ދިއްދޫގައި އަޅަން ފަށާފައިވާ 75 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް އަންނަ އަހަރުގެ ފެބްރުއަރީއަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ގެދޮރުވެރިކަމާ ބިމާއި އުމްރަނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅު ވެރިކަން ކުރާ ރަށް ހއ. ދިއްދޫގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
މި މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްއެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގޭގެ އިތުރުން ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމް ހިމެނެއެވެ.
މި މަޝްރުޢޫގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަޝްރޫޢުގެ %73 މިހާރު މުޅިން ނިމިފައިވާކަމަށެވެ. އަދި މިވަގުތު ކުރިއަށްދަނީ ގެތަކުގެ ފިނިޝިންގެ މަސައްކަތްކަމަށެވެ.
މި މަސައްކަތް 2023 ގެ ނިޔަލަށް މުޅިން ނިންމާ، ޔުނިޓްތައް ހަވާލުކުރާނެކަމަށް އޭރުގެ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. ނަމަވެސް ގެތަކުގެ މަސައްކަތްތައް އަދިވެސް މުޅިން ނިމިފައެއް ނުވެއެވެ.
މަޝްރޫޢު ލަސްވުމާއި ގުޅޭގޮތުން، ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަސައްކަތްތައް ލަސްވި އެންމެ ބޮޑު އެއް ސަބަބަކީ އެ މަޝްރޫޢު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖައްސާފައި ނެތުންކަމަށެވެ. ނަމަވެސް އެ މައްސަލަތައް ޙައްލުކޮށް މަޝްރޫޢުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު، މި މަޝްރޫޢު މިހާރު ނިންމަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު 20 ވަނަ ދުވަހަށްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢު އެސްޖޭ ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފައިވަނީ 120 މިލިޔަން ރުފިޔާއަށެވެ. ދިއްދޫގައި މިހާރު ތަރައްޤީކޮށްފައިވާ ޔުނިޓްތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން، ގޯތި ލިބޭ މީހުން ހޮވުމުގެ މަސައްކަތްތައް އެރަށު ކައުންސިލުން ދަނީ ކުރަމުންނެވެ.
ދިއްދޫއަކީ އާބާދީގައި 5000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ރަށުގެ އާބާދީ އިތުރުވުމާއި، ރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވުމާއެކު، ދިއްދުއަށް ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ.
2008 ވަނަ އަހަރު ދިއްދުއިން ބިން ހިއްކާފައިވެއެވެ. އެތަނުގައި 250 ހައުސިންގ ޔުނިޓް ތަރައްޤީކޮށް އެތަންތަނުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.
ދިއްދޫގައި އިތުރު ހައުސިންގ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ސަރުކާރުންވެސް ވަނީ ނިންމާފައެވެ.