ޚަބަރު

ނ.އަތޮޅުގެ 13 ރަށެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފި


  • ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރްޓީއެލް ފެރީގެ ޚިދުމަތުން ވަނީ ގުޅާލެވިފައި

ނ.އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތް ފަށައިފިއެވެ.

ނ. މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. ނ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާފައިވާއިރު، އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައި މި ޙިދުމަތް ފޯރުކޮށްދޭނެއެވެ. މިއާއެކު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރްޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވުނީއެވެ.

ނ. އަތޮޅުގައި މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިޚިދުމަތަކީ ރައްޔިތުން ނުހަނު ބޮޑަށް އެދިއެދި ތިބި ޚިދުމަތެއް ކަމަށެވެ. އެހެންކަމުން މި ޚިދުނަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާނެކަން ވްޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިފަދަ މުހިއްމު ޚިދުމަތްތައް އަތޮޅުތަކާއި ރަށްރަށުގައި ފުޅާކުރުމަށް އަތޮޅު ކައުންސިލްތަކަށް މުހިއްމު ދައުރެއް އަދާކުރެވިދާނެކަމަށެވެ. އެހެންކަމުން މިއަދު ފެށިގެންދާ އާރްޓީއެލްގެ ޚިދުމަތާއެކު ކުރިން ޚިދުމަތުގައި ބޭނުންކުރަމުންދިޔަ ފެރީގެ ނިޒާމު އުވާލުމުގެ ބަދަލުގައި އަތޮޅުގެ ރިސޯޓުތަކާއި އަދި އެހެން ރަށްރަށަށް މުދާއި އުފުލުމަށް ވިޔަފާރި އުސޫލުން އެނިޒާމުގެ ބޭނުންކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

“އާރްޓީއެލްގެ ޚިދުމަތުގައި މުދާ އުފުލެނީ ކިހިނެތްތޯއާއި ރިސޯޓުތަކަށް މިދާ އުފުލުގައި ވިޔަފާރި އުސޫލުން ޚިދުމަތުގެ ބޭނުން އަތޮޅު ކައުންސިލް އިސްވެ ކުރެވިދާނެ. މިފަދަ ކޮންމެ ކަމެއް ބޭނުންވީމާ ސަރުކާރަށް އަބަދު ދެންނެވުމުގެ ވިސްނުން ދޫކޮށް އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުން ތެދުވަންޖެހޭ. ޑިމޮކްރަސީގައި ޙަގީގީ މާނައިގައި ރައްޔިތުން ބާރުވެރިވުމަކީއެއީ.” ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޢަބްދުالله ޒިޔާދު ވިދާޅުވީ ނ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ދޭނީ 3 ރޫޓަކުން 2 ފެރީ ބޭނުންކޮށްގެންކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އާރްޓީއެލްގެ ޒަރިއްޔާއިން އެހެން އަތޮޅުތަކާއި ނ.އަތޮޅު ގުޅާލެވިގެންދާނެކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

“އަޅުގަނޑުމެން އަޑުއެހިން ސަރުކާރު ބަދަލުވެގެން އާރްޓީއެލް ތަރައްޤީކުރުމުގެ މަސައްކަތް ނުކުރާކަމަށާއި މި މަސައްކަތް ހުއްޓާލީކަމުގެ އަޑުތައް. އެހެންނަމަވެސް މިއަދު ފެނިގެން މިދަނީ މިމަސައްކަތް ވަރަށް ބާރަށް ސަރުކާރުން ކުރައްވަމުން ގެންދަވާތަން. އަޅުގަނޑުމެންގެ އަމާޒަކީ ވަރަށް އަވަހަށް މުޅި ރާއްޖެ އާރްޓީއެލްގެ ޚިދުމަތުން ގުޅާލުން.” ސީއީއޯ ވިދާޅުވިއެވެ.

ނ.އަތޮޅުގެ 13 ރަށަށް އާރްޓީއެލްގެ ޚިދުމަތް ދިނުމަށް 50 މީހުންގެ ޖާގައިގެ 2 ފެރީ ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. ފުރަތަމަ ހަފްތާގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ. އަދި މިމުއްދަތުގައި މީހުން ދަތުރުކުރުމަށް އެންމެ ބޮޑަށް އެދޭ ގޮތްތައް ބެލުމަށްފަހު ޚާއްސަ ތާވަލެއްގެ ދަށުން އޯގަސްޓްމަހުގެ 1 ވަނަ ދުވަހުން ފެށިގެން އަގު ނަގައިގެން ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނީ މިހާރު ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަތޮޅުގެ ވެރިކަން ކުރާ ރަށަށް ގޮސް ކޮންމެ ދުވަހަކުވެސް އަނބުރާ ރަށަށް ދެވޭ ގޮތަށްކަމަށެވެ.