ޚަބަރު

އެސްޓީއޯއިން ހުޅުމާލޭގެ ހޮޓާ ދޫކޮށްލަނީ، މަޝްވަރާތައް ކުރިއަށް!


  • 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއް ކުރިން އެތާނގައި ތަރައްޤީ ކުރަން ނިންމީ

  • އެތަނުގެ މައްސަލަ ހައްލު ނުވެ އެތައް އަހަރުތަކެއް ދިގުލައިގެން ވަނީ ގޮސްފައި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސް.ޓީ.އޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓާ ދޫކޮށްލަން އެ ކުންފުނިން ނިންމައިފިއެވެ.

އެސް.ޓީ.އޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓާލަކީ 5 ތަރީގެ ހޮޓަލެކެވެ. މިތަން ހުންނަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.

މި ހޮޓަލަކީ ރެޑިސަން ބްލޫއާއެކު އެސް.ޓީ.އޯއިން ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ތަރައްޤީކުރަމުންދިޔަ ހޮޓަލެކެވެ. މީގެކުރިންވެސް މި ހޮޓާ ހިންގަން ޝައުޤުވެރިވާ ފަރާތެއް ހޯދަން އެސް.ޓީ.އޯއިން އިޢުލާން ކުރިއެވެ.

ޑޮލަރުން ލިބޭ އާމްދަނީ އިތުރު ކުރުމުގެ އަމާޒުގައި، ޓޫރިޒަމް ދާއިރާއަށް ވަންނަން ނިންމައި، ހުޅުމާލޭގައި ހޮޓަލެއް ތަރައްޤީކުރަން އެ ކުންފުނިން ނިންމީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.

އެއާއެކު "ރެޑިސަން ހުޅުމާލެ މޯލްޑިވްސް" ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓާ ތަރައްޤީކުރަން ފެށީ 2011 ވަނަ އަހަރުއެވެ. ނަމަވެސް، އޭގެ ފަހުން އެތަނުގެ މަސައްކަތް ހުއްޓި، އެކި ފަހަރު މަތިން އެތަން ވިއްކާލަން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީޕްލޭން ޓާމިނަލުގެ ނީރި ލައުންޖުގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އެސް.ޓީ.އޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ވިޔަފާރީތައް ކުރުމާއި އިތުރު އެސެޓްތައް ގަތުމާއި އެސްޓީއޯއާ ނުގުޅޭ ބައެއް ވިޔަފާރީތައް ދޫކޮށްލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މިފްކޯގައި އޮތް އެސްޓީއޯގެ ހިއްސާ އަނބުރާ ސަރުކާރަށް ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިމާދު ވިދާޅުވީ، ހުޅުމާލޭގައި ހަދާފައިވާ ހޮޓަލާއި ގުޅިގެން އެޗް.ޑީ.ސީއާއެކު އެކަމުގެ އެންމެ ފަހުގެ މަރުހަލާގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

"އެސްޓީއޯ ހޮޓާ މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ހޯދިފައެއް ނުވޭ. އެޗް.ޑީ.ސީއާއެކު އެކަމުގެ އެންމެ ފަހުގެ މަރުހަލާގެ މަޝްވަރާތައް ކުރަމުން މިދަނީ" ޝިމާދު ވިދާޅުވިއެވެ.

ޝިމާދު އިތުރަށް ވިދާޅުވީ ފުވައްމުލަކު އެއަރޕޯޓުގައި އެސް.ޓީ.އޯ އިން ޤާއިމުކުރި ހޮޓަލުގައި ބަދަލުގައި އެސްޓީއޯއަށް ލިބުނު ނ. އެކުޅިވަރު ރަށުގެ ބަދަލުގައި މާލެއިން ބިމެއް އެސްޓީއޯއަށް ލިބިފައިވާ ކަމަށެވެ.

އެކުޅިވަރުގައި ރިސޯޓެއް ހަދަން، ސަރުކާރުން އެންމެ ފުރަތަމަ އެ ރަށް ދީފައިވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ. އެ ރަށުގައި އެންމެ މަތީ ފެންވަރުގެ 90 ވިލާ އެޅުމަށް އެ ކުންފުނިން ނިންމައި 2015 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ކުރިއެވެ. ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުގޮސް، ޖެހިގެން އައި އަހަރު އެ ރަށް އެމް.ޓީ.ޑީ.ސީ އަތުން އަތުލައި، އޭގެ ފަހުން އެސް.ޓީ.އޯއާ ހަވާލުކުރިއެވެ.

ޝިމާދު ވިދާޅުވީ، އެކުޅިވަރު ރަށުގެ ބަދަލުގައި މާލޭގެ ޓްރެކް ސަރަޙައްދުގައި މޯލްޑިވް ގޭސް އިން ހިންގަމުން އަންނަ 12000 އަކަފޫޓުގެ ބިން އެ ކުންފުންޏަށް ސަރުކާރުން މިހާރު ހަމަޖައްސާދީފައިވާ ކަމަށެވެ. އަދި ބިން ހަމަޖެހުމުގެ ކުރިން އެކުޅިވަރު ވިއްކާލުމުގެ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ސަރުކާރުން ލިބުނު ހުށަހެޅުން ރަނގަޅުވުމުން އެ ރަށުގެ ބަދަލުގައި މާލެއިން ބިން ނެގުމަށް އެ ކުންފުނިން ނިންމީކަމަށް އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.