ކުޅިވަރު

ސަންޗޯގެ ހާއްސަ ޝުކުރާއި ތައުރީފު ސަކާ އަށް


ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ކާމިޔާބުކޮށްދިން ޕެނަލްޓީ އާއެކު އިންގްލެންޑްގެ ވިންގް، ބުކާޔޯ ސަކާ އަށް ކުރީން އެ ޓީމަށް ކުޅުނު މެންޗެސްޓާ ޔުނައިޓެޑްގެ ވިންގް، ޖޭޑަން ސަންޗޯގެ ފަރާތުން ހާއްސަ ޝުކުރާއި ތައުރީފުގެ މެސެޖެއް ފޮނުވައިފިއެވެ.

އެގޮތުން، ސަންޗޯ ބުނީ، 2021 ވަނަ އަހަރު ބޭއްވުނު ޔޫރޯގެ ފައިނަލްގެ ޕެނަލްޓީ ޝޫޓްއައުޓްގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ދިމާވި އުނދަގޫތަކުން އަރައިގަނެ، އެ ހަނދާންތައް ފޮހެލާފައިވުމުން ސަކާ އަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެ ފަހަރުގެ މުބާރާތުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން އިންގްލެންޑް ބަލިވިއިރު، ސަންޗޯ އާއި ސަކާގެ އިތުރުން މާކަސް ރަޝްފޯޑް އަށް ޕެނަލްޓީ ކާމިޔާބުނުކުރެވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ސޯޝަލް މީޑިއާގައި ނަސްލީ ގޮތުން އެ ކުޅުންތެރިންނާ ދިމާކޮށްލާފައިވެއެވެ.

އެހެންކަމުން އެ ފަހަރުގެ ހަނދާންތައް ފޮހެލައި، ސަކާގެ ފަރާތުން މި އަހަރުގެ މުބާރާތުގައި ފެނިގެންދިޔަ ނުގުޑާ އަޒުމާއި، ގޮތްދޫނުކުރުމާއި ހިތްވަރުގަދަކަން ސަންޗޯ ވަނީ ފާހަގަކޮށް، އިންސްޓަގްރާމްގައި، "އަހަރެން ފަޚުރުވެރިވޭ މި ކުޅުންތެރިޔާއާ މެދު" މިހެން ބުނެ ޕޯސްޓެއް ކޮށްފައެވެ.

އަދި ސަކާ އެކަންތައް ކޮށްދިނީ ރަޝްފޯޑާއި އޭނާ އަށް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ސަންޗޯގެ ޕޯސްޓްގައި ބުނެފައިވެއެވެ. ޔުނައިޓެޑަށް ކުޅެމުން އަންނަ ސަންޗޯ އާއި ރަޝްފޯޑަށް މިފަހަރުގެ އިންގްލެންޑް ސްކޮޑުން ޖާގަ ނުލިބުނެވެ.

ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސަކާ ވަނީ، ޕެނަލްޓީ ޖެހުމަކީ އޭނާ އަބަދުވެސް ކުރިމަތިލާން ބޭނުންވާ ކަމެއް ކަމަށް ފާހަގަކޮށް، މީގެ ތިން އަހަރު ކުރީގެ ހިތި ތަޖުރިބާގެ އެހީގައި އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށް ބުނެފައެވެ.

ސަކާ ބުނީ، އޭނާ އަކީ އެއްފަހަރު ނާކާމިޔާބުވުމުން ދެވަނަ ފަހަރު އެކަމާ ކުރިމަތިލާނެ ކުޅުންތެރިއެއް ކަމަށާއި، އެކަން ކުރެވިދާނެ ކަމަށް އަމިއްލަ އަށް ގަބޫލުކުރި ކަމަށެވެ. އަދި އެ ޕެނަލްޓީ ފޮނުވާލުމުން ގޯލްގެ ތެރެއަށް ވަނުމުން އޭނާ އަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށް ވެސް ސަކާ ބުންޏެވެ.

"އެއް ފަހަރު ނާކާމިޔާބުވެދާނެ، އެކަމަކު އަނެއްކާވެސް އެކަމާ ކުރިމަތިލުމާއި ނުލުމަކީ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް." ސަކާ ބުންޏެވެ.