ކުޅިވަރު

ރަޝިއާގެ ނުފޫޒަށް ޔޫކްރެެއިން ފުޓްބޯޅަ ހަލާކުކޮށްލުމާއި ދަނޑުމަތީގެ ހަނގުރާމަ


  • ޔުކްރޭން - ސްލޮވާކިއާ މެޗަކީ ރަޝިއާ ހަނގުރާމައިގެ ބައެއް

2021 ވަނަ އަހަރުގެ ޖޫން މަހު ޔޫއޭފާއިން ޔުކްރޭނަ އެންގި އެވެ. ގައުމީ ޓީމުގެ ޖާޒީގެ ކަރުގެ އެތެރޭގައި ލިޔެފައިވާ އިބާރާތް ޖެހޭނީ ނަގާށެވެ. އެއީ ސިޔާސީ ޖުމުލައެއް ކަމަށެވެ. ޔުކްރޭނުގެ ޖާޒީގެ އެތެރެ ފުށުގައި ޖަހާފައިވާ މި އިބާރާތުގައިވަނީ ގްލޯރީ ޓު ދަ ހީރޯސް އެވެ. މާނައަކީ ބަތަލުންނަށް ތަށި ލިބޭނެ އެވެ. ޔޫއޭފާއިން ބުނަނީ މިއީ ވަރަށް ހަރުކަށި، އަދި ކުޅިވަރާ ގުޅުމެއްނެތް ހަނގުރާމަވެރި ބަސްތަކެއް ކަމަށެވެ.

ޔޫރަޕގެ ފުޓްބޯޅަ ޖަމިއްޔާއިން މި ގޮތަށް އެންގީ މި އިބާރާތާމެދު ރަޝިޔާގެ ސަޕޯޓަރުން ހަޅުތާލުކޮށް، މައްސަލަ ޖެއްސުމުންނެވެ. ހިތާ ދެކޮޅަށް ނަމަވެސް ޔޫއޭފާގެ ބަސް ގަބޫލުކޮށް ޔުކްރޭނުން ޖާޒީ ބަދަލުކޮށްލި އެވެ. އެކަމަކު މިކަމަށް އަށް މަސް ދުވަސް ފަހުން ފެނިގެންދިޔައީ ރަޝިޔާއިން ޔުކްރޭނުގެ އިރުމަތިން ވަދެ ހަނގުރާމަ ފެށި މަންޒަރެވެ. މި ހަނގުރާމައިގައި މިހާތަނަށް 11000ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. ޔަގީންވެ ކަށަވަރުވާ ކަމަކީ އެދުވަހު އެކަން ކުރިޔަސް ނުކުރިޔަސް މިހާރު ހިނގަމުންދާ ހަނގުރާމަށް އަންނާނެ ބަދަލެއް ނެތް ކަމެވެ.

ޔޫއޭފާގެ ވިސްނުމަކީ ފުޓްބޯޅައިގައި ސިޔާސީ ކުލަ ނުޖެއްސުމެވެ. ސިޔާސީ ކަންކަން ފުޓްބޯޅަ މާހައުލާ ދުރުކުރުމެވެ. އެކަމަކު ރަޝިޔާ – ޔުކްރޭން ހަނގުރާމައަށް ތިން އަހަރުވި އިރު ޔޫއޭފާގެ މަގްސަދު ހާސިލެއްނުވެ އެވެ. ހަމައެކަނި ކުރެވުނު ކަމަކީ ހަނގުރާމަ ފެށުމުން، ދުނިޔޭގެ ޕްރެޝަރާހެދި ޔޫރޯ ކޮލިފައިންއިން ރަޝިޔާ ބޭރުކޮށްލުން އެކަންޏެވެ.

ރަޝިޔާ މުބާރާތުގައި ނެތަސް ގްރޫޕް އީގައި ޔުކްރޭނާއި ސްލޮވާކިޔާ ޖޫން 21 ވަނަ ދުވަހު ކުޅޭ މެޗަކީ ރަޝިޔާ ވާދަކުރުން ފަދަ މެޗެކެވެ. ސްލޮވާކިޔާ އާއި ރަޝިޔާ ކިތަންމެ ގާތްކޮށް މިހާތަނަށް ފެނުނު ނަމަވެސް ސްލޮވާކިޔާގެ އައު ސަރުކާރުގެ ބަސްމަގާއި ރަޝިޔާ އަށް ކުރާ ހިފެހއްޓުމެއްނެތް ތާއީދެއްގެ ސަބަބުން ޔުކްރޭން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. މި ދެ ޓީމު ކުރެ އެއްވެސް ޓީމަކަށް މުބާރާތުގެ ދެ ވަނަ ބުރަށް ދެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުނުކުރި ނަމަވެސް މިއީ ދަނޑުމަތިންނާއި ދަނޑުބޭރުން ސިޔާސީ ކުލަވަރުގެ އެތައް ކަމެއް ފެނިގެންދާނެ ވަރުގަދަ ކުރިމަތިލުމެކެވެ. ކުޅިވަރުގެ ވާދައަކަށްވުރެ ބޮޑަށް ޒާތީ ހަސަދަވެރިކަމެކެވެ.

ރަޝިޔާއިން ޔުކްރޭނުގައި ހަނގުރާމަ ފެށުމާއެކު ސްލޮވާކިޔާގެ ތާއީދު އެންމެ ފުރަތަމަ ޔުކްރޭނަށް ލިބުނެވެ. އެކަމަކު ސްލޮވާކިޔާގެ ރައީސް ކަމަށް ޕީޓަ ޕެލެގްރީނީ، އަދި ބޮޑު ވަޒީރު ކަމަށް ރޮބަޓް ފިކޯ ވަޑައިގެންނެވި ފަހުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ޕެލެގްރީނީ އާއި ފިކޯގެ ގުޅިފައިވާ ސަރުކާރުން ހިފެހެއްޓުމެއްނެތި ގަބޫލުކުރަނީ ހަނގުރާމަ ކުރިއަށްދަނީ ޔުކްރޭނުގެ ސަބަބުން ކަމަށެވެ. މި ދެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ޔުކްރޭންގެ ސަރުކާރަކީ އެމެރިކާގެ މަދަދާއި ފުރިހަމަ ކޮންޓްރޯލް ލިބިގެން ރަޝިޔާއާ ދިމާކޮށްލައިގެން އުޅޭ ބައިގަނޑެކެވެ. މިހެންވެ ޔުކްރޭނަށް އަސްކަރީ އެއްވެސް އެހީއެއް ދިނުމަށް ދެކޮޅުހަދައި، ހުރިހާ ގުޅުމެއް ވަނީ ކަނޑާލައިފަ އެވެ. މިވަރުން ނުވެގެން ނޭޓޯއިން ޔުކްރޭން ވަކިކުރުމުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ސްލޮވާކިޔާގެ ފިކޯގެ ސަރުކާރެވެ.

ފިކޯގެ ސަރުކާރުން ޔުކްރޭނުގެ ސިފައިން ސިފަކޮށްފައިވަނީ ރަޝިޔާ އާއްމުން މަރަމުންދާ ނާޒީންތަކެއްގެގެ ގޮތުގަ އެވެ. މިއާ ހިލާފަށް ޔުކްރޭނަށް ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އަކީ މުޖުރިމެކެވެ. އެމީހުން ދެކޭ ގޮތުގައި ސްލޮވާކިޔާ މެޗަކީ މުޖުރިމަކަށް ހިފެހެއްޓުމެއްނެތި ތާއީދުކުރާ ގައުމަކާ ދެކޮޅަށް ކުރާ ވަރުގަދަ ޖިހާދެކެވެ. ނަމަވެސް ފިކޯގެ ސަރުކާރުން ބުނަމުންދަނީ ޕުޓީން އަކީ މައުސޫމް ބޭފުޅެއްކަމަށާއި ޔުކްރޭނުން ޕުޓިންއާ އަދާވާތްތެރިވެގެން އުޅެންޖެހޭ ސަބަބެއްނެތް ކަމަށެވެ.

ޔޫއޭފާގެ މޮޓޯ އަކީ ފުޓްބޯޅައިން އެއްބައިވަންތަކުރުމެވެ. މިފަހަރުގެ ޔޫރޯ ބާއްވަނީ ޖަރުމަނަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ޔޫރަޕުގެ ފުޓްބޯޅައިގެ ހިތެވެ. މި ހިތުގެ ތެރޭގައި އެއްބަޔަކަށް ނާޒީންނަށް ގޮވައި އަނެއް ބަޔަކީ ފެސިސްޓުން ކަމަށް ހަދައި ކުޅިވަރުގެ އިމުންބޭރުވެ، ހިތުހުރިހާ ވައްތަރެއްޖައްސުމަކީ ޔޫއޭފާ އެދޭ ކަމެއްނޫނެވެ. ހާއްސަކޮށް ނާޒީންނަކީ ޖަރުމަނަށް ނިސްބަތްވާ ބަޔަކަށްވެފައި މިފަދަ އަދާވާތްތެރި ބަސްތައް ބޭނުންކުރުމުގެ ބަދަލުގައި އަގުމާތްވި އަހުލާގެއްގެމަތީގައި ތިބުމަށް ޔޫއޭފާއިން ކެނޑިނޭޅި މަސައްކަތް ކުރި ނަމަވެސް މިކަމަށް މިހާތަނަށް ފަރުވާއެއްނެތެވެ.

މިއަށްވުރެ ބޮޑަށް ޔުކްރޭން ވަނީ ހިތުގައި ޖެހިފައި އެވެ. އެމީހުން ގަބޫލުކުރަނީ ޔޫރޯ އަކީ ހަނގުރާމައިގެ ސަބަބުން އުއްމީދުގެއްލިފައިވާ އެމީހުންގެ ހާލަތު ދުނިޔެ އަށް ދައްކައިދެވޭނެ ލޯގަނޑު ކަމަށެވެ. މުޅި ދުނިޔޭގެ ލޮލުގެ ކުރިމަތީގައި އަމިއްލަ ދިފާއުގައި ބަހެއް ބުނަން ލިބޭ އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ. އެމީހުންނަކީ ކޮންބައެއްކަން އަންގައިދޭން މިއަށްވުރެ ވަކި ރަނގަޅު ސްޓޭޖެއް ނުލިބޭނެ ކަމަށެވެ.

އައިސްލޭންޑާ ދެކޮޅަށް ކުޅުނު ޔޫރޯ ކޮލިފައިންގެ ޕްލޭއޯފް މެޗުގެ ކުރިން ޔުކްރޭނުގެ މެނޭޖަރު ސާހީ ރީބްރޯވް ދުނިޔެ އަށް ދިން މެސެޖުގައި ވެސް ވަނީ ސިޔާސީވފަ އެވެ. އޭނާ ބުނީ އަހަރުމެން މިދިރި ތިބީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކުރަން ކަމަށާއި މިކަމުގައި ޔޫރަޕުގެ ތަރުހީބު ބޭނުންވާ ކަމަށެވެ. އޭނާގެ މިޖުމްލައާއެކު މުޅި ސްޓޭޑިއަމް ގުގުމާލީ އުފާފާޅުކުރަން ޔުކްރޭން ސިފައިން ބޭނުންކުރާ ޒެޑް، އެސް، ޔޫ ޗަންޓްގެ އަޑުންނެވެ. މެޗަށް ފަހު ޔުކްރޭނުގެ ރައީސް ވްލޮޑްމީރު ޒެލެންސްކީ އޭނާގެ އެކްސް އެކައުންޓްގައި ބުނެފައިވަނީ ދުޝްމަނުން އަހަރުމެން ހަލާކުކޮށްލަން އުޅޭ ކޮންމެ ފަހަރަކު ޔުކްރޭނުން ކުރިމަތިލާނެ ކަމަށެވެ. ޔަގީނުން ވެސް މިއީ ފުޓްބޯޅަ ނުވަތަ ކުޅިވަރުގެ ޖުމުލައެއްނޫނެވެ. ހަމަކަށަވަރުން މިއީ ކުޅިވަރުގެ ވާހަކައެއްނޫނެވެ. އެކަމަކު ޖާޒީގެ އެތެރެފުށުގައިވާ އިބާރާތާމެދު ބަހުސް ކުރެވިދާނެ އެވެ.