ކުޅިވަރު

މެޗުގައި ރަނގަޅަށް ކުޅެ، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭނެ: ސިލްވީނިއޯ


ޔޫރޯ 2024 ގެ ގްރޫޕް ބީ ގައި މިއަދު ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އަލްބޭނިއާގެ ކޯޗު، ސިލްވީނިއޯ ބުނީ، ޔޫރޯގައި ކުޅުމަކީ ހާއްސަ ޝަރަފެއް ކަމަށާއި، އެހެންވިޔަސް އޭނާގެ ޓީމުން ރަނގަޅަށް ކުޅެ، ލިބޭ ފުރުޞަތުތަކުގެ ބޭނުންހިފަންޖެހޭނެ ކަމަށް ބުނެފައެވެ.

ކްރޮއޭޝިއާ އާ ސްޕެއިން ބައްދަލުކުރި މެޗު ބެލި ކަމަށާއި، 3-0 ގެ ތަފާތަކުން ބަލިވިނަމަވެސް އެ މެޗުގައި ކްރޮއޭޝިއާ އިން ރަނގަޅަށް ޕާފޯމްކުރިކަމަށް ބުނެ، ސިލްވީނިއޯ ވަނީ އެ މެޗުގެ ތަފާސްހިސާބުތަކަށް ބެލިނަމަ ނަތީޖާ ގަބޫލުނުކުރެވޭނެ ކަމަށެވެ. އެކަމަކު، މި ލެވެލްގެ ފުޓްބޯޅައިގައި ކޮންމެ ގޮތަކަށް ވެސް ނަތީޖާ ނިކުމެދާނެ ކަމަށް އޭނާ ބުންޏެވެ.

ސިލްވީނިއޯ ބުނީ، އޭނާގެ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓްކޮށް ކަމަށެވެ. މިއީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ސިލްވީނިއޯ ވަނީ ބުނެފައެވެ.

އަލްބޭނިއާގެ ޑިފެންޑަރު، ބެރާޓް ޖިމްޝީޓީ ބުނީ، މި މެޗުގައި ފޭވަރިޓަކީ ކްރޮއޭޝިއާ ކަމަށެވެ. އިޓަލީ އާއި ކްރޮއޭޝިއާ ފަދަ ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗުތަކަކީ އުނދަގޫ މެޗުތައް ކަމަށް ޖިމްޝީޓީ ފާހަގަކުރިއެވެ.

އޭނާ ބުނީ، މެޗުގައި ވަރަށް ރަނގަޅަށް ފޯކަސްކޮށްގެން ތިބެންޖެހޭނެ ކަމަށާއި، ހެދޭ ކިތަންމެ ކުޑަ ގޯހަކުން ވެސް މި ލެވެލްގެ މެޗެއްގައި ނަތީޖާ ބަދަލުވެގެންދާނެ ކަމަށެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އާ ދެކޮޅަށް އަލްބޭނިއާ ނިކުންނަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިއަދު އިރުއޮއްސި 6 ޖަހާއިރު އެވެ.