއް އާއްމު ޙާލަތްތަކުގައި މިހާރުވެސް ފަރުވާއަށް އަންނަޖެހެނީ މާލެއެވެ.

ވިލިމާލެއަކީ 15000 އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޝިންއެވެ.