ޚަބަރު

ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންނާ ކޮންމެ ވަގުތަކުވެސް ބައްދަލުކުރެވޭގޮތް ހަދައިފި


  • ހުކުރު ދުވަހު ހުކުރު ގަޑި ފިޔަވާ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ބައްދަލުކުރެވޭނެ

  • ޢާއިލާގެ އިތުރުން ގާތްތިމާގެ އަދި ރައްޓެހިންނަށްވެސް ބައްދަލުކުރެވޭނެ

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންނާއި ބައްދަލުކުރުމުގެ ފުރުސަތު ޢާއިލާއާއި، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ދޭން ފަށައިފިއެވެ. މީގެ ކުރިން މި ޚިދުމަތް ދެމުންދިޔައީ ހަފްތާތެރޭގައި ފޯނުން ގުޅައިގެން އަދި ޢާއިލާއަށް ޒިޔާރާތްކުރެވޭ ވަގުތުތައް ވަކި ގަޑިތަކަކަށް ހަމަޖައްސައިގެންނެވެ.

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާމެދު މީގެކުރިން ޢާންމުން ދެކެމުން ދިޔަ ގޮތް ބަދަލުކުރުމަށް އެ މަރުކަޒުގެ އުސޫލުތަކާއި ޚިދުމަތްތަކަށް ދަނީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މީގެކުރިން ހަފްތާތެރޭގައި ފޯނުން ގުޅައިގެން އަދި ޢާއިލާއަށް ޒިޔާރާތްކުރެވޭ ވަގުތުތައް ވަކި ގަޑިތަކަކަށް ހަމަޖައްސައިގެން ދެމުންދިޔަ ޚިދުމަތްވެސް މިހާރުވަނީ ބަދަލުކޮށްފައެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރުގެ ނައިބު އާމިނަތު އިސްމާޢީލް ވިދާޅުވީ ކުރިއާ ޚިލާފަށް ކޮންމެ ދުވަހަކުވެސް ކޮންމެ ގަޑިއެއްގައިވެސް އެ މަރުކަޒުގައި ތިބޭ މީހުންނާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. މިއާއެކު އެމީހުން ޙާލަތަށް ހެޔޮ ބަދަލެއް އަންނަމުންދާކަން އާމިނަތު ފާހަގަކުރެއްވިއެވެ.

"ޢާއިލާތަކާއި ގުޅުން ބަލި މީހާއާއި އުފައްދަން ބޭނުންވާތީ ހުކުރު ދުވަހުގެ ހުކުރު ގަޑި ފިޔަވާ ހަމަ ކޮންމެ ދުވަހެއްގެވެސް އިރުއޮއްސި 6 ޖެހުމާއިހަމައަށް ހަމަ ކޮންމެ ގަޑިއަކުވެސް ކޮންމެ ޢާއިލާއަކަށްވެސް ނުޖެހޭނެ ހުއްދަ ނަންގަވާކަށްވެސް، ޑައިރެކްޓްކޮށް އެޕޭޝަންޓެއްގެ ޢާއިލާނަމަ ހަމަ ބޭނުންވާ ގަޑިއެއްގައި ބައްދަލުކުރުމުގެ ފުރުސަތު އެބައޮވޭ." ޢާއިލީ ތަރައްޤީއާބެގޭ ވަޒީރުގެ ނައިބު ވިދާޅުވިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންނާ ޙަވާލުވާން ބޭނުންވާ ޢާއިލާގެ މީހުންގެ އިތުރުން ގާތްތިމާގެ މީހުންނަށްވެސް އެފުރުސަތު ދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ދަނީ މަސައްކަތްކުރަމުންނެވެ. ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސޯޝަލް ސަރވިސް ކޯޑިނޭޓަރ މުޙައްމަދު ރަޝީދު ވިދާޅުވީ ޢާއިލާގެ އިތުރުން ރައްޓެހި އަދި ތިމާގެ މީހުންނަށްވެސް މިހާރު ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށެވެ.

"ކުރިން ބައްދަލުކުރެވެނީ އާއިލާގެ ވަކި ބަޔަކަށް. މިސާލަކަށް ރައްޓެހިންނާ ބައްދަލުކޮށް ތަންކޮޅެއް ގާތް ތިމާގެ މީހުންނާއި ބައްދަލުކުރުމުގެ ފުރުސަތު ކުރިން ނޯވޭ. އެހެންނަމަވެސް އެކަމަށް ތަންކޮޅެއް ބޮޑަށް ލުއިތަކެއް އަޅުގަނޑުމެނަށް ދެވިއްޖެ. އޭގެވެސް ބޭނުމަކީ އަދި ޢާއިލާއިން ނުވަތަ ބަލަދުވެރިން އޭނާ ނުގެންދިޔަސް، އޭނާއަށް އެހީވާން ބޭނުންވާ މުޖުތަމަޢުގެ އެހެން މީހަކަށްވެސް އެފުރުސަތު ދިނުން. ރީ-އިންޓަރގްރޭޓްކުރުމަށް ފުރުސަތު ދިނުން." މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދެމުންދާ ޚިދުމަތް ރަނގަޅުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިންދަނީ މިހާރު ކުރީގެ އުސޫލުތައް ބަދަލުކޮށް ފަރުވާގެ ޚިދުމަތަށް ބަދަލުތައް ގެންނަވަމުންނެވެ. މިގޮތުން ކުރިއާ ޚިލާފަށް ގިނަ ޙަރަކާތްތައް އިންތިޒާމުކޮށް އެތަނުގައި ތިބި މީހުން އަނބުރާ މުޖުތަމަޢަށް ނެރުމުގެ ކުރިން، މަސައްކަތާއި ހުނަރު ދަސްކޮށްދީ، މުޖުތަމަޢުއަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަން އެވުޒާރާއިން ފާހަގަކުރައްވައެވެ. އަދި އެތަނުގައި ތިބި މީހުންނާ ގާތްގުޅުމެއް ބޭއްވުމަށް މަސައްކަތްކޮށްދިނުމަކީ ވުޒާރާގެ އިލްތިމާސެކެވެ. އެގޮތުން އެމަރުކަޒުގައި ތިބި މީހުންނާ ބައްދަލުކުރުމަށް ދިއުމާއި، ފޯނުން ގުޅާ ހާލު ބެލުމަށް ޢާއިލާތަކުގެ ކިބައިން، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.