 
										
			ރާއްޖޭގައި ސިޔާސަތުތައް ކަނޑައެޅުމުގައި ތަފާސްހިސާބާއި، ދިރާސީ ހެކީގެ މައްޗަށް ބުރަވެ ގޮތް ނުނިންމާކަމަށް، މިންތީގެ ހަމަހަމަކަމާއި ގުޅޭގޮތުން ސިޔާސަތު ކަނޑައެޅުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ސަރވޭ ރިޕޯޓުން ހާމަވެއްޖެއެވެ.
 
މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސިޔާސަތުތައް ކަނޑައެޅުމުގައި ޑޭޓާ ނުވަތަ ދިރާސީގޮތުން އެއްކުރެވިފައިވާ މަޢުލޫމާތުގެ ބޭނުން ހިފާ މިންވަރު ބެލުމަށް ކުރިއަށްގެންދިޔަ ސަރވޭގައި ކަންބޮޑުވާ ބައެއް ކަންކަންވަނީ ފާހަގަވެފައެވެ. 
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދިޔަ ސަރވޭއަށްފަހު އެކުލަވާލާފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުގައި ރާއްޖޭގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގައި ސިޔާސަތު ކަނޑައެޅުމުގައި ގޮތް ނިންމަނީ ތަފާސްހިސާބާއި ދިރާސީ ހެކީގެ މައްޗަށް ބުރަ ނުވެއެވެ. އަދި އެފަދަ ސަޤާފަތެއް ޤާއިމުވެފައި ނެތްކަމަށް މިރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. 
އެހެންކަމުން މިކަން ބަދަލުކުރުމަށް އެކި ފަންތިތަކުގައި މަސައްކަތް ކުރުމަށް މިރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ސްކޫލް އަދި ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށް ރިޕޯޓުގައިވަނީ ބާރުއަޅާފައެވެ. 
		
 
										
			މިންތީގެ ހަމަހަމަކަމާއި ގުޅޭގޮތުން ސިޔާސަތު ކަނޑައެޅުމުގައި އެއްކުރެވޭ މަޢުލޫމާތުގެ ބޭނުންކުރާނެގޮތްތައް ނޭނގުމަކީވެސް މިސަރވޭއިން ހާމަވިކަމެކެވެ. އެގޮތުން ސަރވޭގައި ބައިވެރިވި ބައެއް ފަރާތްތަކުން މިކަމުގެ ސަބަބެއްގެ ގޮތުގައި ދައްކާފައިވަނީ ގޮތް ނިންމާ ލެވެލްގައި އަންހެނުންގެ ދައުރު ކުޑަވުންކަމަށް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. 
ރާއްޖޭގައި މަޢުލޫމާތު އެއްކުރުމުގައި މާބޮޑު މައްސަލަތަކެއް ކުރިމަތިނުވިނަމަވެސް، މަޢުލޫމާތު ރައްކާކުރުމާއި އަދާހަމަކުރުމުގައި ބޮޑެތި ދަތިތަކެއް ހުރިކަންވަނީ މިސަރވޭ ރިޕޯޓުން ހާމަވެފައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގެ ކައުންސިލްތަކުގައި އެއްކުރެވޭ މަޢުލޫމާތު ޑިޖިޓައިޒްކުރެވި ރައްކާކުރެވޭނެ ނިޒާމެއް ނެތުމުން މަޢުލޫމާތު ގެއްލުމުގެ ކަންބޮޑުވުމާއި އަދާހަމަނުވުމުގެ ކަންބޮޑުވުންވެސް މިރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. 
ދިރާސީ އެހީގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ކަނޑައެޅުމާއި ގޮތް ނިންމުމަށް ބާރު އެޅުމަކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޚާއްސަ އިސްކަމެއްދޭ ދާއިރާއެކެވެ. މިގޮތުން ރާއްޖޭގައި އެފަދަ ސަޤާފަތެއް އަށަގެންނެވުމުގެ ގޮތުން ކަމާއި ގުޅޭ ދައިރާތަކުގެ އިސް ފަރާތްތަކާއި ގުޅިގެންދަނީ މަސައްކަތް ކުރަމުންނެވެ. 
ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު އެއްކޮށް ދިރާސީ ހެކި އެއްކުރުމަށް ބާރުއެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ ސަމާލުކަމެއް ދެއްވާ ދާއިރާއެކެވެ. މިގޮތުން ދިރާސާކުރުމަށް އިސްކަންދިނުމުގެ ގޮތުން ޚާއްސަ ގްރާންޓެއް ދެއްވުމަށް އެމަނިކުފާނުވަނީ ނިންމަވާފައެވެ.