ޚަބަރު

ކޮޅުފުށީގެ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ނޮވެންބަރުމަހު ނިމޭނެ: ގެދޮރުވެރިކަމާބެހޭ ވުޒާރާ


  • މަޝްރޫޢުގެ 81 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

  • ހުރިހާ މަސައްކަތެއް ނިމިފައިވަނީ 40 ގެއެއްގެ

މ. ކޮޅުފުށީގައި ތަރައްޤީކުރާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރުގެ ނޮވެންބަރުމަހު ނިމޭނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށަފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހުއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އާރުސީސީއާއެވެ. މަސައްކަތުގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. އެހެންނަމަވެސް އެކި ސަބަބާހުރެ މަސައްކަތް ވަނީ ލަސްވެފައެވެ.

މީގެ ކުރިން ޕީއެސްއެމް ނިއުސްއަށް ކޮޅުފުށީ ކައުންސިލުން މަޢުލޫމާތު ދީފައިވަނީ މިއަހަރުގެ ސެޕްޓެންބަރުމަހަށް މަސައްކަތް ނިމޭނެކަމަށް ކަމަށެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، 100 ހައުސިން ޔުނިޓުގެ މަސައްކަތް ނިމޭނީ މިއަހަރުގެ ނޮވެންބަރުމަހު ކަމަށެވެ.

ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުލް އަލީމް ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ހައުސިން ޔުނިޓުތަކުގެ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން ރޭނުމާއި ސިމެންތީގެ މަސައްކަތާއި ހިޔާކުރުމުގެ މަސައްކަތް، ހުރިހާ ގެއެއްގައިވެސް ނިންމާފައިވާކަމަށް އެނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ވަޔަރުކުރުމާއި ސީލިންގުގެ މަސައްކަތް ނިމިފައިވަނީ 81 ގެއެއްގެއެވެ. މުޅިއެކު ހުރިހާ މަސައްކަތެއް ނިންމާފައިވަނީ 40 ގެއެއްގެ ކަމަށާއި މުޅި މަޝްރޫޢުގެ 81 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

ކޮޅުފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިމުމާއެކު އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށެވެ.

ކޮޅުފުށީގައި މި 100 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް މަސައްކަތް ފުރަތަމަ ފަށާފައިވަނީ 2019އެވެ. އެފަހަރު، ކޮންޓްރެކްޓަކަރާ ޙަވާލުކޮށް ޢަމަލީ މަސައްކަތް ފެށިނަމަވެސް، ކޯވިޑު-19އާ ގުޅިގެން މަސައްކަތް ވަނީ ހުއްޓިފައެވެ. އެއަށްފަހު މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ.

މި 100 ހައުސިންގ ޔުނިޓަކީ މުޅިން ވެސް 3 ކޮޓަރީގެ ޔުނިޓްތަކެކެވެ. ކޮންމެ ހައުސިންގ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓީންރޫމް، ބަދިގެ އަދި ލޯންޑްރީއާއި ސްޓޯ ރޫމެއް ހުންނާނެއެވެ.

ކޮޅުފުށީގައި ނުނިމިހުރި މި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމުމަށް ޚަރަދުކުރާނީ ޕީ.އެސް.އައި.ޕީގެ ތެރެއިންނެވެ. މި މަސައްކަތަށް 121 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ކަނޑައަޅާފައިވާކަމަށް ކޮޅުފުށީ ކައުންސިލުން ވިދާޅުވެއެވެ.

ކޮޅުފުށްޓަކީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެކެވެ. ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މި ރަށުގައިވަނީ ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުތަކެއް މީގެ ކުރިންވެސް ހިންގާފައެވެ.