ޚަބަރު

މުސްލިމުންގެ ލެއަކީ ކަނޑުގައި ހުރި ލޮނަށްވުރެ އަގުހެޔޮ އެއްޗަކަށް މިހާރުވަނީވެފައި: ޚުޠުބާ


  • ޚުޠުބާގެ މަޢުޟޫޢަކީ ދީނަށްޓަކައި ޚިދުމަތްކުރުން

މުސްލިމުންގެ ލެއަކީ މާސިންގާ ކަނޑުގައި ހުރި ލޮނަށް ވުރެ އަގުހެޔޮ އެއްޗެކަށް މިއަދުވެފައިވާކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. އިސްމާލީ މަރުކަޒުގައި މިއަދު ހުކުރު ޚުޠުބާ ދެއްވާ އިމާމުވެ ހުކުރު ނަމާދުކުރެއްވީ މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޑރ. ޙަމްދާނު ބުނު ޙުމައިދު އައްސުލަމީއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫޢަކީ ދީނަށްޓަކައި ޚިދުމަތްކުރުމެވެ.

ޚުޠުބާގައި ވިދާޅުވީ އިހާނެތިކަމާއެކު މުސްލިމުންގެ ޤައުމުތައް ސުންނާފަތިކުރަމުން ނުޙައްޤުން އެ ދައުލަތްތަކުގެ މައްޗަށް ވެރިވެގަންނަމުން ދާއިރު، މުސްލިމުންގެ ލެއަކީ މާސިންގާ ކަނޑުގައި ހުރި ލޮނަށް ވުރެ އަގުހެޔޮ އެއްޗަކަށް މިހާރުވަނީވެފައިކަމަށެވެ.
ޢަދުއްވުންގެ އެންމެ ރަހީނަކަށްޓަކައި މުޅި ދުނިޔެ އުޅެނީ ނިދިނައިސްގެންކަމަށާއި، ޢަދާވާތްތެރިން މުސްލިމުންނަށާއި، މާތްﷲގެ ފޮތަށް އިހާނެތިކޮށް ހިތަމުންދާ އިރު މުސްލިމުންގެ ހިތަށް އަސަރެއް ނުކުރޭތޯ ޚުޠުބާގައި ސުވާލު ކުރެއްވިއެވެ. އަދި މުސްލިމުންގެ މެދުގައި އޮންނަ އެއްހަށިގަނޑެއްގެ ރޫޙު މިއަދު ކޮބައިތޯވެސް ޚުޠުބާގައި ސުވާލުކުރެއްވިއެވެ.

މުސްލިމުން މިއަދު މިތިބީ ގުޅިގެން މަސައްކަތްކުރާން ޖެހިފައިވާ ޒަމާނަކަށް އާދެވިފައިކަށާއި، ދީނަށް ނަޞްރުދިނުމުގައި ޙަޤީޤީ ޢަމަލީ ޙިއްޞާއެއް އަދާކުރަން ވިސްނަން ޖެހިފައިވާކަމަށް ޚުޠުބާގައި ޑރ. ޙަމްދާނު ބުނު ޙުމައިދު އައްސުލަމީ ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ދީނަށް ޚިދުމަތްކުރުމަކީ، ﷲ ތަޢާލާގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމުގެ އަސާސްކަމަށެވެ. އޭގެ ސަބަބުން ކަންބޮޑުވުމާއި ހާސްކަމާއި ފިކުރުތައް ދުރަށްދާނެކަމަށް ވިދާޅުވިއެވެ. އަދި ދީނަށް ޚިދުމަތްކުރުމަކީ ދަތިތައް ފިލުއްވައިދެއްވައި މޮޅިވެރިކަން ފިލާ ޢަމަލެއްކަން ފާހަގަކުރައްވާ ޚުޠުބާގައި ވަނީ ހެޔޮ ބަހެއް ބުނުމަކީވެސް ޞަދަޤާތެއްކަން ހަނދާންކޮށްދެއްވާފައެވެ.

ޚުޠުބާގައި ވިދާޅުވީ ދާއިމީ ގޮތެއްގައި ކުރެވޭ މަދު ޢަމަލަކީ މެދުކެނޑުމާއެކު ކުރެވޭ ގިނަގުނަ ޢަމަލުތަކަށް ވުރެ ހެޔޮވެގެންވާ ޢަމަލެއްކަމަށެވެ. ދީނަށް ޢަމަލުކުރުން މުހިންމު ކަމަށާއި ދީނަށް ޚިދުމަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެެއް ކަމަށް ޚުޠުބާގައި ވިދަޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ފާފަކުރެވުމަކީ ދީނަށް އޮންނަ ލޯތްބާއި ތާއީދަށް ކުޑަވެސް ދޯހަޅިކަމެއް އަންނާންވީ ސަބަބެއް ނޫންކަމަށެވެ. ހިތްވަރުގަދަ ފަހުލަވާނަކީ ހަވާނަފުސު ކޮންޓުރޯލުކޮށް، އޭގެ މައްޗަށް ބާރު ފޯރުވައިފި މީހާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. ނަމަވެސް ހިތާމައަކީ ޝައިޠާނާއަށް އިންސާނުންގެ ފާފަތަކުގެ ބޭނުންކޮށްގެން ނަފާހޯދުމަށް ފުރުޞަތު ދެވުންކަމަށާއި، އޭނާ އިންސާނުންގެ ހިތަށް ވަސްވާސް ވައްދާކަމަށް އިސްލާމީ މަރުކަޒުގައި މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޑރ. ޙަމްދާނު ބުނު ޙުމައިދު އައްސުލަމީ ޢަރަބިބަހުން ދެއްވި ޚުޠުބާގައި ވިދާޅުވިއެވެ.