ޚަބަރު

ފުރަތަމަ ފަހަރަށް އަތޮޅުތަކުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ވިލިނގިލީގައި ފަށައިފި


  • ގއ. އަތޮޅުގައި މި ޚިދުމަތް ފެށުމަށް އެއްބަސްވުން އެކުލަވާލީ މިދިޔަ ޖުލައިމަހު

  • 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާ ގޮތައް ބަދަލުކުރާނެ

ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފަށައިފިއެވެ. މި ޚިދުމަތް ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ވިދާޅުވީ، މިއީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދޭންފެށި ފުރަތަމަ ފަހަރުކަމަށެވެ. މީގެ ކުރިން މި ޚިދުމަތް ދެނީ ހަމައެކަނި ވެލާނާގެ ބިލްޑިންގގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ އޮފީހުގައެވެ.

ގއ. ވިލިނގިލީގައި މި ޚިދުމަތް ފެށުމުގެ ގޮތުން އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޑީއެންއާރު ހިންގެވުމާއި ހަވާލުވެ ހުންނެވި އެ ވުޒާރާގެ ނައިބް އަޙްމަދު ޢަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގއ. އަތޮޅު ކައުންސިލާއެކު އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމަށްޓަކައި، ޑީއެންއާރުން ވަނީ މިދިޔަ ޖުލައި މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993ގައެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ޤާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ޤާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ޚިދުމަތް ތަޢާރަފްކުރެވުނެއެވެ.