ކުޅިވަރު

ފޭވަރިޓަކީ ޕޯޗުގަލް، ސްލޮވީނިއާ އަށް ވާދަކޮށްލެވުމަކީ ވެސް އުފަލެއް: ކެކް


ޔޫރޯ 2024 ގެ ގަދަ 16 ގެ ބުރުގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނިކުތުމުގެ ކުރީން، ސްލޮވީނިއާގެ ކޯޗު، މަޓްޔެޒް ކެކް ބުނީ، ޕޯޗުގަލް އަކީ މި ފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އޭނާ ގަބޫލުކުރާ ޓީމު ކަމަށާއި، ސްލޮވީނިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ފޭވަރިޓަކީ ވެސް އެއީ ކަމަށެވެ. އޭނާގެ ސްލޮވީނިއާ އަށް ޔޫރޯގައި ވާދަކޮށްލެވުމަކީ ވެސް ލިބުނު އުފަލެއް ކަމަށް ކެކް ބުންޏެވެ.

ކޯޗު ކެކް މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޕޯޗުގަލް އަކީ މުބާރާތުގެ އެއް ފޭވަރިޓު ކަމަށްވުމުން އެ ޓީމާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށާއި ދަނޑުމަތީގައި ކޮންމެ ގޮތަކަށް ސްލޮވީނިއާ ފެނިގެންދިޔަނަމަވެސް އެ ޓީމުން ނިކުންނާނީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށް ކެކް ވަނީ ބުނެފައެވެ.

"އަހަރެން ދެކެނީ ޕޯޗުގަލް އަކީ މުބާރާތް ކާމިޔާބުކުރާނެ ޓީމެއްގެ ގޮތުގަ." ކެކް ބުންޏެވެ.

ކެކް ބުނީ، ނޫސްވެރިންގެ ބައްދަލުވުމުގައި އެއް ޓީމުން އަނެއް ޓީމަށް ތައުރީފުކުރިޔަސް މެޗުގައި މުޅިން ތަފާތުވާނެ ކަމަށެވެ.

މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް ސްލޮވީނިއާގެ ފުޓްބޯޅަ އަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އޭނާގެ އުއްމީދަކީ ހުރިހާ ކުޅުންތެރިން މެޗަށް އެންމެ ރަނގަޅަށް ތައްޔާރުވެ ތިބުން ކަމަށް ވެސް ކެކް ބުނެފައިވެއެވެ.

މުބާރާތުގައި މިހާތަނަށް ސްލޮވީނިއާ އަށް ދެމުން އަންނަ ލޯތްބާއި ތަރުހީބާމެދު ވަރަށް ބޮޑަށް އުފާވާ ކަމަށާއި، ހާއްސަކޮށް ނިމިދިޔަ މެޗުތަކުގައި ވަރަށް ބޮޑު ސަޕޯޓެއް ލިބިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ވެސް ކެކް ބުންޏެވެ. އަދި، ސްލޮވީނިއާ އަށް ސަޕޯޓްކުރަމުން އަންނަ އެންމެންނަށް ފުރިހަމަ
އިހުތިރާމް ރައްދުކުރާ ކަމަށް ވެސް ކެކް ވަނީ ބުނެފައެވެ.

ސްލޮވީނިއާ އާ ޕޯޗުގަލް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.

"
"މިއީ ސްލޮވީނިއާ އަށް ތާރީޚީ ކަމެއް، މެޗު ވަރަށް ހާއްސަވާނެ.
ސްލޮވީނިއާގެ މިޑްފީލްޑަރު، އެޑަމް ޗެރީން