ޚަބަރު

އެންމެ މޮޅު ރީޖަނަލް ކުލަބަކަށް ބިސްބުރު


  • 2 ވަނަ ދިއްދޫ އެސްސީއަށް

  • 3 ވަނަ ގައްދޫ އާރުސީއަށް

ފާއިތުވީ ސީޒަނުގެ އެންމެ މޮޅު ރީޖަނަލް ކުލަބަކަށް މާލޭ ރީޖަނަލް ލީގު / ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން، ބިސްބުރު ސްޕޯޓްސް ކުލަބު ހޮވިއްޖެއެވެ.

ބިސްބުރާ އެވޯޑު ހަވާލުކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ހަފްލާގެ ތެރެއިންނެވެ.

މި ޙަފްލާގައި ވަނީ ދެވަނައަށް އެންމެ މޮޅު ރީޖަނަލް ކުލަބަކަށް ދިއްދޫ ސްޕޯޓްސް ކުލަބު އަދި ތިންވަނައަށް އެންމެ މޮޅު ކުލަބަކަށް ގައްދޫ ރެކްރިއޭޝަން ކުލަބު ހޮވާފައެވެ.

މި އެވޯޑަށް ދެން ނޮމިނޭޓުވީ ކ. ހުރާ ކޮމިއުނިޓީ ކުލަބެވެ.

ފުޓުބޯޅައިގެ ބޭނުމަށް ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހައިލައި އެފްއޭއެމް އިން ވަނީ މި ހަތަރު ސަރަހައްދުގައި، އެކި ފަންތީގެ ކޮލިފިކޭޝަން މުބާރާތްތައް ބާއްވާފައެވެ. އެގޮތުން އެޓޯލް ޗެމްޕިއަންޝިޕާއި ޒޯން ޗެމްޕިއަންޝިޕް ވެސް ބާއްވާފައިވެއެވެ.

އެއަށްފަހު ބޭއްވި ރީޖަނަލް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި ހަތަރުޓީމުން ވާދަކުރީ މާލޭގައި ބޭއްވި ޑީޕީއެލް ކޮލިފިކޭޝަންގައެވެ.

މި ހަތަރު ޓީމުން ޑީޕީއެލް ކޮލިފައިންގައި ވާދަކުރިއިރު ހުރާ ފިޔަވާ ދެން އޮތް ތިން ޓީމު ވެސް ވަނީ ކޮލިފައިންގައި ނަތީޖާ ނެރެ، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، މިސީޒަނުގެ ދިވެހި ލީގުން ވެސް ޖާގަ ހޯދާފައެވެ. އަދި އެ ޓީމުތައް އަންނަނީ ދިވެހި ލީގުގައި މެޗުތައް ވެސް ކުޅެމުންނެވެ.