ޚަބަރު

ޕީޖީގެ މަގާމަށް ޢައްބާސް ޢައްޔަންކުރަން ކޮމިޓީން ރުހުން ދީފި


  • އައްބާސަށް ރުހުން ދޭން ނިންމެވީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން

ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ހައިކޯޓުގެ ކުރީފެ ފަނޑިޔާރު އަލްއުސްތާޛް ޢައްބާސް ޝަރީފް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ ޢައްބާސްއާ އިންޓަވިއުކުރުމަށްފަހުއެވެ. އެގޮތުން އިންޓަވިއުއަށްފަހު މެންބަރުން 93.91 އިންސައްތަ މާކްސް ދެއްވާފައިވާއިރު ޢައްބާސް އައްޔަން ކުރެއްވުމަށް ރުހުން ދީފައިވަނީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ޢައްބާސް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ޕީޖީގެ މަގާމަށް ޢައްބާސް އައްޔަން ކުރުމަށް ރުހުން ދިނުމުގެ ގޮތުން މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ދައުރުން ބޭރުން މާދަމާ ބާއްވަން ވަނީ ތާވަލުކޮށްފައެވެ.

އަލްއުސްތާޛް ޢައްބާސް ޝަރީފަކީ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ޤާނޫނީ ދާއިރާގެ މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޢައްބާސް ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.