ޚަބަރު

ޒަމާނީ ޑޮމެއިން ނަންބަރު ސިސްޓަމެއް ޤާއިމުކޮށް، ޑޮމެއިންތަކުގެ ސައްޙަކަން ކަށަވަރުކުރަނީ


  • މި މަސައްކަތް މިފެށޭ އޯގަސްޓްމަހު ތަންފީޒުކުރަން ފެށުމަށް ވަނީ ހަމަޖެހިފައި

  • ރެކޯރޑްތަކުން ސައްޙަކަން ޔަޤީންކުރެވޭ ޑޮމެއިންތައް ޢާންމުކުރާނެ

  • ވެރިފަރާތް ޔަޤީން ނުކުރެވޭ ޑޮމެއިންތައްވެސް ޢާންމުކޮށް ޙައްލު ހޯދާނެ

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާ ފަދަ، ޑޮމެއިން ނަންބަރު ސިސްޓަމެއް ޤާއިމުކޮށް، ރެކޯޑްތައް ނެތް ޑޮމެއިންތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފެށުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

އެ ވުޒާރާއިން މިކަން ހާމަކުރެއްވީ ގްރޭޓަރ މާލޭ ސަރަޙައްދުގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ސަރުކާރުން ފެށްޓެވި "މާލެފަހި" ޕްރޮގްރާމުގެ ތެރެއިންނެވެ. މި ޕްރޮގްރާމުގައި ޑޮމެއިން ނަންބަރުތަކުގެ މައްސަލަ ހައްލުކުރުމަށް މުހިންމު ކަންތައްތަކެއް ވަނީ ހިމަނާފައެވެ.

މިހާތަނަށް ޑޮމެއިންގެ ރެކޯޑުތައް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި ބަލަހައްޓަމުން އައިސްފައިވަނީ، 3 ފޮތެއްގައި އަތުން ލިޔެގެންކަމަށްވުމުން، ޑޮމެއިން ރިކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައެއްނުވެއެވެ. ކަންމިހެން ހުރުމާއެކު، ޤާނޫނާ ގަވައިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ޑޮމެއިން ނަންބަރުތައް ބޭނުންކުރަމުން ގެންދެއެވެ. އެގޮތުން 700 އެއްހާ ފޭކް ޑޮމެއިން ބޭނުންކުރަމުންދާކަން މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މީގެކުރިން ވިދާޅުވެފައިވެއެވެ.

އެހެންކަމުން ޑޮމެއިންގެ އެކި ޚިދުމަތްތަކަށް އެދޭ ފަރާތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ބަލަންޖެހޭ ކަންކަން ބަލައި ޙައްލުހޯދުމަށްޓަކައި ރެކޯޑުން ފެންނަންހުރި ސައްޙަ ޑޮމެއިންތަކަށް މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ޚިދުމަތްދޭން ފަށާފައެވެ. އަދި އެ ވުޒާރާއިން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން ރެކޯޑުތައް ނެތް ޑޮމެއިންތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަން ފެށުމަށް އަލަށް އިފްތިތާޙްކުރި "މާލެފަހި" ޕްރޮގްރާމުގެ ދަށުން ވަނީ ހަމަޖެހިއެވެ.

"މާލެފަހި" ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ޤާނޫނާ ގަވައިދުތަކާ ޚިލާފަށް ގެންގުޅޭ އަދި ބޭނުންކުރާ ޑޮމެއިންތަކަށް ހައްލެއް ހޯދަންޖެހޭކަމަށެވެ. އަދި މައްސަލަތައް ޖެހި ހައްލު ނުހޯދިހުރި ގިނަ ޑޮމެއިންތަކަކީ ޒިންމާ އުފުލަންތިބި ބައެއްގެ އިހުމާލުކަމަށާއި، މިއީ އެކަށީގެންވާ އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލެއްކަމަށެވެ.

ވަޒީރު ވިދާޅުވީ، އަތުން ފޮތްފޮތުގައި ލިއުމުގެ ބަދަލުގައި ސިސްޓަމްގެ ތެރެއަށް މިކަން ވައްދާ މިކަމަށް ހައްލު ހޯދައިދެވޭނެކަމަށެވެ.

"ޒަމާނަށް ފެތޭ ބަދަލުތަކާއެކު އަޅުގަނޑުމެންގެ ސަރުކާރުން ޑޮމެއިން ހުޅުވާލާނީ އޯޕަން ބިޑިންގ ސިސްޓަމެއްގެ ތެރެއިން ހާމަކަން ބޮޑު ގޮތެއްގައި." ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާ ފަދަ، ޑޮމެއިން ނަންބަރު ސިސްޓަމެއް ޤާއިމުކޮށް، ޒުވާނުންނާއި އަދި ޑޮމެއިން ބޭނުންކުރާ ފަރާތްތައް ޝައުޤުވެރިވާ ފަދަ ގޮތަކަށް ޑޮމެއިންގެ ޚިދުމަތް ބަދަލުކޮށް އަލުން ޑޮމެއިން ޚިދުމަތް ފަށާނީ އެކަށީގެންވާ ހަރުދަނާ ބައެއް ބަދަލުތައް ގެނައުމަށް ފަހުގައިކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޑޮމެއިން މައްސަލަތައް ޙައްލުކުރުމަށް މައިގަނޑު 3 އުޞޫލެއް

ޑޮމެއިން މައްސަލަތައް ހައްލުކުރުމަށްޓަކައި "މާލެފަހި" ޕްރޮގްރާމުގެ ތެރެއިން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 އުޞޫލެއްގެ ދަށުންނެވެ. އެއީ؛

• ދަތުރުފަތުރާބެހޭ ވުޒާރާގެ ރެކޯރޑްތަކުން ސައްޙަކަން ޔަޤީންކުރެވޭ ޑޮމެއިންތައް ޢާންމުކުރުން
• ރެކޯރޑުތަކުން، މިހާރުގެ ވެރިފަރާތް ޔަގީން ނުކުރެވޭ ޑޮމެއިންތައް ޢާންމުކޮށް، ޙައްލު ހޯދުމަށް މަސައްކަތްކުރުން.
• ޑޮމެއިން ވިއްކާފައިވާކަމުގެ ރެކޯޑެއް ނެތި މިނިސްޓްރީން ޚިދުމަތް ދީފައިހުރި ޑޮމެއިން ނަންބަރުތައް ޢާންމުކޮށް، ތަފްޞީލް ހޯދުމަށްފަހު ޢަމަލުކުރާނެ ގޮތުގެ ޤާނޫނީ ޙައްލެއް ހޯދުން

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތްތައް މި ފެށޭ އޯގަސްޓްމަހުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ. އަދި އަމާޒަކީ ކުރިއަށްއޮތް އަހަރެއްހާ ދުވަހުގައި ތެރޭގައި މިކަމާގުޅުންހުރި އުޞޫލުތައް އެކުލަވާލާ ތަންފީޒުކުރަން ފެށުންކަމަށެވެ.