ޚަބަރު

ދަނޑުވެރިކަމުގެ ސިނާޢަތުން މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކުރަން ސިޔާސަތެއް އެކުލަވާލަނީ


  • ދަނޑުވެރިކަން ވަކި ސިނާޢަތެއްގެ ފުޅާކުރަން ގިނަ މަސައްކަތްތައް ދަނީ ކުރަމުން

  • ތަމްރީންތައް އިތުރުކޮށް، ދާއިރާއަށް މީހުން ނެރުމަކީ ޢަމާޒެއް

  • ވަޒީރު ވިދާޅުވީ ޢަމާޒަކީ އެތެރެކުރާ މޭވާ ތަރުކާތީ މަދުކޮށް، ރާއްޖޭގައި އުފެއްދުންކަމަށް

ދަނޑުވެރިކަމުގެ ސިނާޢަތާ އެހެނިހެން ސިނާއަތްތަކުގެ ހުނަރުތަކުގެ ދާއިރާއިން މަތީ ތަޢުލީމުގެ ފުރުޞަތު ފޯރުކޮށްދިނުމަށް، ފުރަތަމަ ފަހަރަށް ސިޔާސަތުތަކެއް ހަދާ މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އެ ފުރުޞަތު ހުޅުވާލާނެކަމަށް ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު މިހެން ވިދާޅުވީ، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ސިނާޢާތަށް، އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ މުވައްޒަފުން ތަމްރީންކުރުމަށް ހދ. ހަނިމާދޫގައި ފެށި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ އެކި މަސައްކަތްތަކަށް ބޭނުންވާ ދިވެހިން މަތީ ފެންވަރުގައި ތަމްރީންކޮށް، ރާއްޖޭގެ އުފެއްދުންތެރިކަން ކައިރި މުސްތަޤްބަލެއްގައި އެކި ދާއިރާތަކުން އިތުރުވެގެންދާނެކަން ކަށަވަރުކުރައްވާކަމަށެވެ. އަދި އެގްރޯނެޓުން އިސްނަގައިގެން ފެށި ޕްރޮގްރާމާއެކު، ގިނަ މީހުން މިދާއިރާއިން ތަމްރީންކޮށް މުޅި ސިނާޢަތަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މިފަދަ ޕްރޮގްރާމްތައް އިތުރުކޮށް ދަނޑުވެރިންނާއި ދަނޑުވެރިންނަށް ޚިދުމަތްދޭ މުވައްޒަފުންނަކީ މަސައްކަތަށް ޤާބިލު، ހުނަރުވެރި ބަޔަކަށް ވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ރާއްޖެއަކީ ގިނަ އަދަދަކަށް މޭވާ، ތަރުކާރީ އެތެރެކުރާ ޤައުމަމަކަށްވާއިރު، ދިވެހި ދަނޑުވެރިން އުފައްދާ ތަކެއްޗަކީ ރާއްޖޭގެ ބާޒާރަށް އެހެން ޤައުމުތަކުން އެތެރެކުރާ ބާވަތްތަކާ ވާދަވެރި ވިޔަފާރިއެއް ކުރެވޭ އެއްޗަކަށް ހަދަންޖެހޭކަމަށެވެ.

އެގޮތުން ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރާއިރު، ކުޑަ ޚަރަދަކުން، ޞިއްހަތަށް ރައްކާތެރި ގޮތުގައި ކާނާ ހެއްދުމަށް ދަނޑުވެރިންނަކީ ފަންނީގޮތުން ޤާބިލު، ޒަމާނީ ޓެކްނޮލިޖީއަށް އަހުލުވެރި ހުނަރުވެރި ބަޔަކަށް ހަދަންޖެހޭކަމަށެވެ. އަދި ދަނޑު ހެއްދުމަށް ކެމިކަލް ބޭނުންކުރުމުގައިވެސް ޞިއްހީގޮތުން ރައްކާތެރި މިންވަރަށް ކެމިކަލް ބޭނުންކުރުން ނުވަތަ ކެމިކަލްގެ ބަދަލުގައި ބޭނުންކުރެވޭނެ ތަފާތު ވަސީލަތްތަކާ އުކުޅުތަކަށް ދަނޑުވެރިން ތަމްރީންކުރުން ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ.

ޚާއްސަ ގޮތެއްގައި ދަނޑުވެރިކަމަކީ، ޚަރަދުކުޑަކޮށް ޒަމާނީ ވަސީލަތްތަކާ އާލާތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސައްކަތަކަށް ހެދުމަށް އެކަމުގެ ތަމްރީން ދިވެހި ދަނޑުވެރިނަށް ފޯރުކޮށްދިނުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

އެގްރޯނެޓްގެ މުވައްޒަފުން ތަމްރީންކުރުމަށް ހިންގާ މި ޕްރޮގްރާމަކީ 1 އަހަރުގެ ޕްރޮގްރާމެކެވެ. 14 މުވައްޒަފުން ތަމްރީންކުރާއިރު، ތަމްރީންވާ މުވައްޒަފުން މެދުވެރިކޮށް ދަނޑުވެރިންނާ ބޭނުންވާ ފަންނީ އެހީ ފޯރުކޯށްދޭނެއެވެ.

މި ޕްރޮގްރާމަކީ ޔޫއެންޑީޕީ މެދުވެރިކޮށް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްގެންދަނީ އެގްރޯނެޓް އަދި ދަނޑުވެރިކަމާ ބެހޭ ވުޒާރާ ގުޅިގެންނެވެ.