ޚަބަރު

މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަސައްކަތް ފަށައިފި


  • މަގުތަކުގައި ހުރި މައްސަލަތައް ޑިޖިޓަލީ ފެންނަން ހުންނާނެގޮތް ހެދުމަށްދަނީ މަސައްކަތްކުރަމުން

  • މިކަންކުރުމަށް މާލޭގެ މަގުތަކުގެ ސަރވޭއެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުންދަނީ ކުރައްވަމުން

  • މިއާއެކު މަގުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އަވަސްކުރެވޭނެ

މާލެ ސިޓީގެ މަގުތަކުގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި ޚާއްސަ ސަރވޭއެއްގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފައްޓަވައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، ސަރވޭގެ މަސައްކަތާއެކު މަގުތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން އާންމުންނަށް ވަމުންދާ ދަތިތައް އެނގި އެކަންކަން ހައްލުކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މާލޭގެ މަގުތަކުގެ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭ ކުރިއަށް ގެންދަނީ 19 ދައިރާއަކަށް ބަހާލައިގެންކަމަށެވެ. އަދި މިސަރވޭގެ މަސައްކަތް ނިމިގެންދާއިރު މާލޭގެ މަގުތަކުގައި ޢާއްމުންނަށް ދަތިވާގޮތަށް ހުރި އެކި މައްސަލަތައް ޑިޖިޓަލްކޮށް ފެންނަން ހުންނާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ހަލާކުވެފައި ހުރި މަގުތަކާއި ކާނުތަކާއި ދުވާރުތަކާއި އަދި ޢިމާރާތްކުރުމުގެ ގަވާއިދާ ޚިލާފަށް ހުރި ތަންތަނުގެ މަޢުލޫމާތު އެއްކުރެވޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މި މަސައްކަތްކުރުމުގައި ހަރަކާތްތެރިވާނީ މާލޭގެ ކައުންސިލަރުންނާއި، ސިޓީ ކައުންސިލްގެ މުވައްޒަފުނެވެ. މިމަސައްކަތް ނިމިގެންދާއިރު މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ޑިޖިޓަލްކޮށް ފެންނަން ހުރުމުގެ ސަބަބުން އެންމެ އިސްކަންދީގެން އަވަހަށް ހައްލުކުރަންޖެހޭ ކަންކަން ދެނެގަނެވި މައްސަލަތައް ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅޭނެކަން ސިޓީ ކައުންސިލް ފާހަގަކުރައްވައެވެ.


މާލޭގެ މަގުތަކުގައި ހުރި އެކި މައްސަލަތަކުގެ ޝަކުވާވަނީ ޢާއްމުންގެ މެދުގައި ބޮޑުވެފައެވެ. ޕާކިންގެ މައްސަލައާއި، އުޅަނދުތައް ގިނަވުމުގެ މައްސަލައާއި، ދުވާރުތައް ހަލާކުވެ ކާނުތައް ހަލާކުވުމުގެ ސަބަބުން ހިތާމަވެރި ޙާދިސާތަކެއް ހިނގާފައިވާއިރު އެކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ.

މާލޭގެ މަގުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގައި ދަތިތަކެއް ހުރިއިރު މަގުތަކުގައި ހުރި މައްސަލަތައް ޑިޖިޓަލްކޮށް ފެންނަން ހުންނާނެހެން ހެދުމުގެ ސަބަބުން އެކަމަށް ހައްލު އަންނާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލޭގެ މަގުތަކުގެ މައްސަލަތަކަށް ބަލާއިރު މަގުމައްޗަށް ފެންފައިބާ ތަންތަނުގެ މައްސަލަތައްވެސް ސިޓީ ކައުންސިލުންދަނީ ބަލަމުންނެވެ. އެގޮތުން ނިމިދިޔަ ހަފްތާގައި އެކަނިވެސް، އެފަދަ 44 ތަނެއްގެ ބަލާފައިވާއިރު، އޭގެތެރެއިން 11 ތަނަކަށް ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރެވިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި 30 ތަނެއް ރަނގަޅުކުރުމަށް ނޯޓިސްދީފައިވާކަމަށްވެސް އެކައުންސިލުން ވިދާޅުވެއެވެ.

މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ އިދާތާރަކެއް ގުޅިގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިންދަނީ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުން އެކުލަވާލާފައިވާ "މާލެ ފަހި" މަޝްރޫޢު ނިމިގެންދާއިރު މަގުތަކަށް ދިމާވެފައިވާ ޒަމާންވީ ގިނަ މައްސަލަތަކަށް ދާއިމީ ޙައްލުތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.