ޚަބަރު

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވަޒީރު ފައިޞަލް ފުވައްމުލައް ސިޓީއަށް


  • ފުވައްމުލައް ޓޫރިޒަމް އެވޯޑް ހަފްލާގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ

ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާއިރު، ވަޒީރުގެ މި ދަތުރުފުޅަކީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެއިތުރުން، ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ފުވައްމުލައް ޓޫރިޒަމް އެވޯޑް 2024" ގެ ހަފުލާގައި ޚާއްސަ މެހެމާނެއް ގޮތުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ހަފުލާގައި ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް އެވޯޑު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަޒީރުގެ މި ދަތުރުފުޅަކީ ފުވައްމުލައް ސިޓީގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ދަތުރުފުޅެއް ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.