ޚަބަރު

އެންމެ މަތީ ދަރަޖައިގައި ފާސްވެގެން ރައީސްގެ ސްކޮލަރޝިޕް 19 ދަރިވަރަކަށް


  • ރައީސްގެ ސްކޮލަރޝިޕް ލިބެނީ 5 މާއްދާއިން އޭ ސްޓަރ ހޯދައިގެން

  • ޖުލްމަ 136 ދަރިވަރުންނަށްވަނީ ސްކޮލަރޝިޕް ލިބިފައި

  • 117 ދަރިވަރުންނަށްވަނީ "ހައި އެޗީވަރސް ސްކޮލަރޝިޕް" ލިބިފައި

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްސަ ސްކޮލަރޝިޕް 19 ދަރިވަރަކަށް ލިބިއްޖެއެވެ. އަދި 117 ދަރިވަރުންނަށްވަނީ "ހައި އެޗީވަރސް ސްކޮލަރޝިޕް"ގެ ލިބިފައެވެ.

މަތީ ސާނަވީ އިމްތިޙާނުން މަތީ ދަރަޖަތައް ޙާސިލުކުރި ދަރިވަރުންނަށް ސްކޮލަރޝިޕް ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނަބިކަނބަލުން ސާޖިދާ މުޙައްމަދާއި ވަޒީރުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި މަތީ ސާނަވީ އިމްތިޙާނުން މަތީދަރަޖަތައް ޙާސިލުކުރި 136 ދަރިވަރުންނަށްވަނީ ސްކޮލަރޝިޕް ޙަވާލުކޮށްފައެވެ.

މީގެތެރެއިން 19 ދަރިވަރުންވަނީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް ލިބިފައެވެ. އަދި 117 ދަރިވަރުންވަނީ "ހައި އެޗީވަރސް ސްކޮލަރޝިޕް" ލިބިފައެވެ.

މިދަރިވަރުން ހޯދި ކާމީޔާބީ ފާހަގަކުރައްވާ މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ދަރިވަރުންނަށް އެކުދިން ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ސްކޮލަރޝިޕްގެ ފުރުޞަތަކީ ބޮޑު ޒިންމާއެއްކަމުގައި ޤަބޫލުކޮށް މިއީ ޤައުމަށް ޚިދުމަތްކުރުމަށް ލިބިގެންދާ ފުރުޞަތެއްކަމުގައި ދެކިގެން އައު ހިތްވަރަކާއެކު މަސައްކަތް ކުރުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

"ތިޔަކުދިން ރާއްޖެއިން ބޭރުން ތަޢުލީމު ޙާސިލުކުރިނަމަވެސް ހަނދާންކުރަންވީ އެންމެ މުހިއްމު އެއްކަމަކީ، ކޮންމެ ކުއްޖަކީވެސް ފުރިހަމަ މުސްލިމުންގެ ގޮތުގައި ތިބި ދިވެހީންކަން. މި ލޮބުވެތި ޤައުމުން ތިޔަ ދަރިވަރުންނަށް މިކުރަ ހޭދައަށްވުރެ މަތީދަރަޖައަކަށް ތިޔަ ކުދިންގެ ޚިދުމަތަށް އެދި މިޤައުމު ގޮވަމުންދާކަން. 21 ވަނަ ޤަރުނަށް ބޭނުންވާ ޢިލްމާއި ޙިލްމު ދިރިއުޅުމަށް ބޭނުންވާ މަސައްކަތުގެ ހުނަރާއި ސިފަތަކާއި އަޚްލާޤު އަޅުގަނޑުމެންގެ ކިބައިގައި އަށަގަންނުވަން އެބަޖެހޭ." ވަޒީރު ވިދާޅުވިއެވެ.

މަތީ ސާނަވީ އިމްތިޙާނުގައި މިދިޔަ އަހަރު ރާއްޖޭގެ 45 ސެންޓަރަކުން ޖުމްލަ 1407 ވަނީ އިމްތިޙާނުގައި ބައިވެރިވެފައެވެ.

މަތީ ސާނަވީ އިމްތިޙާނުގައި އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްސަ ސްކޮލަރޝިޕް ލިބެނީ 5 މާއްދާއިން އޭ ސްޓާރ ލިބިގެން ފާސްވާ ދަރިވަރުންނަށެވެ. އަދި "ހައި އެޗީވަރސް ސްކޮލަރޝިޕް" ލިބެނީ މަތީ ސާނަވީ އިމްތިޙާނުން 5 މާއްދާއިން އޭ ގްރޭޑާއި އަދި އެއަށްވުރެ މަތިން ފާސްވާ ކުދިންނަށެވެ.