ޚަބަރު

ކައުންސިލް އިމާރާތް އަޅާ ރަށްތައް ކަނޑައެޅި ގޮތާމެދު ކައުންސިލްތަކުން ވަރަށް ހިތްހަމަޖެހޭ: ވަޒީރު


  • މިއަހަރު 50 ރަށުގެ ކައުންސިލް އައު އޮފީހުގެ މަސައްކަތް ފަށާނެ

  • މި މަސައްކަތް ކުރަނީ ޗައިނާ ސަރުކާރުގެ އެހީގައި

  • އައު އިމާރާތް އެޅުމަށް 102 ރަށް ޝަރުތު ހަމަވޭ

ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އައު އިމާރާތް އަޅާ ރަށްތައް ކަނޑައެޅީ ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ކަމަށާއި، ކައުންސިލްތަކުން މިކަން ބަލައިގަނެފައިވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގަ ދަތި ކައުންސިލް އިމާރާތްތަކުގެ މައްސަލަ ޙައްލުކުރުމަށް، އައު ކައުންސިލް އޮފީސް އިމާރާތް އަޅައިދިނުމުގެ މަޝްރޫޢު ސަރުކާރުން ވަނީ ފައްޓަވާފައެވެ.

އެގޮތުން މިއަހަރު 50 ރަށެއްގައި ކައުންސިލް އައު އިމާރާތް އަޅަން ނިންމާ، އިމާރާތް އަޅާ 50 ރަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިހާރު ވަނީ އިޢުލާނުކޮށްފައެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ކައުންސިލްތަކުގެ މަސައްކަތްތައް ބެލެހެއްޓުމާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ކައުންސިލް އައު އޮފީސް އަޅާ ރަށްތައް ކަނޑައެޅީ ވަރަށް އިންސާފުވެރިކަމާއެކު ކަމަށެވެ. އެގޮތުން ރަށްތައް ކަނޑައެޅާނެ މިންގަނޑު ނިންމުމުގައި އާއްމުންގެ ޚިޔާލުވެސް ހޯދިކަމަށް ވަޒީރު ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ، މި މަސައްކަތަކީ ކައުންސިލްތަކުގެ ޙާލަތު ވަރަށް ރަނގަޅަށް ވަޒަންކުރެވިގެން ކުރިއަށްގެންދިޔަ މަސައްކަތެއްކަމަށެވެ.

ވަޒީރު ވިދާޅުވީ މިއީ ވަރަށް ދެފުށްފެންނަ ގޮތަށް ކުރިއަށްގެންދިޔަ މަސައްކަތެއްކަމަށާ، ސިޔާސީ އެއްވެސް ވިސްނުމެއް ނެތި ގެންދިޔަ މަސައްކަތެއްކަމަށެވެ. އަދި މިކަމުގައި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ގެންގުޅެފައި ނެތްކަން، ރަށްރަށުގެ ކައުންސިލްތަކާ ރައްޔިތުންވެސް ފާހަގަކުރަމުން ދިއުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޚިދުމަތް ދިނުމުގައި ވަކި ސިޔާސީ ޕާޓީއަކަށް ނުބަލާނެކަމަށާ، ރަށްޔިތުންނަށް ދޭންވާ ކޮންމެ ޚިދުމަތެއް ދޭނީ ހަމަހަމަކަމާއެކުގައި ކަމަށެވެ.

"ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ނިޔަތް އަޅުގަނޑުމެއްގެ އޮތީ. ޕާޓީ، މަޖިލިސް މެންބަރެއް ނޫނީ އެއްވެސް އެހެންގޮތަކުންވެސް ނުފޫޒެއް ނޯންނާނެ. ކަނޑައެޅި ކްރައިޓީރިއާއަށް މަޢުލޫމަތު އެއްކޮށް، ކައުންސިލްތައް ހޮވީ." ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ހިންގަނީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކުއެވެ. ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، 50 ކައުންސިލްގެ ޢަމަލީ މަސައްކަތް މިއަހަރު، އެކުއެކީގައި ފަށާނެކަމަށެވެ. މި އިމާރާތްތައް އަޅާނީ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ޙައްލުކުރުމުގެ އިތުރުން، ބޭނުންވާ ފުރިހަމަ ވަސީލަތްތަކާއެކުއެވެ.

"ކައުންސިލަރުންނަށް ވަކި ޖާގަ ހުންނާނެ. ޑަބްލިއުޑީސީއަށް ވަކި ޖާގަ ހުންނާނެ. ރައްޔިތުންނަށް ޚިދުމަތްދިނުމާ، ބައްދަލުކުރުމަށް ފަސޭހަ އިންތިޒާމް ހުންނާނެ." ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ރަށްތައް ކަނޑައަޅާފައިވަނީ، 2023 އަދި 2024ގެ ޕީއެސްއައިޕީ ބަޖެޓުގައި ކައުންސިލް އިމާރާތް އަޅަން ބަޖެޓުކޮށްފައިވާ 55 ރަށް ނުހިމަނައެވެ.

މި ޕްރޮޖެކްޓްގައި ކައުންސިލް އިމާރާތް އަޅަން ޝަރުތު ހަމަވާ ޖުމްލަ 102 ރަށް ފާހަގަކުރެވިފައިވާކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ދަޢުރުގެ ތެރޭގައި މި ހުރިހާ ރަށްތަކުގެ ކައުންސިލް އައު އޮފީސްތައް އެޅުމަކީ ސަރުކާރުގެ ޢަމާޒެކެވެ.