ޚަބަރު

ޕީއޭޕީ ރޯޑްމެޕުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއްލިބޭނެ: ތިމާވެށްޓާބެހޭ ވަޒީރު


  • ޕީއޭޕީ ރޯޑްމެޕް އިފްތިތާހްކޮށްދެއްވީ ވަޒީރު ޠާރިޤް

  • ރޯޑް މެޕްގެ ސަބަބުން ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތު ލިބޭނެ

އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަރޝިޕް ރޯޑް މެޕްގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއްލިބޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރއިން އިންތިޒާމުކޮށްގެން ބޭއްވި އާރު.ސީ.އެފް 2024 އޭޝިއާ ފޯރަމްގައި ބައިވެރިވެވަޑައިގެ އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަރޝިޕް ރޯޑްމެޕް ފޯރ އަދަރ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަރވޭޝަން މެޝަރސް ރޯޑް މެޕް ތަޢާރްފްކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ތިމާވެށްޓަބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަރޝިޕް ރޯޑް މެޕްގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތް ހަރުދަނާކުރުމަށް ފަސޭހަވާނެކަމަށެވެ. އަދި ރޯޑްމެޕްގެ ސަބަބުން އޭޝިއާގެ އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިވެ، ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޕީއޭޕީ ރޯޑްމެޕްގެ މަޤްޞަދަކީ އޭޝިއާ ސަރަޙައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމެވެ. މީގެ އިތުރުން، މި ރޯޑްމެޕްގެ ސަބަބުން އޭޝިއާގެ ޤައުމުތަކުގެ މެދުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް ބެލެވޭކަމަށްވެސް ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ތިމާވެށްޓާބެހޭ ވަޒީރުގެ މި ދަތުރުފުޅުގައި ވަނީ ރާއްޖެއިން އާރު.އެފް.ސީ 2024 އޭޝިއާގެ ދަށުން ބޭއްވި"ސެލެބްރޭޓިން ދަ ޑެކޭޑް އޮފް އެޑްވާންސިން ޕްރޮޓެކްޓެޑް އޭރިއާސް އިން އޭޝިއާ" ގެ ރިޔާސަތު ބަލަހައްޓަވާފައެވެ.

ރާއްޖެއިން ރިޔާސަތު ބަލަހައްޓާފައި ވަނީ އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަރޝިޕްގެ ކޯޗެއާ ގައުމުގެ ހައިސިއްޔަތުންނެވެ. މިއީ އޭޝިއާގެ ސަރަޙައްދުގައި ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތައް ކުރިއެރުވުމަށް ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ހަރަކާތެކެވެ.

ދިވެހިރާއްޖެއިން މި އިވެންޓްގެ ރިޔާސަތު ބެލެހެއްޓުމުން، ރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ސަމާލުކަން ލިބި، އަދި އޭޝިއާ ސަރަޙައްދުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އައި.ޔޫ.ސީ.އެންގެ 8 ވަނަ އޭޝިއާ ރީޖަނަލް ކޮންޒަވޭޝަން ފޯރަމްއަކީ ދެމެހެއްޓެނިވި މުސްތަޤްބަލެއް ހޯދުމަށްޓަކައި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި އައު ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި ބޭއްވި މުހިންމު ބައްދަލުވުމެކެވެ. މި ފޯރަމްގައި 600 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެއެވެ. މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނި ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައެވެ.