ޚަބަރު

އެއްގަމާއި ކަނޑުދަތުރުފަތުރުގެ ތެރެއަށް އިއާދަކުރަނިވި ހަކަތަ ތަޢާރަފްކުރުމަކީ އަމާޒެއް: ވަޒީރު ޠާރިޤު


  • ސޯލާރ ފެރީއެއް ބަނުމުގެ މަސައްކަތް ދަނީ ކުރަމުން

  • ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ޤާނޫނާއި ޤަވާޢިދުތައް ހަރުދަނާކުރާނެ

  • ހަކަތައިގެ ދާއިރާއަށް އަންނަމުންދާ އައު ޓެކްނޮލޯޖީ ދިވެހިރާއްޖެއަށް ތަޢާރަފު ކުރާނެ

ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި އެއްގަމާއި ކަނޑުދަތުރުފަތުރުގެ ތެރެއަށް އިއާދަކުރަނިވި ހަކަތަ ތަޢާރަފްކުރުމަކީ އަމާޒެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިިދާޅުވީ ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ތައްޔާރުކޮށްފައިވާ ހަކަތައިގެ ސިޔާސަތު 2024 - 2029 އިފްތިތާހުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެއެވެ. މި މަސައްކަތަކީ މި ސިޔާސަތުގައިވެސް ހިމަނާފައިވާ މުހިންމު މަސައްކަތެކެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ، ހަކަތައިގެ ސިޔާސަތުތައް އަމާޒު ހިފާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކޮޕް-28 ގެ ވައުދުފުޅާ އެއްގޮތަށް އިމްޕޯޓު ކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު އިތުރުކުރުމަށްކަމަށެވެ.

އެގޮތުން އިފްތިތާހުކުރެވިގެންދިޔަ ހަކަތައިގެ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއްދީފައިވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ހަކަތައިގެ ދާއިރާގައި ޑީސަލް ބެނުން ކުރާ އެންމެ ބޮޑު ދާއިރާއަކީ ދަތުރުފަތުރުކުރުމުގެ ދާއިރާކަމަށެވެ. އެގޮތުން މި ސިޔާސަތުގައި ކަނޑު ދަތުރުފަތުރުކުރުމާއި އަދި އެެއްގަމު ދަތުރުފަތުރުގައި ކިހާވަރަކަށް އިއާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭނެތޯ ބެލުމުގެ މަސައްކަތް ހިމެނޭކަމަށެވެ. އެގޮތުން އީ ވެހިކަލް ރާއްޖެ ގެނައުމަކީވެސް މި ސިޔާސަތުގައި ހިމެނިފައިވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރުވެސް މި ދަނީ ސޯލާރ ފެރީއެއް ބަނުމުގެ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ މި ޑިސެމްބަރު ނުވަތަ ޖަނަވަރީމަހު ގެނެވޭނެ. މިވެސް އަޅުގަނޑުމެން އަޖުމަ ބެލުމުގެ ގޮތުން ކުރެވޭކަމެއް. މި ފެރީ ގެނެސް އިތުރަށް ބަލަންޖެހޭ ކަންކަން ބަލާނަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެ އެތެރެކުރާ ތެލުގެ ކޮލެޓީ ބެލުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އެގޮތުން ކުރިއަތް އޮތްތާގައި ތެލުގެ ކޮލިޓީ ބެލޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާއިން ތަޢާރަފްކުރި މި ސިޔާސަތު ބިނާކޮށްފައިވަނީ 5 ކަމެއްގެ މައްޗައްކަމަށެވެ.

އެގޮތުން އިރުގެ އަތްވާއި އަލީގެ ޓެކްނޯލޮޖީގެ އިތުރުން، ވަޔާއި ކަނޑުގެ އޮޔާއި ރާޅުން އަދި ދިޔަވަރުން ހަކަތަ އުފެއްދިދާނެ ގޮތްތައް ހޯދާ އަޖުމަބަލައި ތަރައްޤީކުރުމަކީވެސް ހަކަތައިގެ ސިޔާސަތުގައި ހިމަނާފައިވާކަމެކެވެ. އަދި ހަކަތައިގެ ދާއިރާއަށް އަންނަމުންދާ އައު ޓެކްނޮލޯޖީ ދިވެހިރާއްޖެއަށް ތަޢާރަފުކޮށް އިންސާނީ ވަސީލަތް ބިނާކޮށް ކުރިއެރުވުމަކީވެސް ހަކަތައިގެ ސިޔާސަތުގައި އިސްކަމެއް ދީފައިވާ ކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ހަކަތަ ސަމަކާރަކުރުމަށާއި، އިސްރާފު ކުޑަކުރުމަށް ކުރަންޖެހޭ އިތުރުކަންކަން ތަޢާރަފުކޮށް ރައްޔިތުން އެކަމަށް އަހުލުވެރި ކުރުވުމާއި ހަކަތައިގެ ދާއިރާ ވަރަށް ޝާމިލު ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުތެރެއަށް އިއާދަކުރަނިވި ހަކަތަ ތަޢާރަފުކުރުމަކީވެސް ހަކަތައިގެ ސިޔާސަތުގައި ޚާއްސަކަމެއް ދީފައިވާކަމެކެވެ.

ހަމައެހެންމެ ހަކަތައިގެ ދާއިރާގައި ހިމެނޭ ތަންފީޒީ އިދާރާތަކާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ޤާނޫނާއި ޤަވާޢިދުތައް ހަރުދަނާކުރުމަކީވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާ ކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.