ޚަބަރު

މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ފެށުމަކީ މިސްކިތްތަކަށް ދިރުން ލިބޭނެކަމެއް: ވަޒީރު ޑރ. ޝަހީމް


  • ރާއްޖޭގެ 29 ރަށެއްގެ މިސްކިތްތަކުގައި މިހާރު ވަނީ ފަށާފައި

ޤުރުއާނުގެ ޢިލްމު ފެތުރުމަށް ފެށި މިސްކިތު ޤާރީ ކުލާސްތަކުގެ ސަބަބުން މިސްކިތްތަކަށް ދިރުން ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިސްކިތްތަކުގައި ޤުރާއާން ކުލާސްތައް ކުރިއަތް ގެންދަން ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޤުރުއާން އުނގަންނައިދިނުމަށް މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ފެށިގެން ދިއުމުން މިސްކިތްތަކަށް ދިރުން ލިބިގެން ދާނެކަމަށެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިސްކިތު ޤާރީ ކުލާސްތައް ރާއްޖޭގެ 29 ރަށެއްގެ މިސްކިތްތަކުގައި މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން އެކި ޢުމުރުފުރާތަކުގެ ކުދިން ކުލާސްތަކުގައި ބައިވެރިވެ ޤުރުއާން އުނގެނެމުންދާކަމަށާއި މި ކުލާސްތަކުގައި ކިޔަވައިދެއްވަނީ މިސްކިތްތަކުގެ އިމާމުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިއީ ހިލޭސާބަހަށް ޤުރުއާން އުނގަންނައިދިނުމަށް މަސައްކަތްކުރައްވާ އިމާމުންކަން ފާހަގަކޮށް އެ ވުޒާރާއިން ވިދާޅުވީ މިސްކިތު ޤާރީ ކުލާސްތައް ކުރިއަށްދަނީ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމެއްނެތިކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވަނީ ޤުރުއާނުގެ ޢިލްމު ރާއްޖޭގައި މިހިސާބަށްވެސް އައިސްފައިވަނީ އިހުޒަމާނުގައި ހިލޭ ސާބަހަށް އިމާމުންނާއި މުދިންމުންނާއި އެދުރުދައިތައިންނާއި އެދުރުބޭބެމެން ކޮށްދެއްވި ބުރަ މަސައްކަތާއި ޤުރުބާނީގެ ސަބަބުންކަމަށެވެ.

އެގޮތުން މި ކުލާސް ފެއްޓެވުމަށް ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ޤުރުއާން ކިޔަވައިދެއްވަން ބޭނުންވެލައްވާ އިމާމުން ރަށްރަށުގައި ގިނަކަމުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ އިމާމުންނަށް ދިމާވާ ދައްޗަކީ ޤުރުއާން ކިޔަވައިދޭނެ ޖާގައެއް ނެތުންކަމަށާއި އެހެންކަމުން މި ކުލާސްތަކަކީ އެއިމާމުންނަށް ފުރުޞަތެއް ފަހިވެގެންދާނެ ކުލާސްތަކަކަށްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިންވަނީ މިސްކިތްތަކުގައި ޤުރުއާން ކުލާސް ހިންގުމުގެ ހުއްދަ 32 ފަރާތަކަށް ދެއްވާފައެވެ. އޭގެތެރޭގައި 23 ރަށަކާއި، 3 ޖަމްޢިއްޔާގެ އިތުރުން މާލެ ސަރަހައްދުގެ 5 މިސްކިތް ހިމެނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ވީހާވެސް ގިނަ ރަށްތަކެއްގައި މި ކުލާސްތައް ކުރިއަށް ގެންދިއުމަށެވެ.