ޚަބަރު

ރާއްޖޭގެ އާބާދީ ދޮށީ ޢުމުރުގެ ބޮޑު އާބާދީއަކާ ދިމާއަށް


  • މިހާރު އާބާދީގެ 15 އަހަރާއި 64 އަހަރާއި ދެމެދުގެ އާބާދީ ހުރީ 76 އިންސައްތައިގައި

  • ކުރިއަށް އޮތް އަހަރުތަކުގައި މިއީ ދޮށީ އާބާދީއަށް އިތުރުވެ ވޯކްފޯސްއިން ދުރަށްދާނެ އާބާދީ

  • އާބާދީއަށް ކުރިމަތިވަމުންދާ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދަންޖެހޭ

މުޅި ދުނިޔޭގެ އާބާދީ އަހަރުން އަހަރަށް އިތުރުވަމުންދާއިރު ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ ޤައުމުތަކުގެ އާބާދީ ހިފެހެއްޓިފައި ހުރުމުގެ މައްސަލަ މިހާރުދަނީ ކުރިމަތިވަމުންނެވެ. ރާއްޖެއަށްވެސް މިވަނީ މިމައްސަލަ ކުރިމަތިވެފައެވެ.

ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ އިޤްތިޞާދުގައި ދުޅަހެޔޮ މަސައްކަތްތެރި އާބާދީއެއް އޮތުމަކީ ލާޒިމުކަމެއްނަމަވެސް އަހަރުން އަހަރަށް ރާއްޖޭގައި އުފަންވާ ކުދިންގެ ޢަދަދު މަދުވެ ދޮށީ މީހުން ގިނަ އާބާދީއަކާއި ދިމާއަށް ރާއްޖެމިވަނީ މިސްރާބު ޖަހާފައެވެ.

ރާއްޖޭގައި ޤައުމީ ފެންވަރުގައި އާބާދީއާއި ގުޅުވާ ކުރިއަށްގެންދެވޭ ބޯހިމެނުމުގެ ނަތީޖާއިންވަނީ އާބާދީގައި ހުރި ކަންބޮޑުވާ އެތައް ކަމެއް ހާމަވެފައެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޢާއްމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515،132 އެވެ. މީގެތެރެއިން ދިވެހީންގެ އާބާދީއަކީ 382،639 އެވެ.

ރާއްޖޭގެ އާބާދީގެ 76 އިންސައްތައަކީ ޢުމުރުން 15 އަހަރާއި 64 އަހަރާއި ދެމެދުގެ އާބާދީއެކެވެ. އަދި ޢުމުރުން 15 އަހަރުން ދަށުގެ އާބާދީއަކީ 20 އިންސައްތައެވެ. މިއާއެކު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖޭގެ އާބާދީ ދޮށީ ޢުމުރުގެ އާބާދީއަކާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު އެކަމަށް ރާއްޖޭގައި އެކަށީގެންވާ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ބާރު މިނެވެ. ހަމައެއާއެކު އޮތް އަނެއް ކަންބޮޑުވުމަކީ ރާއްޖޭގައި އުފަންވާ ކުދިންގެ ޢަދަދު އަހަރުން އަހަރަށް ދަށަށް ދިޔުމުގެ ކަންބޮޑުވުމެވެ.


ކުރިއަރާފައިވާ ޤައުމުތަކުގައާއި ކުރިއަރަމުން އަންނަ ޤައުމުތަކުގައި މިމައްސަލަ އިތުރުވަމުންދާއިރު މިއީ ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާ ކަމެކެވެ. ރާއްޖޭގައި 2014 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ބޯހިމެނުމާއި ހަމައަށް އާބާދީ އިތުރުވެފައިވަނީ 382751 މީހުންނެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5500 ކުދިންނެވެ.

އަހަރުން އަހަރަށް އުފަންވާ ކުދިންގެ ނިސްބަތް ދަށަށްގޮސް ރާއްޖޭގެ އާބާދީ ދޮށީ ޢުމުރަށް ބަދަލުވަމުންދާއިރު އޭގެ ސަބަބުން މަސައްކަތްކުރާ އާބާދީއަށް ކުއްލި ދަށްވުމެއް އަންނާއެކެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން ދަށްވާނެއެވެ. އަދި އިޤްތިޞާދު ހިފެހެއްޓުމަށް ރާއްޖެއިން ބޭރުން މީހުން އެތެރެކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ހީނަރުވާނެކަމެއްކަމަށެވެ.

މިމައްސަލައަށް ޙައްލެއް ގެނައުމަށް ލިބިފައިވަނީ ކުރު މުއްދަތެއްކަން ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން ފާހަގަކުރައްވައެވެ. އަދި މިކަމަށް އަވަސް ޙައްލެއް ގެނައުމަށް އަވަސް މަޝްވަރާތަކަކަށް ދާންޖެހޭކަންވެސްވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ދަށަށް ދިޔުމުގައި ބައެއް ފަރާތްތަކުން ސަބަބެއްކަމުގައި ދެކޭ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އަދި ރާއްޖޭގައި މަސައްކަތުގެ މާޙައުލު ބައްޓަންވެފައިވާ ގޮތުން ޢާއިލާއަށް ދޭންޖެހޭ ސަމާލުކަން ނުދެވުމާއި، ގިނަ ކުދިންނާއެކު ލިބޭ ޢާމްދަނީއިން ޚަރަދު ދެކޮޅު ޖެއްސުމަށް ހުރި ގޮންޖެހުންތައް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ތަރައްޤީވެފައިވާ ޤައުމުތަކުން މިކަމާއި މެދު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާއިރު ރާއްޖޭގެ އާބާދީއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލަ ޙައްލުކުރުމަށްވެސް ޤައުމީ ފެންވަރުގައި އަވަސް މަސައްކަތްތަކެއް ކުރަންމިވަނީ ޖެހިފައެވެ.