ޚަބަރު

ދަތުރުފަތުރާ ބެހޭ އައު ޤަވާއިދާއެކު ފިޔަވަޅުތައް ހަރުކަށި


  • އޮގަސްޓް އެއްވަނަ ދުވަހު އައު ޤަވާއިދު ގެޒެޓް ކުރާނެ

  • ޓޯ ކުރާ ވެހިކަލްތައް ދެން ދޫކުރާނީ ހުރިހާ ޖޫރިމަނާއެއް ދެއްކުމުން

ރާއްޖެ އެތެރެކުރެވޭ އުޅަނދުތަކަކީ އެތެރެކުރެވޭ މަރުހަލާތަކުގައި އުޅަނދެއް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން، ކޮންމެ ހާލެއްގައި އޮންނަ ދުއްވާ އުޅަނދެއްވެސް އުޞޫލެއްނެތި ރާއްޖެ އެތެރެކުރުމުގެ ފުރުޞަތު އޮވެއެވެ. މިގޮތަށް އެތެރެކުރާ ގިނަ އުޅަނދުތައް ރެޖިސްޓަރނުކޮށް މާލޭގެ މަގުތައް މަތީގައި ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރެއެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅަނދުތައް ދުއްވަމުންވެސްދެއެވެ.

މިކަންތައްތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ވަރަށް ގިނަ މަސައްކަތްތައް ފަށާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދަތުރުފަތުރާ ބެހޭ ވުޒާރާގެ ނައިބު އަލީ ނިޝާން ވިދާޅުވީ، އެއްގަމު އުޅަނދު ޕާކު ކުރުމުގެ ޤަވާއިދާއި އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ޤަވާއިދު އެވުޒާރާއިން މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި އޮގަސްޓް އެއްވަނަ ދުވަހު އައު ޤަވާއިދު ގެޒެޓް ކުރުމާއެކު އެ ޤަވާއިދަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.

ނިޝާން ވިދާޅުވީ، ކުރިން ޤަވާއިދު އޮތް ގޮތުން ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ވުޒާރާއިން އައު ޤަވާއިދު އެކުލަވާލީ ފުލުހުންނާއެކު މަޝްވަރާކުރުމަށްފަހުކަމަށް ނިޝާން ވިދާޅުވިއެވެ.

ޓޯ ކުރާ ވެހިކަލްތައް ދެން ދޫކުރާނީ ހުރިހާ ޖޫރިމަނާއެއް ދެއްކުމުން

ނިޝާން ވަނީ އައު ޤަވާއިދާއެކު އަންނާނެ ބައެއް ބަދަލުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ކުރިން އޮންނަ ގޮތުން ވެހިކަލް ޓޯ ކުރުމުގެ 15 ދުވަސް ފަހުން ފައިސާ ނުދެއްކިޔަސް އެވެހިކަލެއް ދޫކުރެއެވެ.

މި ޤަވާއިދާއެކު ވެހިކަލް ޓޯ ކުރުމަށްފަހު އެމީހެއްގެ ނަމުގައި އެއްވެސް ޖޫރިމަނާއެއް އޮތްނަމަ އެ ހުރިހާ ޖޫރިމަނާއެއް ދެއްކުމުން ނޫނީ ދެން ވެހިކަލް ދޫކުރެވިގެން ނުދާނެއެވެ. ޓޯ ކުރާ ވެހިކަލަކީ މާލެ ޒޯންގެ ވެހިކަލެއްނަމަ ފައިސާ ދެއްކިޔަސް އެ ވެހިކަލް ދޫކުރާނީ 48 ގަޑިއިރު ފަހުންނެވެ.

އެކި ރަށްތަކުގެ ޒޯންތަކުގައި ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކޮށްގެން މާލެސިޓީގައި ދުއްވާނަމަ އެ ވެހިކަލްތައް ޓޯ ކުރުމަށްފަހު 15 ދުވަހަށް ޓޯޔާޑްގައި ހިފެހެއްޓޭނެއެވެ. އަދި 15 ދުވަސް އެ ވެހިކަލް ނެރެވޭނީ ފުލުހުންގެ ބެލުމުގެ ދަށުން، އެ ރަށެއްގެ ބޯޓަށް އެރުވިކަން ޔަޤީންވުމުންނެވެ.

މި ޤަވާއިދާއެކު ވަގު ބޯޑު އަޅުވައިގެން މާލެސިޓީގައި ދުއްވާ ވެހިކަލްތައް ވެސް ޓޯޔާޑަށް ނެގުމަށްފަހު ނެރެވޭނީ ވެހިކަލް ރަޖިސްޓްރީ ކުރުމަށްފަހުގައެވެ. ކުރިންނަމަ ޖޫރިމަނާގެ ފައިސާ ދެއްކުމުން ވަގުތުން ވެހިކަލް ދޫކުރެއެވެ.

މިއީ ޤަވާއިދުގެ ދަށުން ތަންފީޒު ކުރެވިގެންދާނެ ބައެއް ކަންތައްތަކެވެ. ކުރިންނަމަ އަބަދުވެސް ފަސޭހައިން ވެހިކަލް ދޫކުރާތީ މާލެ ވަރަށް ބޮޑަށް ތޮއްޖެހިފައިވާކަން ފާހަގަކުރައްވާ ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވީ އާންމުންނަށް ވާ އުނދަގޫތައް ވަރަށް ބޮޑަށް ހައްލުވެގެންދާނެ ކަމަށެވެ. އަދި މާލޭގައި ވެހިކަލްތަކަށް ވެސް ދުއްވަން ފަސޭހަވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ވުޒާރާގެ އަމާޒަކީ ޤަވާއިދުގެ ތެރެއަށް ކަންކަން ފައްތާ، އުޅަނދުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުވެ.