ޚަބަރު

ރަށު ފެންވަރުގައި ކުނި މެނޭޖުކުރާ ވަޞީލަތް 22 ރަށެއްގައި ޤާއިމުކޮށްފިން: ވަޒީރު ޠާރިޤް


  • 51 ރަށެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އެކި މަރުހަލާގަިއ ކުރިއަށްދޭ

  • ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، މުވައްޒަފުން ތަމްރީންކުރުންވެސް ކުރިއަށްދޭ

ރަށު ފެންވަރުގައި ކުނި މެނޭޖުކުރާ ވަޞީލަތްތައް 22 ރަށެއްގައި ޤާއިމުކޮށް ނިމިފައިވާކަމަށް ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރަހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ތިމާވެށްޓާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ސަރުކާރުން ފެށާފައިވާ ކުނި މެނޭޖުކުރުމުގެ ޤައުމީ މަޝްރޫޢު ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން އެންމެ އިސްކަންދީގެން މިވަގުތު ކުރަމުންދާ މަސައްކަތަކީ ރަށު ފެންވަރުގައި ކުނި މެނޭޖުކުރާ ވަސީލަތްތައް ޤާއިމުކޮށްދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ކުނި މެނޭޖުކުރުމުގެ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި 51 ރަށެއްގައި ކުރިއަށްދާކަން ފާހަގަކުރައްވާ ވަޒީރު ވަނީ، މި މަޝްރޫޢުގައި ހިމެނެނީ އުކާލާ ކުނި ވަކިކުރުމާއި، ކޮމްޕެކްޓުކޮށް ބެހެއްޓުމާއި، ކުނި ނައްތާލުކުމުގެ މަސައްކަތަށް ބޭނުންވާ އެކިކަހަލަ އިކުއިޕްމަންޓް ރަށްރަށަށް ފޯރުކޮށްދިނުންކަމަށް ވިދާޅުވެފައެވެ.

ކުނި މެނޭޖުކުރުމުގެ ޤައުމީ މަޝްރޫޢުއާ ގުޅޭގޮތުން ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ 22 ރަށެއްގެ ކުނި މެނޭޖުކުރު ވަސީލަތްތައް އިންސްޓޯލްކޮށް ޓެސްޓުކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާކަމަށެވެ. އަދި އެރަށްރަށުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ގެންދާނެގޮތުގެ ތަމްރީންވެސް ފޯރުކޮށްދީފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިތުރު ރަށްރަށުގައިވެސް ވަސީލަތް ޤާއިމުކުރުމަށް ކޮންޓްރެކްޓަރުންނާ މިހާރު ހަވާލުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ކުނި މެނޭޖުކުރުމުގެ ޤައުމީ މަޝްރޫޢު "މަގޭ ސާފު ރާއްޖެ" މަޝްރޫޢު އެކުލަވާލާ މަސައްކަތްތައް ވަނީ ފެށިފައި. މިވީ 7 މަސްދުވަހުތެރޭގައި އިތުރު 14 ރަށެއްގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރަން ކޮންޓްރެކްޓަރާ ވަނީ ހަވާލުކޮށްފައި. މީގެތެރެއިން 10 ރަށުގެ މަސައްކަތް ފެށިއްޖެ. 4 ރަށެއްގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒްކުރުމުގެ މަސައްކަތް ދަނީ ކުރިއަށް." ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރު 15 ރަށެއްގައި ޤާއިމްކުރުމަށް ބޭނުންވާ ކުނި މެނޭޖުކުރާ ވަސީލަތްތައް މިހާރު މާލެ އައިސްފައިވާކަމަށާއި، އެ ރަށްރަށް ފޮނުވުގެ ކުރިން ކުރަންޖެހޭ އިންސްޕެކްޝަން މިހާރު ކުރިއަށްދާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ރަށްރަށުގައި އެ ވަޞީލަތްތައް ޤާއިމުކޮށް، އެކަމަށް ބޭނުންވާ ތަމްރީން މުވައްޒަފުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ނިންމާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޠާރިޤް ވިދާޅުވީ ގޭގެއިން ކުނި ނެގުމާއި، ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ބޭނުންވާ އުޅަނދުތައް ރަށްތަކަށް ފޯރުކޮށްދިނުންވެސް ކުރިއަށްދާކަމަށެވެ. އެގޮތުން މިހާތަނަށް 76 ރަށަކަށް ބޭނުންވާ އުޅަނދު ޙަވާލުކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ބޭނުންވާ ތަމްރީން ދިނުމުގެ މަސައްކަތްތައްވެސް ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން 10 ރަށެއްގައި ކުނި މެނޭޖުކުމުގެ މަސައްކަތުގައި އުޅޭ 20 މުވައްޒަފަކަށް ތަމްރީން ދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ތައްޔާރުވެފައިވާކަމަށް ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ. މިއީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދާ މަސައްކަތެކެވެ.