ޚަބަރު

އެމްޕީއެލްގެ އަމާޒު: އައްޑޫގައި ސީފުޑް ހަބަކާއި، ވެހިކަލް އެކްސްޕޯޓުކުރާ ޓަރމިނަލެއް ތަރައްޤީކުރުން


  • އެމްޕީއެލްގެ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތަކެއް ދަނީ ކުރަމުން

  • އައްޑޫގައި ބިން ހިއްކައިގެން އިންޓަރނޭޝަނަލް ފްރީ ޒޯނެއް ތަރައްޤީކުރަނީ

  • މިއީ ޑޮލަރުން އާމްދަނީ ލިބޭނެ ވިޔަފާރިއެއް

އައްޑޫ ޕޯޓު ތަރައްޤީކުރާނީ ބައިނަލްއަޤްވާމީ ސީފުޑު ހަބަކާއި، ވެހިކަލްތައް އެކްސްޕޯޓުކުރާ ޓަރމިނަލަކާއިވެސް އެކުގައި ކަމަށް ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޖީހު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމްޕީއެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ، ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

އެގޮތުން އައްޑޫ ޕޯޓު ތަރައްޤީކުރުމަކީ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި އެކުންފުނީގެ ވިސްނުން ހުރީ އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުގައި ފްރީ ޒޯން އޭރިއާއެއް ޤާއިމްކުރުމުގެ މަސައްކަތްކުރުމަށް ވިދާޅުވިއެވެ.

މިކަމާ ގުޅޭ ތަފްސީލުތައް ހިއްސާކުރަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވީ، އައްޑޫ ސިޓީ ޕޯޓު ސަރަހައްދުން ބޮޑު ބިމެއް ހިއްކައިގެން ބައިނަލްއަޤްވާމީ ސީފުޑު ހަބެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ.

"މަސައްކަތް މިކުރަނީ އައްޑޫ އޭރިއާގައި ފްރީ ޒޯން ހަދައިގެން އިންޓަރނޭޝަނަލް ސީފުޑް ހަބެއް ހެދުން، އޭރުން ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ސީފުޑު ލިބޭނެ ރާއްޖެއިން، އިމްޕޯޓުކުރާކަށް ނުޖެހޭނެ، ޑިލޮރު ލިބުން ފަސޭހަކަމަކަށްވާނެ." ވަޖީހު ވިދާޅުވިއެވެ.

ސީފުޑު ހަބުގެ އިތުރުން އައްޑޫ ޕޯޓުތަކުގައި ވެހިކަލް އެސެމްބަލްކޮށްގެން އެހެން ޤައުމުތަކަށް އެކްސްޕޯޓުކުރުމުގެ މަސައްކަތްވެސް އައްޑޫގައި ކުރުމުގެ ވިސްނުން އެބަހުރިކަމަށް ވަޖީހު ވިދާޅުވިއެވެ.

"ރޯރޯ ޓާރމިނަލެއް އެތަނުގައި ހަދާނަން، ވެހިކަލްތަކަށް އަމާޒުކޮށްގެން، ދުނިޔޭގެ މަރކެޓަށް ވަދެގެން، ކޮންމެވެސް އެއްބަޔަކު މިތަނަށް ގެެނެސްގެން ރާއްޖޭގައި އެކަންކޮށްފައި އެކްސްޕޯޓުކުރާނީ." ވަޖީހު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ސަރަހައްދުގައި ފްރީ ޒޯން އޭރިއާއެއް ތަރައްޤީކުރުމާއި ގުޅޭގޮތުން، ވަޖީހު މީގެކުރިން ވިދާޅުވީ، ބޭރުގެ ކުންފުނިތަކަށް އެތަނުގައި ފެކްޓްރީތައް ހުޅުވުމަށް ދައުވަތުދޭނެ ކަމަށެވެ. މިއީ ރާއްޖެއަށް ވަންނަ ޑޮލަރު އިތުރުވެގެންދާނެ ކަމެއްކަން ވަޖީހު ފާހަގަކުރެއްވިއެވެ.