34 ވަނަ ގައުމީ ގައުމީ އެތުލެޓިކްސް މުބާރާތުގެ 4 ގުނަ 400 މީޓަރު ފިރިހެނުންގެ ރިލޭގެ އެއްވަނަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދައިފިއެވެ. 3 މިނިޓް 25.70 ސިކުންތުން ރޭސް ފުރިހަމަކުރި ޓީއޭއެފްއޭގެ ޓީމުންވަނީ މީޓް ރިކޯޑެއްވެސް ގާއިމުކޮށްފައެވެ.
މި ހީޓްގެ ދެވަނަ ލިބުނީ 3 މިނިޓް 33.25 ސިކުންތުން ރޭސް ނިންމި ދިވެހި ސިފައިންގެ ކުލަބަށެވެ. އަދި ތިންވަނަ ލިބުނު ޝަރީފް ސްޕޯޓްސްގެ ޓީމަށް ރޭސް ނިންމުނީ 3 މިނިޓް 47.67 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
4 ގުނަ 400 މީޓަރު ރިލޭގެ އަންހެނުންގެ ކެޓަގަރީން އެއްވަނަ ހޯދި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުންވެސް ވަނީ މީޓް ރިކޯޑެއް ހަދާފައެވެ. އެއީ 4 މިނިޓް 10.72 ސިކުންތުން ރިލޭ ފުރިހަމަކޮށްގެންނެވެ.
އަދި ދެވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޓީމަށް ރޭސް ނިންމިފަވަނީ 4 މިނިޓް 29.11 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. ތިންވަނަ ސާއިދު ސްޕޯޓްސްގެ ޓީމަށް ލިބިފަވާއިރު، އެޓީމުން ރޭސް ނިންމާފަވަނީ 4 މިނިޓް 45.41 ސިކުންތުންނެވެ.