ޚަބަރު

ވިއްސާރައިގައި ގެއްލުންވި 2 ޢާއިލާއެއް އަދިވެސް ތިބީ ވަގުތީ ބޯހިޔަލުގައި: އެންޑީއެމްއޭ


  • މާލޭގެ 5 ގޭބިސީ އަކުން 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

  • ވަގުތީ ހިޔާވަހިކަމުގައި ތިބި މީހުން ޢާއްމު ހާލަތަކަށް ގެނައުމަށްދަނީ މަސައްކަތްކުރަމުން

ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން ގެދޮރަށް ގެއްލުންވެ ވަގުތީ ހިޔާތަކަށް ބަދަލު ކުރީ މީހުންގެ ތެރެއިން މިވަގުތު ތިބީ 2 ޢާއިލާއެއްކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މިފަހަރު ކުރި ވިއްސާރައިގައި ޖުމްލަ 5 ގޭބިސީއަކުން ވަގުތީ ހިޔާތަކަށް މީހުންވަނީ ބަދަލުކޮށްފައެވެ.

މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ އެކިވަރުގެ ގެއްލުންތައްވަނީ ލިބިފައެވެ. ވިއްސަރައިގައި ލިބުނު ގެއްލުން ދެނެގަތުމަށް ވިއްސާރަކުރި ވަގުތު ހެދި ރެޕިޑް އެސެސްމަންޓުން ބައެއް ގޭބިސީތަކުގައި ދިރިނޫޅެވޭވަރަށް ޙާލަތު ގޯސްވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މީގެތެރެއިން ގިނަ ގޭބިސީތަކަކީ ޢާއްމުކޮށް ވިއްސާރަވުމާއި ގުޅިގެން ވަގުތީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަދަ ނާޒުކު ޙާލަތްތަކުގައި ގެދޮރު ހުންނަ ތަންތަނުގެ ގޮތުގައި މެޕްކުރެވިފައިވާ ގޭބިސީތައްކަން އެންޑީއެމްއޭއިން ފާހަގަކުރައްވައެވެ.

ވިއްސާރައިގައި ލިބުނު ގެއްލުމުގެ މަޢުލޫމާތުތައް ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ދިރިނޫޅެވޭ ވަރަށް ގެއްލުންވި 5 ގޭބިސީއަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި މީގެތެރެއިން ބައެއް ފަރާތްތައް މިހާރުވެސް ވަގުތީ ބޯހިޔަވަހިކަމުގައި ތިބިކަން ހިސާން ފާހަގަކުރެއްވިއެވެ.

"2 ގޭބިސީއެއްގެ 10 މީހަކު މިވަގުތުވެސް އެބަތިބި. ޢާއްމު ޙާލަތަކަށް އައުމާއެކު އެފަރާތްތަށްވެސް ޢާއްމު ދިރިއުޅުމަށް ރުޖޫޢުކުރެވޭނެ." ހިސާން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވަނީ 5 ގޭބިސީއަކުން ޖުމްލަ 23 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެގެތެރޭގައި މާފަންނުގެ 2 ގެއަކުން 11 މީހުންނާއި ގަލޮޅުގެ ގެއެއްގެ 3 އެޕަރޓްމަންއަކުން 12 މީހެއް ހިމެނެއެވެ. އެންޑީއެމްއޭއިންވަނީ މި ގޭބިސީތަކުގައި ކައްކާކެވޭނެގޮތެއް ނެތުމާއި ނިދޭނެ ގޮތެއްވެސް ނެތްކަން ފާހަގަކޮށްފައެވެ. ވިއްސާރައާ ގުޅިގެން މާލެއިން އެކަނިވެސް 251 ރިޕޯޓް ލިބިފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

ފެން ބޮޑުވެގެން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މާފަންނުގެ ގެތަކަށެވެ. ވިއްސާރައިގައި އެކި ވަރުގެ ގެއްލުންވެގެން މާފަންނުގެ 130 އަށްވުރެ ގިނަ ގެއިން ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

އެންޑީއެމްއޭއިން މިހާރު ދަނީ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމަށް އެސެސްމަންޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަން އެއިދާރާއިން ފާހަގަކުރައްވައެވެ.