ކުޅިވަރު

އެމްބާއޭ އަށް މާސްކް ކަމަކުނުދިޔަ، ނޭފަތްމަތީ ޖަހާފާނެތީވެ ބިރުގަނޭ!


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް މިރޭ ބެލްޖިއަމާއި ފްރާންސް ނުކުންނައިރު އެންމެންގެ ދުލުކުރިއަށް އަންނަ ނަމަކީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އޭނާ ނޭފަތް ހަލާކުވުމުން އޮޕަރޭޝަންނުކޮށް، މުބާރާތުގައި ކުޅެމުން މިހާރު އެދަނީ މޫނުމަތީގައި ރައްކާތެރިކަމުގެ ކަޅު ކުލައިގެ މާސްކެއް އަޅައިގެންނެވެ. މިރޭގެ މެޗާ ދިމާކޮށް މިވާހަކަ އަނެއްކާ ވެސް ދެކެވެގެންފެށީ މި މެޗުގެ ކުރިން ބްލެޖިއަމްގެ އަމަޑޫ އޮނާނާ ދެއްކި ވާހަކައަކުންނެވެ. ސޯޝަލް މީޑިއާގައި އޭނާ ބުނީ މިމެޗުގައި ކީލިއަން އެމްބާޕޭގެ ކަށިމަތީގައި ޖަހައި އަނިޔާކުރާނެ ކަމަށެވެ.

މި ވާހަކައާއެކު އޮނާނާ އާއި ބެލްޖިއަމް ޓީމް ހޫނުފެނަށް ވެއްޓުމުން ބެލްޖިއަމްގެ މީޑީއާ ޓީމާއި ބައެއް ކުޅުންތެރިން މެޗަށް ވުރެ ބޮޑަށް އަވަދެނެތި އުޅެން ޖެހުނީ އޮނާނާގެ ވާހަކަތައް އޮއްބައި މަސްރަހު ފިނިކުރުމަށެވެ. ތަފާތު ބާވަތް ބާވަތުގެ ޕޯސްޓްތަކާއި ވީޑިއޯ ކްލިޕްތައް ތައްޔާރުކޮށް ބެލްޖިއަމްގެ ކުޅުންތެރިން އެތައް ވާހަކައެއް ދެއްކި ނަމަވެސް މި ނެރެޓިވް ބަދަލެއް ނުކުރެވުނެވެ. އެންމެ ފަހުން ބެލްޖިއަމް އެފްއޭއިން ވެސް ވަނީ އެމްބާޕޭ އާއި ފްރާންސްގެ ކިބައިން ވަނީ މައާފަށް އެދިފަ އެވެ.

އޮނާނާގެ މި ވާހަކަތަކާއެކު އެމްބާޕޭ ބުނީ މި މެޗުގައި ބްލެޖިއަމް ކުޅުންތެރިން އޭނާގެ ނޭފަތް މަތީގައި ތަޅައި އަނިޔާކުރަން އުޅޭނެކަން އެނގޭ ކަމަށާއި އެކަމާ މައްސަލައެއްނެތް ކަމަށެވެ. ސަބަބަކީ މިހާރު ވެސް އޭނާގެ ނޭފަތް ހުރީ ހަލާކުވެފައި ކަމަށާއި އިތުރަށް އަނިޔާކޮށްގެން ބަޔަކަށް ލިބޭނެ މާމޮޅުތަކެއް ނެތުމުން ކަމަށެވެ. ގަސްތުގައި މީހަކު ޖަހައިފިނަމަ ތަދުވާނެ ކަމަށާއި އެކަމަކު އެއީ އޭނާގެ ގައުމީ ވާޖިބަށް ހުރަސްއެޅޭނެ ކަމެއްނޫން ކަމަށެވެ. ނޭފަތާމެދު ޖެހިލުންނުވާ ކަމަށާއި ގައުމީ ޖާޒީގައި ކުޅުމަށްވުރެ ވަކި ބޮޑު އުފަލެއް ނެތް ކަމަށް ދެކި އެމްބާޕޭ ހުރީ ގަދަފަދަ އަޒުމެއްގަ އެވެ.

ނަމަވެސް ފްރާންސްގެ އެފްއޭއިން އޭނާ އަށް ތައްޔާރުކޮށްދިން މާސްކާމެދު އެމްބާޕޭ ހުރީ މުޅިން ހިތްހަމަޖެހިގެނެއްނޫނެވެ. މާސްކް މާބޮޑަށް ކުރަކިވެފައި، ބޯކަމުން ކުޅެން އުނދަގޫ ވާހަކަ އޭނާ ވަނީ ފްރާންސްގެ ޓީމުގެ މެނޭޖަރާ ވެސް ހިއްސާކޮށްފަ އެވެ.

ނުކުޅުނަސް ފްރާންސްގެ ސަޕޯޓަރުންނަށް މިރޭ ފެނިގެންދާނެ އެންމެ ހާއްސަ މޫނަކަށްވާނީ ވޯލްޑްކަޕް ކާމިޔާބުކޮށްދިން މިޑްފީލްޑަރު ޕައުލް ޕޮގްބާ އެވެ. ބްލައިސް މަޓުއިޑީއާއެކު މިރޭގެ މެޗު ބަލަން އޭނާ ދަނީ ކޯޗު ޑިޑިއޭ ޑެޝޯންގެ ހާއްސަ ދައުވަތަކަށެވެ. މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި ފުޓްބޯޅައިގެ ހަރަކާތްތަކުން ތިން އަހަރަށް ސަސްޕެންޑްކޮށްފައިވާ ޕޮގްބާ އާއި ޑެޝޯން އަކީ ގާތް ދެ ރަހުމަތްތެރިންނެވެ. އަބަދުވެސް ފޯނުން ވާހަކަ ދައްކައި އެކި ކަންކަމާ މަޝްވަރާކޮށް ހަދާ ބައެކެވެ.

ވަރުގަދަ ފޯވަޑް ލައިނެއް އޮތަސް ފްރާންސް ޓީމު މި މުބާރާތުގައި ގޯލް ނުޖަހާ ކަމީ ސަޕޯޓަރުން ކަންބޮޑުވާ ކަމެކެވެ. މިކަމަށް އިޝާރާތް ކުރަމުން 1998 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގެ ކުޅުންތެރިޔާ ފްރޭންކް ލިބޫފް ބުނީ އޭނާ ހަނދާނަށް އަންނަނީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް މަތިން ކަމަށެވެ. ދުނިޔޭގެ އެންމެ ގަދަ ލީގުތަކުގެ ޓޮފް ސްކޯރަރުން ތިބެ އެ ފަހަރުގެ ޓީމު ވޯލްޑްކަޕުގެ ފުރަތަމަ ބުރުން ކަޓައިގެން ރަށަށް ދާން ޖެހުނީ ގޯލު ނުޖެހިގެން ކަމަށާއި މި މުބާރާތުގައި ވެސް ފެންނަނީ އެކަހަލަ މަންޒަރެއް ކަމަށެވެ. މި މައްސަލަ ހައްލު ކުރުމަށް ކޯޗު ޑެޝޯން މިރޭގެ މެޗަށް ޓީމުގެ ރޭވުންތެރިކަން ބަދަލުކުރާނެ ކަމަށް ލިބޫފްފަދަ ކުރީގެ އެތައް ކުޅުންތެރިއަކު ތިބީ ޔަގީންކޮށްގެންނެވެ.

އެންޓޮއިން ގްރިއެޒްމަނާއި އޮސްމާނޭ ޑެމްބެލޭ އަދި އޮލީވިއާ ޖީރޫޑާއި މާކަސް ތުރަމްކުރެ އެމްބާޕޭއާއެކު ކުރިއަށް ކުޅޭނެ ކުޅުންތެރިން ހޮވުމަކީ ޑެޝޯން އަށް ވެސް މިހާރު ފަސޭހަކަމެއްނޫނެވެ.


އަނެއްކޮޅުން ބެލްޖިއަމް ޓީމުގައި އޮތީ އެމީހުން ޖަހާ ގޯލެއް ސައްހަވެދާނެ ކަމާމެދު އުފެދިފައިވާ ސުވާލެވެ. ރޮމެލޫ ލުކާކޫ އެކަނި ވެސް މި މުބާރާތުގައި މިހާރު ހަތަރު ގޯލު ޖަހައިފި އެވެ. ނަމަވެސް ވީއޭއާރާއި ސްނިކޯ މީޓަރާއި ގޯލްލައިން ޓެކްނޮލޮޖީގެ އިޝާރާތާއެކު ރެފްރީ ބަލައިގަތީ މީގެ ތެރެއިން އެންމެ ގޯލެކެވެ.

ނަމަވެސް މި ދެ ޓީމުގެ 76 ވަނަ ކުރިމަތިލިކުމުގައި މިރޭ ފްރާންސްގެ މައްޗަށް ކުރި ނުހޯދިއްޖެނަމަ ބެލްޖިއަމްގެ ވަރަށް ގިނަ ކުޅުންތެރިންނަށް ތައްޓަކާ ނުލައި ގައުމީ ކެރިއެރު ނިންމާލަން ޖެހުމަކީ ވަރަށް ގާތުގައިވާ ކަމެއކެވެ.