ޚަބަރު

އެތައް އަހަރަކަށްފަހު ހުޅުމާލޭގެ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންކުރަން ފަށަނީ


  • ހުޅުމާލޭގައި ޖުމްލަ 7 މެކޭނިކަލް ޕާކިންގ ސިސްޓަމް އެބަހުރި

ޕާކިންގ މައްސަލައަށް ޙައްލު ގެނެވޭނެކަމަށް ޤަބޫލުކޮށް ޕާކު ކުރުމަށް ޒަމާނީ ނިޒާމެއް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ތަޢާރަފްކުރިއެވެ. އެއީ އިލެކްޓްރޯނިކަލް ޕާކިން ސިސްޓަމްތައް ބެހެއްޓުމެވެ. މިއީ ވަރޓިކަލް ސިސްޓަމްތަކެއްގައި، ކުޑަ ޖާގައެއްގައި ގިނަ އުޅަނދު ޕާކު ކުރެވޭ ނިޒާމެކެވެ.

މާލޭގައި އެއްގަމު އުޅަނދުތައް ޕާކުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ކުރީގެ ސަރުކާރުން މާލޭގެ އެކި ސަރަޙައްދުތަކުގައި މެކޭނިކަލް ޕާކިންގ ސިސްޓަމްތަކެއް ހަރުކުރަން ފެށިއެވެ. މި ސިސްޓަމްތައް ހަރުކުރުމަށް ޖުމުލަ 58 މިލިއަން ރުފިޔާ ހޭދަވިއެވެ. އެހެންނަމަވެސް މިއިން އެއްވެސް ސިސްޓަމެއް ބޭނުންނުކުރެވި މިހާތަނަށް ވަނީ ބޭކާރުވެފައެވެ.

މި ސިސްޓަމްތައް މާލެ ގެނެސް، އެންމެ ފުރަތަމަ ކާރު ސިސްޓަމް ބަހައްޓައި ޓެސްޓު ކުރީ ވެލާނާގެ ކައިރީގައެވެ. އަދި ހީނާމާގެއާއި، މާލޭ ސްކޮޔަރއާއި، ހައުސިންގ މިނިސްޓްރީ ކައިރީގައިވެސް ސިސްޓަމްތައް ބެހެއްޓިއެވެ. ނަމަވެސް ގިނަ ސިސްޓަމްތަކުގެ މަސައްކަތް ނުނިމި އެތައް ދުވަހެއް ވެގެން ދިޔައެވެ. އަދި އެއިން އެއްވެސް ސިސްޓަމެއް ބޭނުންކުރަން ފަށާފައެއްވެސް ނުވެއެވެ. މާލޭގައި ބެހެއްޓި އެއްވެސް ޕާކިންގ ސިސްޓަމްއެއް ބޭނުންނުކުރެވި ވަނީ ނަގާފައެވެ.

މީގެއިތުރުން ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގައި ވެސް މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބެހެއްޓިއެވެ. އެ ސިސްޓަމްތައް ބެހެއްޓުމާއެކު ހުޅުމާލޭގެ ވެސް ޕާކިންގ މައްސަަލައަށް ހައްލު ލިބިގެންދާނެ ކަމުގެ އުންމީދާއެކުގައެވެ. އެ ސިސްޓަމްތައް ބެހެއްޓިނަމަވެސް މިއަދާ ހަމައަށް ވެސް އެތަކެތި ބޭނުންކޮށްފައެއް ނުވެއެވެ.

މެކޭނިކަލް ޕާކިންގ ސިސްޓަމްތަކުގެ ބޭނުން އެތައް އަހަރެއްވަންދެން ނުކުރެވި އޮތުމަށްފަހު، ހުޅުމާލޭގައި ހުރި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް އެހެންތަނަކަށް ބަދަލުކޮށް އެ ސިސްޓަމްތައް ބޭނުންކުރަން ނިންމާފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން މިހާރު މިވަނީ ހާމަކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދަތުރުފަތުރާ ބެހޭ ވުޒާރާގެ ނައިބު އަލީ ނިޝާން ވިދާޅުވީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއެކު ކުރެވުނު މުއާމަލާތްތަކުގައި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް އެހެން ތާކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބަދަލުކުރަނީ ކޮން ތާކަށް ކަމެއް އޭނާ ވިދާޅެއްނުވެއެވެ.

އެޗްޑީސީއާ މަޝްވަރާ ކޮށްގެން އެ ތަކެތި ބަހައްޓާނެ ތަންތަން ކަނޑައަޅާނެ ކަމަށާއި، ހުޅުމާލޭގައި ޖުމްލަ 7 ރެކް ހުރިއިރު އޭގެތެރެއިން 2 ރެކް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ، މެކޭނިކަލް ޕާކިންގ ސިސްޓަމްތަކުގައި 248 ވެހިކަލް ފާކް ކުރެވޭނެ ކަމަށެވެ. އަދި މިހާރުވެސް އެ ތަންތަން ހުރީ ބޭނުންކުރެވޭ ހާލަތުގައިކަމަށް ނިޝާން ވިދާޅުވިއެވެ.

"މެކޭނިކަލް ޕާކިންގ ރެކްތަކަކީ މިހާރު ވެސް ބޭނުން ކުރެވޭ ހާލަތްތަކުގައި ހުރި ތަންތަން، އެކަން ޔަޤީން ވެސް ކޮށްފިން. ކައިރި މުސްތަޤްބަލެއްގައި އެ ރެކްތައް އެހެން ދިމާލަށް ބަދަލުކޮށްގެން ވެހިކަލްތައް ޕާކު ކުރުމުގެ އިންތިޒާމު ހަމަޖެއްސުން ވިސްނުމަކީ" ނިޝާން ވިދާޅުވިއެވެ.

މި ސަރުކާރުން މިވަނީ ހުޅުމާލޭގައި ބަހައްޓާފައިވާ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް އަލުން ބޭނުން ކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ. އަދި މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް "މާލެ ފަހި" ޕްރޮގްރާމެއް ވެސް މިވަނީ އިފްތިތާހުކޮށްފައެވެ.

މާލެފަހި ޕްރޮގްރާމަކީ ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމާއެކު މާލޭ ސަރަޙައްދުގެ މަގުތަކަކީ ދަތުރުފަތުރާއި ހިނގައި ބިނގާވެއުޅެން ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަށް ވެގެންދާނެއެވެ.