ޚަބަރު

ފެލިވަރުގައި އަލަށް ގާއިމުކުރާ 100 ޓަނުގެ ކޭނަރީގެ ޑިޒައިނިން މަސައްކަތް ފަށައިފި


  • އަލަށް ގާއިމުކުރާ ކޭނަރީއަކީ ފުލް އޮޓޮމެޓިކް ފެސިލިޓީއެއް

  • މިއާއެކު ފެލިވަރުގެ ކެޕޭސިޓީ އިތުރުވެގެންދާނެ

  • މިއީ 40 މިލިޔަން ޑޮލަރުގެ މަޝްރޫޢެއް

  • އަމާޒަކީ 2026 އަށް މުޅި މަޝްރޫޢު ނިންމާލުން

މިފްކޯގެ މައި ޕްރޮޑަކްޝަން ހަބު ކަމުގައިވާ ޅ.ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގައި ހިމެނޭ ކޭނަރީގެ ޑިޒައިނިންގ މަސައްކަތް ފަށައިފިއެވެ.

ފެލިވަރުގައި ގާއިމްކުރާ ކޭނަރީއަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން 40 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިފްކޯގެ އަމާޒަކީ މި މަޝްރޫޢު 2026 ގެ ނިޔަލަށް އެއްކޮށް ނިންމުމެވެ.

ޗައިނާ ކޮންޓްރެކްޓްރަކާއި، ސަރުކާރާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ފެށި މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ފެލިވަރުގެ ރީޖަނަލް މެނޭޖަރ މިޝާލް އަހުމަދު ވިދާޅުވީ، މިވަގުތު މިފްކޯގައި ހުރި ކޭނަރީއަކީ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކޭނަރީއެއް ކަމުގައެވެ. އަދި އަލަށް ގާއިމުކުރާ ކޭނަރީގެ ސަބަބުން ފެލިވަރުގެ އޮޕަރޭޝަންގެ އެފިޝެންސީގެ އިތުރުން ޕްރޮޑަކްޝަން ކެޕޭސިޓީ ބޮޑު ތަނުން އިތުރުވެގެންދާނެ ކަމުގައެވެ.

އެގޮތުން ރާއްޖޭގައި ބާނާ ކަޅުބިލަމަހާއި ކަންނެލީގެ އިތުރުން މަހުގެ އުފެއްދުންތައް އިތުރުވެގެންދާނެކަން މިޝާލް ފާހަގަކުރެއްވިއެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެމުން އައި ކަމެއް. ސަރުކާރުން މި މަޝްރޫއު އަވަސްކޮށް ކުރިއަށް ގެންދިއުމަށް ނިންމި ނިންމުން އަޅުގަނޑު ފާހަގަކުރަން." މިޝާލް ވިދާޅުވިއެވެ.

މިފްކޯއިން ބުނީ، މިހާރު ހުރި ކޭނަރީއަކީ 1976 ވަނަ އަހަރު ގާއިމުކޮށްފައިވާ، އެ ދުވަސްވަރަށް އެންމެ އެކަށީގެންވާ ވަރަށް ޒަމާންވީ ފެސިލިޓީއެއް ކަމަށެވެ. އެހެންކަމުން ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު އަލަށް ގާއިމުކުރާ ކޭނަރީއަކީ ފުލް އޮޓޮމެޓިކް ފެސިލިޓީއެއް ކަމުގައިވާނެކަމަށް އެކުންފުނިން ބުންޏެވެ.

އެގޮތުން މަސްދަޅު ބަންދުކުރުމާއި، ލޭބަލް ޖެހުމާއި، ޕެކިންގެ އިތުރުން ގުދަން ކުރުމުގެ މަސައްކަތް ހިނގާނީ މެޝިނަރީތަކުގެ ޒަރީއާއިންކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގެ ތެރޭގައި ހިމެނޭ ކޭނަރީގެ އިތުރުން އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކޯލްޑް ސްޓޯރޭޖް މަސައްކަތްވެސް ދަނީ ކުރަމުންނެއެވެ.

މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓް ޑިޕާޓްމެންޓުގެ މެނޭޖަރ މުހައްމަދު ޝަމީމް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ސީދާ ފެލިވަރަށް މަސް ކިރޭނެ ކަމުގައެވެ.

ފެލިވަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި އައު ކޭނަރީގެ އިތުރުން 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޝަމީމް ވިދާޅުވީ، ކޯލްޑް ސްޓޯރޭޖާއިއެކު، 200 ޓަނުގެ ބްރައިން ފްރީޒިންއާއި 80 ޓަނުގެ އާރު.އެސް.ޑަބްލިއު ސިސްޓަމެއް ގާއިމުކުރެވޭނެ ކަމުގައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ފެލިވަރަށް ދުވާލެއްގެ މައްޗަށް 280 ޓަނުގެ މަސް އިތުރަށް ކިރޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ޕްރޮޖެކްޓް ނިމޭއިރު، މަސްވެރިން ބާނާ މަސް ދުވަހުން ދުވަހަށް ކިރޭނެ ކަމުގެ ޔަޤީންކަން މަސްވެރިންނަށް ލިބިގެންދާނެ." ޝަމީމް ވިދާޅުވިއެވެ.

ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ ސަބަބުން އުތުރުގެ މަސްވެރިން ކޫއްޑޫއަށް މަސްކިރަން ދިއުމަށް ކުރާ ދިގު ދަތުރުތައް ނިމުމަކަށް އަންނާނެކަމަށް މިފްކޯއިން ބުނެއެވެ. އަދި އުތުރުގެ މަސްވެރިން ތެލަށް ކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަންވެސް އެކުންފުނިން ފާހަގަކުރެއެވެ.

ސަރުކާރުން 22 މިލިޔަން ޑޮލަރު ޚަރަދުކުރުމަށް ނިންމާފައިވާ ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓަކީވެސް އެސައިޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

އެގޮތުން މި ޕްރޮޖެކްޓަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ރައިނެކް އިންޑިއާ ލިމިޓެޑާއި ހަވާލުކުރި މަޝްރޫއެކެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.