ބަޔާން މިއުނިކްގެ ފޯވަޑް ހެރީ ކޭން އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން ނިންމައިފިއެވެ.
ބަޔާން އާއިއެކު އުމުރުން 33 އަހަރުގެ ކޭން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭނާ އެނބުރި އިނގިރޭސިވިލާތަށް ގޮސްދާނެކަމަށް މީޑިޔާގައި ވާހަކަ ދެކެވިފައިވީ ނަމަވެސް 2029 ގެ ނިޔަލަށް އޭނާ އެ ކްލަބާއިއެކު އައު އެގްރިމެންޓެއްގައި ސޮއި ކުރާނެކަމަށްވަނީ ބެލެވިފައެވެ.
2023 ވަނަ އަހަރުގެ ޕްރިމިއާލީގުގެ ޓޮޓްނަމް ހޮޓްސްޕަރއިން ބަޔާން މިއުނިކާއި ގުޅުނު ކޭން ވަނީ އެ ކްލަބާއިއެކު ޖަރުމަނުގެ ބުންޑެސްލީގާގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައެވެ. އަދި ޖަރުމަން ކަޕްގެ އިތުރުން ޖަރުމަން ސުޕަރކަޕްގެ ޗެމްޕިއަންކަންވެސް އޭނާ ވަނީ ހޯދާފައެވެ.
2027 ވަނަ އަހަރުގެ ނިޔަލަށް ބަޔާން އާއިއެކު ކޭން މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން 2 އަހަރު އިތުރު ކުރުމަށްވަނީ ނިންމާފައެވެ.
ހެރީ ކޭން ބަޔާން މިއުނިކާއި ގުޅުނު ފަހުން އެ ކްލަބަށް ކުޅެދިން 156 މެޗުގައި އޭނާ ވަނީ 154 ލަނޑު އެ ކްލަބަށް ޖަހައިދީ ޖެހިޖެހިގެން ދެ ސީޒަނުގައި ޔޫރަޕްގެ ރަން ބޫޓް ހޯދާފައެވެ.
ހެރީ ކޭން މީގެ ކުރިން ބުނެފައިވަނީ އޭނާ އެނބުރި ޕްރިމިއާ ލީގަށް ނުދާނެކަމަށް ދުވަހަކުވެސް ބުނެފައިނުވާނެ ކަމަށާއި ނަމަވެސް މިވަގުތު އޭނާގެ ފޯކަސް ހުރީ ބަޔާން އާއިއެކު ކުރިއަށް ދިއުމަށްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.