އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް 50.7 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެ ވުޒާރާގެ ބެލުމުގެ ދަށުން 25 މަޝްރޫއެއް ކުރިއަށް ގެންދާކަމަށެވެ.
އޭގެ ތެރޭގައި 21 މިސްކިތެއްގެ މަސައްކަތާއި 2 އިސްލާމިކް ސެންޓަރުގެ މަސައްކަތް ހިމެނެއެވެ. އަދި 1 ޤުރުއާން ސެންޓަރެއްގެ މަސައްކަތުގެ އިތުރުން ސެޓުލްމަންޓު އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށްދާ 1 މިސްކިތް ހިމެނޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް 50.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްދާކަމަށާއި އިތުރު މަޝްރޫޢުތަކުގެ ދުވެލި އަވަސް ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މަސައްކަތްތައް ކުރިއަށްގެންދާ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢު، ހުޅުމާލޭގައި އިމާރަތްކުރާ ވަޤްފް ބިލްޑިންގކަމަށްވާ ދާރުލް ސަލާމްގެ މަސައްކަތާއި މާލޭގައި އިމާރާތްކުރާ ދާރުލް އަރުޤަމްގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެގޮތުން ދާރުލް ސަލާމްގެ ޑިޒައިން އަދި ކުރެހުމުގެ މަސައްކަތް ނިންމާ ކޮންޓެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށައެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ދާރުލް އަރުޤަމްގެ ކޮންސެޕްޓް އަދި ތަފްސީލީ ކުރެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.