ޚަބަރު

މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯދަން ފަސޭހަކުރަން ވުޒާރާތަކާއި ކުންފުނިތަކުގަ ފޯކަލް ޕޮއިންޓެއް


  • މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯދަން ކައުންސިލްތަކަށް ގޮންޖެހުން އޮވޭ

  • ވުޒާރާތަކާ ކުންފުނިތަކުގައިވެސް ފޯކަލް ޕޮއިންޓުން ވަނީ ހަމަޖައްސާފައި

ރަށްރަށުގައި ހިންގާ މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބެލުމަށް ކައުންސިލްތަކުން މުޢާމަލާތްކުރުމަށް ފަސޭހަކުރުމަށް، ހުރިހާ ވުޒާރާތަކާ ކުންފުނިތަކުން ފޯކަލް ޕޮއިންޓުން ހަމަޖައްސާފައިވާކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކާ ވުޒާރާތަކުގެ ގުޅުން ރަނގަޅުކޮށް ޚިދުމަތްތައް ހޯދުމަށް ލުއިފަސޭހަ މާޙައުލެއް ޤާއިމުކުރުމުގެ މަސައްކަތްތައް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ރަށްރަށުގައި ހިންގާ މަޝްރުޢޫތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުވުމުގައި ކައުންސިލްތަކަށް ދަތިތަކެއް ހުރިކަމަށެވެ. އެގޮތުން ކަންކަމުގައި ގުޅަންޖެހޭ ފަރާތްތަކާ ބައްދަލުކުރަންޖެހޭ އިދާރާތަކާ މީހުން ނޭންގުމަކީ ކައުންސިލަތަކަށް އޮތް ތަކުލީފެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. މިއާއެކު ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ކައުންސިލަރުންނަށް އުންދަގޫތައް ކުރިމަތިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިކަންކަން އިޞްލާހުކޮށް، ކައުންސިލްތަކާ ވުޒާރާތަކުގެ ގުޅުން ރަނގަޅުކޮށް ޚިދުމަތްތައް ހޯދުމަށް ލުއިފަސޭހަ މާޙައުލެއް ޤާއިމުކުރުމުގެ މަސައްކަތްތައް ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ.

އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ފާގަކުރެއްވީ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯދުމަށް، ކައުންސިލްތަކުން ކަމާގުޅުންހުރި ޒުވާރާތަކާ ކުންފުނިތަކާ މުޢާމަލާތްކޮށް ފަސޭހައިން އޮޅުންފިލުވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތެވެ. ވަޒީރު ވިދާޅުވީ އެ ރަށެއްގައި ހިންގާ މަޝްރޫޢުގެ މަޢުލޫމާތު ފަސޭހައިން ފޯރުކޮށްދެވޭގޮތަށް، ކޮންމެ ވުޒާރާއަކާ ކުންފުންޏެއްގައި ފޯކަލް ޕޮއިންޓުން މިހާރު ހަމަޖައްސާފައިވާކަމަށާއި، އެ މަޢުލޫމާތުތައް ކައުންސިލްތަކާ ޙިއްސާކުރުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިގެންކަމަށެވެ.

"ރައީސް އޮފީހުގެ އެހީތެރިކަމާއެކު މިހާރު ވަނީ ހުރިހާ ވުޒާރާތައް އަދި ކުންފުނިތަކުގައި ކައުންސިލްތަކާ މުއާމަލާތްކުރެވޭނެ ފޯކަލް ޕޮއިންޓުން ހަމަޖައްސާފައި. ނަތީޖައަކަށް ވާނީ ރަށްރަށުގައި ހިންގާ މަސައްކަތްތަކުގެ އަޕްޑޭޓް، މަސައްކަތްތައް ފެށޭނެ ދުވަސްހާއި ހިނގާ ނުހިނގާގޮތުގެ މަޢުލޫމާތު ހޯދަން ކައުންސިލަރުންނަށް ފަސޭހަވާނެ." ސިޓީތަކާ އިދާރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ ކައުންސިލަރުން އަބަދު މާލެ އައިސް ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ބަދަލުގައި، ޚަރަދާ ވަގުތު ސަލާމަތްވާގޮތަށް ރަށުގައި ތިބެގެން މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ ގޮތްތައް ހަމަޖެއްސުންކަމަށެވެ. އަދި މާލެއަށް އަންނަން ޖެހޭ ޙާލަތުގައިވެސް ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމޭނެގޮތަށް ބައްދަލުވުންތައް ހަމަޖައްސައިދެވޭނެ ނިޒާމެއް ޤާއިމުކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން ވަނީ ރާއްޖެ 7 ކްލަސްޓަރއަކަށް ބަހާލާ، ކޮންމެ އަތޮޅެއްގައި އެ އަތޮޅެއްގެ ކަންކަން ބެލެހެއްޓުމަށް ވުޒާރާގެ މުވައްޒަފެއްވެސް ހަމަޖައްސާފައެވެ. ވަޒީރު ވިދާޅުވީ މީގެ ސަބަބުން، ރަށްރަށަށް ދިމާވާ މައްސަލަތައް އަވަހަށް ދެނެގަނެވި، ކަމާގުޅުންހުރި އިދާރާތަކަށް އެ މަޢުލޫމާތުތައް ފޯރުކޮށްދީ އަވަހަށް ޙައްލުކުރެވެން ފަށާފައިވާކަމަށެވެ.

"ރަށަށް ކަމެއް ދީމާވީމަ އެކަންކަން މިހާރު ވަރަށް އަވަހަށް އެބަ ސަމާލުކަމަށް އާދޭ. ކައުންސިލަރުންނަށްވެސް މިހާރު ކަންކަން ހުށައެޅުމަށް ފަސޭހަވެއްޖެ. ރައްޔިތުންނަށް ދިމާވާ ކަންކަން ވަރަށް ގާތުން އެބަ ދެނެގަނެވޭ. އެހެންކަމުން އެހީތެރިކަން ދިނުމަށް ސަރުކާރު މުވައްސަސާތަކުން ކުރަންޖެހޭ މަސައްކަތް އަވަސްކުރެވިއްޖެ." ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ ވުޒާރާއިން ގެންނަމުންދާ ހެޔޮ ބަދަލުތަކާއެކު ކައުންސިލްތަކުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި މައި ސަރުކާރާ ކައުންސިލްތަކުގެ ގުޅުން ރަނގަޅުވެ، މަސައްކަތްތައް އަވަސްކުރެވިއްޖެކަމަށްވެސް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.