މާލެ، ކާނޭޝަން މަގު، ގޯޅިގަނޑެއްގައި ހުރި ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓައި، އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ސައިކަލު ވަގަށް ނަގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 3 ދިވެހިންނެވެ. އެއީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.
ރޭ ފަތުހު 03:55 ހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް މި މީހުން ފެނުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދަނިކޮށެވެ. ފުލުހުން އެ ސަރަހައްދަށް ގޮސް ބަލައިފާސްކުރި ވަގުތު، އޭގެއިން އެކަކު ސައިކަލަށް އަރައި ކާނޭޝަން މަގަށް ނެރެން އުޅެނިކޮށް ހުއްޓުވައި ސުވާލުކުރުމުން އެއީ އޭނާގެ ދައްތައިގެ ފިރިމީހާގެ ސައިކަލެއް ކަމަށް ބުނެފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
ފުލުހުން ވިދާޅުވީ ސައިކަލުގައި ހުރި ނަންބަރު ބޯޑުގެ މައުލޫމާތު އޭނާ އެ ވަގުތު ދެއްކި ވާހަކައާ ދިމާވި ނަމަވެސް، ޝައްކުކުރެވިގެން ފުލުހުން އިންޖީނު ނަންބަރު ޗެކްކުރުމުން އެއީ ސައިކަލުގެ އަސްލު ނަންބަރު ނޫންކަން ކޮމާންޑް ސެންޓަރު މެދުވެރިކޮށް ކަށަވަރުކުރެވުނު ކަމަށެވެ. އަދި އެ ސަރަހައްދު އިތުރަށް ބަލައިފާސްކުރިއިރު، އެ ގޯޅިގަނޑުގެ ކާނުގަނޑެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ސައިކަލުގެ އަސްލު ނަންބަރު ބޯޑު ވަނީ ފެނިފައިކަމަށެވެ.
މި މައްސަލައާ ގުޅިގެން، އެ 3 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ސައިކަލު ޓޯކޮށް، ސައިކަލު ވަގަށް ނެގުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތަޅުދަނޑިއާއި، ފެނުނު އަސްލު ނަންބަރު ބޯޑު ވަނީ ފުލުހުންގެ ތަހުގީގުގެ ބޭނުމަށް ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން، ވަންވޭއާ ޚިލާފަށް ދުއްވި މައްސަލައެއްގައި ބިދޭސީ 2 ފިރިހެނަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ.
ފުލުހުން ވިދާޅުވީ، ރޭ ދަންވަރު 02:14 އެހައިކަންހާއިރު ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް ވަންވޭއާ ޚިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ބީޓަށް ފެނިގެން އެ ސައިކަލު ހުއްޓުވާފައިވާކަމަށެވެ.
ފުލުހުން ސައިކަލު ހުއްޓުވައި ބެލިއިރު، ސައިކަލު ދުއްވަން ހުރި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމާ ގުޅިގެން އެ ސައިކަލު ވަނީ ޓޯ ޔާޑަށް ގެންގޮސްފައެވެ. އަދި ޓޯ ޔާޑުން ސައިކަލު އިތުރަށް ބަލައި ފާސްކުރިއިރު، ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ދިމާނުވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެހެންކަމުން، ސައިކަލުގެ އަސްލު ނަންބަރުތައް ސިސްޓަމް މެދުވެރިކޮށް ޗެކްކުރުމުން އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ކަަށަވަރުކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާ ގުޅިގެން، ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.