ކުޅިވަރު

ސްޕޭނާއި ޖަރުމަނު: ސްޓައިލް އެއްގޮތް އެއް މާބަނޑު ދެ ޓީމު ފައިނަލަކަށް


ކޮންމެވެސް އެއް ބަޔަކު ކަޓާނެކަން އެނގިތިބެ ޖަރުމަނާއި ސްޕޭން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅޭ މެޗަކީ ވަރަށް ގިނަ ގޮތުން ފައިނަލެކެވެ. ދެ ޓީމު ވެސް މިހާތަނަށް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި އެޓޭކިން ފުޓްބޯޅައިގައި ނަމޫނާ ދައްކައިދީފަ އެވެ. މިއީ އޮޅުމަކުންވީ ކަމެއްނޫނެވެ. މި ދެ ގައުމަކީ ޔޫރަޕުގެ އެންމެ ވަރުގަދަ ދެ ލީގު އޮތް، އަދި މޮޅު ކުޅުންތެރިން އުފެއްދުމުގެ ވަރުގަދަ ދެ ފެކްޓަރީ އެވެ. އެންމެ ގަދަ ކުލަބުތައް ވެސް ނިސްބަތްވާ ދެ ގައުމު ވެސްމެ އެވެ. ޔޫރޯގެ އެންމެ ކާމިޔާބު ދެ ޓީމަކީ ޖަރުމަނާއި ސްޕޭނެވެ.

ޔޫރޯ 2008ގައި މި ދެ ގައުމު ކުޅުނުއިރު އެއީ ތަފާތު ދެ ވައްތަރެއްގެ ފުޓްބޯޅަ ކުޅޭ ދެ ގައުމެވެ. ނަމަވެސް މިހާރު މިއީ ސްޓައިލްގެ ގޮތުން އެއްމާބަނޑު ދެބެއިންނެވެ. ޖަރުމަނުގެ ފުޓްބޯޅަ އަށް އައި ބޮޑު ބަދަލުގައި ސްޕޭނުގެ ދައުރަކީ ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ ކަމެކެވެ.

މި ދެ ގައުމު 2010 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ސެމީ ފައިނަލްގައި ކުޅުމުގެ ކުރިން ޖަރުމަނު ދިޔައީ އިދިކޮޅު ޓީމަށް ބޯޅަ ނުދީ ޓީމުތައް ރޭރު ކުރަމުންނެވެ. ނަމަވެސް ސެމި ފައިނަލުގައި ސްޕޭނާ ޖެހުމުން ޖަރުމަނު ތާށިވީ އަމިއްލަ ހާފުތެރޭގަ އެވެ. ސްޕޭން ފައިނަލަށް ދަތުރުކުރީ ޖަރުމަނު 1-0އިން ބަލިކުރުމަށްފަހު އެވެ. ސްޕޭނުގެ އޭރުގެ ޓީމުގައި އޮތީ ޕެޕް ގާޑިއޯލާ ކޯޗުކޮށްދިން ބާސެލޯނާގެ ނުފޫޒެވެ. އެމީހުންގެ ޓިކިޓަކާ ހުއްޓުވަން މުޅި ދުނިޔެ އޮތީ ނުކުޅެދިފަ އެވެ.

ޖަރުމަނުގެ ފުޓްބޯޅަ ބަދަލުކޮށްލި މީހަކީ ވެސް ގާޑިއޯލާ އެވެ. ބާސެލޯނާ އަށް ފަހު އޭނާ ހަވާލުވީ ޖަރުމަނުގެ އެންމެ ބޮޑު ކުލަބު ކަމަށްވާ ބަޔާން މިއުނިކާ އެވެ. ކުދިކުދި އުނިއިތުރުތަކާއެކު ބަޔާންގެ ސްޓައިލް އޭނާ ބަދަލުކޮށްލުމުން އެ ހިޔާލުތައް ގައުމީ ޓީމުން ވެސް ކޮޕީކުރަން ފެށި އެވެ. 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ޖަރުމަނު ކާމިޔާބުކުރި އެ ޓީމުގައި ގާޑިއޯލާގެ ސްޓައިލް ވަރަށް ބޮޑަށް ޖެހިފައި އޮތުމަކީ މި ދެނެންވި ކަންކަމަށް ލިބޭ ބާރެކެވެ.

މި ފަހަރުގެ ޖަރުމަނު ޓީމަކީ ވަރަށް ބޮޑަށް ބޯޅަ ހިފަހައްޓައިގެން ބޮޑަށް އެޓޭކަށް އިސްކަދޭ ޓީމެކެވެ. ކޯޗު ހޫލިއަން ނާގަލްސްމަން ޑިފެންސަށް މާބޮޑު ފަރުވާލެއްނެތި ކުޅުވާ އެޓޭކިން ސްޓައިލް އެންމެ ވައްތަރީ ބަޔާ ލެވަކޫސަންގައި ހުރި ސްޕޭނުގެ ކޯޗު ޒަބީ އަލޮންސޯގެ ހިޔާލުތަކާ އެވެ. މިއާ ހިލާފަށް ސްޕޭނަކީ މީގެ އަހަރުތަކެއް ކުރިން ބޯޅަ ހިފަހައްޓާ ވަރަށް އެކަން ކުރާބައެއްނޫނެވެ. އެކަމަކު ދުރު ފެންނަ ހުށިހާރު ޑިފެންސިވް މިޑްފީލްޑަރަކާއެކު ސްޕޭނުގެ ދެ އަރިމަރިން އުފައްދާ ހަމަލާތަކަކީ އިދިކޮޅު ޓީމުތަކަށް ކެތްކުރަން ދަތިކަމެކެވެ. ސްޕޭނާއި ޖަރުމަނުގައި ވެސް އެއްގޮތް ކަންކަން ގިނައޭ ބުނަމީ މިފަދަ ކަންކަމުގެ ސަބަބުންނެވެ.

ކުޅުންތެރިންގެ ގޮތުން ވެސް މިއީ އެއްގޮތްކަން ހުރި ދެ ޓީމެވެ. ސްޕޭނުގެ ތަރިއަކީ އުމުރުން 16 އަހަރުގެ ލަމީން ޔަމާލެވެ. ގްރޭޑް 10ގައި ކިޔަވާ ޔަމާލް މަދަރުސާގެ މަސައްކަތް ކުރަނީ އޮންލައިންކޮށް ކޮޓަރީގައި އޮވެގެންނެވެ. ގައުމީ ޓީމަށް ކުޅުނަސް މަދަރުސާގެ ޓެސްޓްތަކުން ފެއިލްވުމަކީ އޭނާ ބޭނުންވާ ގޮތެއްނޫނެވެ. ލަމީން ޔަމާން ދިރިއުޅެނީ އޭނާގެ މަންމަ ގާތުގަ އެވެ. ގިނަ ކަންކަން އަދިވެސް ކޮށްދީ އުޅެނީ މަންމަ އެވެ. ރައްޓެހިންނާއެކު ބޭރަށް ގޮސް މަޖާކުރާ ހިތްވިޔަސް އޭނާ އަށް އަދި މިއީ އެހާ މިނިވަންކޮށް އޮތް ކަމެއްނޫނެވެ.

މިއާ ހިލާފަށް ޖަރުމަނުގެ ފޯވަޑް ޖަމާލް މުސިއާލާ މިހާރު ގުނަމުންދަނީ ނޫކަށި ފުރައިގެ ޒުވާނެއްގެ ދުވަސްވަރެވެ. 21 އަހަރުގެ އެޓޭކިން މިޑްފީލްޑަރު ހުރީ އާ ރަހުމަތްތެރިން ހޯދައި ތަފާތު ކަންކަން ތަޖުރިބާކުރުމުގެ އުމުރުގަ އެވެ. ޔޫރޯގެ ކުރިން މަންމަ އާއި ކޮއްކޮމެންނާ ވަކިން ދިރިއުޅެން ފެށި ނަމަވެސް، ކޮންމެ މެޗަކަށް ފަހު އޭނާ ދެކެން އާއިލާއިން ދަނޑާއި ޖަރުމަނު ކޭމްޕަށް ޒިޔާރަތްކުރުމަކީ މުސިއާލާ އެންމެ ހިތްހަމަޖެހޭ އެއް ކަންތަކެވެ.

ލަމީން ޔަމާލް ފަދައިން މުސިއާލާއަކީ ވެސް ސްކޫލުގައި އުޅުނުއިރު ބަސްއަހާ މޮޅު ދަރިވަރެކެވެ. ވަރަށް ޅައިރު އިނގިރޭސިވިލާތުގައި އުޅެ އުމުރުފުރާގެ ގައުމީ ޓީމުތަކުގައި އިންގްލޭންޑް ތަމްސީލުކުރި މުސިއާލާ މިހާރު އެންމެ ގިނަ ކުރާ ކަމަކީ ހޯޝުއާ ކިމިޗާއި ލެރޯއީ ސާނޭއާއެކު ޓާޑާއި ރާޒުވާ ކުޅުމެވެ. މިކަމުގައި އޭނާ ބަލިކުރެވުނީ މަދު ފަހަރަކު އެވެ.

ޔަމާލް އަކީ ލަދުރަކި ކުއްޖެކެވެ. ޔަމާލް ބުނީ ބޮޑެތި މީހުން އުޅޭހެން ރެސްޓޯރަންޓް ތަކަށް ގޮސް އުޅެން ބޭނުންވާ ވާހަކަ މަންމަ ގާތުގައި ވަރަށް ގިނައިން ބުނާ ކަމަށާއި ކޮއްކޮމެން ބަލައި ސްކޫލް ދޮށަށް ދާން ބޭނުންވިޔަސް އޭނާގެ މަޝްހޫރުކަމުގެ ސަބަބުން އެކަން ކުރުމަކީ ފަސޭހަކަމެއްނޫން ކަމަށެވެ. ބޭރަށް ނުކުންނައިރު އަބަދުވެސް ބޮލާއި މޫނު ފޮރުވޭނެހެން ހެދުން އަޅައިގެން އޭނާ ހުންނަނީ މިހެންވެ އެވެ. މުސިއާލާ އަށް ވެސް ދިމާވަނީ ވސް މިފަދަ މައްސަލަތެކެވެ. މިހެންވެ އޭނާ ގިނައިން ބޭރުގައި އުޅެނީ ބަޔާންގެ ކުޅުންތެރިންނާއެކުގަ އެވެ.

ދެ ކުޅުންތެރިންގެ ދިރިއުޅުމުގައި ވެސް މިހާތަނަށް އެންމެ މުހިންމު ދައުރެއް ކުޅެފައިވަނީ އާއިލާ އާއި މައިންބަފައިންނެވެ. މުސިއާލާގެ އަތުގައި އަގުބޮޑު ކާރެއް އޮތަސް އެ ކާރު ދުއްވައި އޭނާ ގޮވައިގެން ތަންތަން ގޮސްދީ ހަދަނީ މަންމަ އެވެ. ލަމީން ޔަމާލްގެ މަންމަގެ އުމުރަކީ 37 އަހަރެވެ. މިއީ ސްޕޭން ޓީމުގައި ޔަމާލްއާ އެއްކޮށް ކުޅޭ ޖީސަސް ނަވާސްގެ ވެސް އުމުރެވެ. މިހެންވެ ޔަމާލް ގޮވައިގެން ކޮންމެ ކޮންމެތާކަށް ގޮސް އުޅުމަކީ ފަސޭހަކަމަކަށް ނުވިޔަސް މަންމަ ޔަމާލްގެ ކަންކަން ބަލަހައްޓައިދެނީ ލޯތްބާއި ކުލުނާއެކުގަ އެވެ. އޭނާގެ ބައްޕަ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕެޕޭ އަށްވުރެ ހަނގު މީހެކެވެ. އުމުރަކީ 34 އަހަރެވެ. ބައްޕަ ގިނައިން އުޅެނީ އިނގިރޭސިވިލާތުގަ އެވެ. ނަމަވެސް އާއިލާ އަށް ބޭނުންވާ ހުރިހާ ސަޕޯޓެއް ދިނުމަށްފަހު ޔަމާލްގެ ބެސްޓް ފްރެންޑުގެ ގޮތުގައި މިހާތަނަށް ހުރީ ވެސް ބައްޕަ އެވެ.