ޚަބަރު

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ތޮއްޑޫގައި ހުޅުވައިފި


  • މިއީ ދިވެހި އުފެއްދުންތެރިންނަށް ދޭ އެހީތެރިކަން ފުޅާކުރުމަށްޓަކައި ބީސީސީން ހުޅުވި ފިހާރައެއް

  • މިއަދު ލިބޭ ފައިސާގެ %20 ފަލަސްތީނަށް އެހީވުމަށް ހަދިޔާ ކުރުމަށްވަނީ ނިންމައިފި

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް އއ. ތޮއްޑޫގައި ހުޅުވައިފިއެވެ. މި ފިހާރަ ހުޅުވާފައިވަނީ ރޭ 8:30 ގައެވެ.

މި ފިހާރަ ހުޅުއްވައިދެއްވީ، މި ފިހާރައަށް ތޮއްޑޫގެ ސަޕްލަޔަރެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ، މުދާ ސަޕްލައި ކުރި ވިޔަފާރި "މޫސާ އަރޓްސް"ގެ ވެރިފަރާތް ކަމަށްވާ މޫސާ ޙަސަނެވެ.

މި ފިހާރަ ހުޅުވުމަށްފަހު، އެންމެ ފުރަތަމަ ކަސްޓަމަރެއްގެ ގޮތުން، ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދު ވަނީ ތޮއްޑޫގެ ސަޕްލަޔަރެއްގެ ދިވެހި އުފެއްދުމެއް ބައްލަވައިގަތުމަށްފަހު ތޮއްޑޫ ކައުންސިލްގެ ރައީސަށް ހަދިޔާ ކުރައްވާފައެވެ.

ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވީ، އަމާޒަކީ ދިވެހި އުފެއްދުންތެރިން އުފައްދާ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މާކެޓުކޮށް ވިއްކޭނެ ފަހި ފުރުޞަތުތަކެއް ހޯދައި ދިނުން ކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުރި އެފަދަ ފުރުޞަތުތައް ބަލައި އެކަން ފަހި ކުރެވޭނެ ގޮތްތައް ހޯދަމުން ދާކަމަށް ވިދާޅުވިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވަނީ، އޮތެންޓިކް މޯލްޑިވްސް ތޮއްޑޫ ފިހާރަ ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން އެ ފިހާރައިން މިއަދުގެ (14 ޖުލައި 2024) ނިޔަލަށް ވިކޭ ތަކެއްޗަށް ލިބޭ ފައިސާގެ 20 އިންސައްތަ ފަލަސްތީނަށް އެހީވުމަށް ހަދިޔާ ކުރުމަށް ނިންމާފައެވެ.

ތޮއްޑޫގައި ހުޅުވި އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ، "އޮތެންޓިކް މޯލްޑިވްސް" މަރުކާއިން ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިތަކަށް ދޭ އެހީތެރިކަން ފުޅާކުރުމަށްޓަކައި ބީސީސީން ހުޅުވި ފިހާރައެކެވެ.

މި ފިހާރައިގެ ސަބަބުން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުފެއްދުންތެރިންނަށް އައު ބާޒާރުތަކަށް ފުރުސަތު ހުޅުވި، ސަރަހައްދުގެ އިޤްތިޞާދު ތަރައްޤީ ވުމަށް މަގުފަހި ވެގެންދާނެ ކަމަށް ބީސީސީން ދެކެއެވެ. އަދި މިއީ ތޮއްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ދިވެހިންގެ އުފެއްދުންތަކަށް އޮންނަ ޝައުގުވެރިކަން ވެސް އިތުރުވެގެންދާނެ ކަމެކެވެ.

ވޯލްޑް ބޭންކުގެ، މީރީ ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ތޮއްޑޫގައި ހުޅުވި މި ފިހާރަ އަކީ އޮތެންޓިކް މޯލްޑިވްސް މަރުކާގެ ދަށުން ބީސީސީން ހުޅުވި 5 ވަނަ ފިހާރައެވެ. އެގޮތުން ތޮއްޑޫގެ އިތުރުން، މާލެ، ކްރޮސްރޯޑްސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ވަނީ ހުޅުވާފައެވެ.

މި ފިހާރަތަކުގައި 300 އަށް ވުރެ ގިނަ ދިވެހި މަސައްކަތްތެރިންގެ، 5000 އަށްވުރެ ގިނަ އުފެއްދުންތައް މިހާރުވެސް ދަނީ ވިއްކަމުންނެވެ. އަދި މި މަރުކާގެ ދަށުން ދިވެހި އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި މާކެޓް ކުރުމަށް ބީސީސީން ކުރަމުންދާ މަސައްކަތުގެ ދަށުން ޖަޕާނުގައިވެސް ދިވެހި އުފެއްދުންތައް ވިއްކޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ބީސީސީގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެއްވެސް ދާއިރާއެއް ބާކީ ނުކޮށް، ދިވެހި ކުދި ވިޔަފާރިވެރިންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމެވެ.