ޚަބަރު

ޔޫކޭގައި ހުރި އެމެރިކާގެ ބީ-1 ބޯޓުތައް އަނބުރާ ގެންގޮސްފި


އެމެރިކާގެ ބީ-1 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ޔުނައިޓެޑް ކިންގޑަމްގެ (ޔޫކޭ) ވައިގެ މަރުކަޒަކުން އަނބުރާ އެމެރިކާއަށް ގެންގޮސްފައިވާ ކަން ކަށަވަރުކޮށްދީފިއެވެ. ޕެންޓަގަންގެ އޮފިޝަލަކު ވިދާޅުވީ މި ފިޔަވަޅު އެޅީ، ނިރުބަވެރިކަމުގެ އަމަލުތަކެއް ހިންގަން ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި ޔޫކޭއިން ބަޔަކު ހައްޔަރުކުރިތާ އެއް ހަފުތާ ފަހުން ކަމުގައެވެ. ލަންޑަނުގެ ހުޅަނގު އުތުރުގައި އޮންނަ ރޯޔަލް އެއާ ފޯސް (އާރްއޭއެފް) ފެއާފަރޑް މަރުކަޒުގައި ބީ-1 މަރުކާގެ 12 ބޯޓު އޮތް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ޔޫކޭގެ ސަރުކާރުން ޚާއްޞަ ހުއްދައެއް ދީގެން ފެއާފަރޑްގައި އޮޕަރޭޓުކުރަމުންދިޔަ މި ބޯޓުތަކަކީ، އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ދަށުން އީރާނަށް ވައިގެ ހަމަލާތައް ދިނުމުގައި ބޭނުންކުރަމުންދިޔަ ބޯޓުތަކެކެވެ. ޕެންޓަގަންގެ ތަރުޖަމާނަކު އީމެއިލް މެދުވެރިކޮށް ވިދާޅުވީ، ސަލާމަތީ ސަބަބުތަކަށް ޓަކައި އޮޕަރޭޝަންތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ހާމަނުކުރި ނަމަވެސް، ފެއާފަރޑްގައި ހުރި އެމެރިކާގެ ހުރިހާ ބޯޓުތަކެއް މިހާރު އަނބުރާ އެ ޤައުމުގެ މަރުކަޒުތަކަށް ގެންގޮސްފައިވާ ކަމުގައެވެ. ފެއާފަރޑް ބޭހަށް އަމާޒުކޮށް ހިންގަން އުޅުނު ނިރުބަވެރިކަމުގެ ރޭވުމާ ގުޅިގެން އުފެދުނު ސަލާމަތީ ކަންބޮޑުވުންތަކާއެކު ބޯޓުތައް ގެންދިޔަ ކަމަށް އެންމެ ފުރަތަމަ ރިޕޯޓުކުރީ އެމެރިކާގެ ނޫހެއް ކަމުގައިވާ ދި ވޯލް ސްޓްރީޓް ޖާނަލްއިންނެވެ.

ޔޫކޭގެ ބޮޑުވަޒީރު އެންޑީ ބަރނަމް ވިދާޅުވީ، ފެއާފަރޑް ބޭހަށް އަމާޒުކޮށްގެން ހިންގަން އުޅުނު ކަމަށް ބެލެވޭ ރޭވުމުގައި އީރާންގެ ބައިވެރިވުން އޮތް ކަމުގެ ވަރަށް "ވަރުގަދަ ނިޝާންތަކެއް" ފެންނަން އެބަހުރި ކަމުގައެވެ. ނަމަވެސް، އީރާނުން ބުނީ އެ ޤައުމާ ގުޅުވައިގެން ކުރެވޭ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމުގައެވެ. އަދި، މި މައްސަލައާ ގުޅިގެން އީރާނުގެ ވެރިރަށް ތެހްރާނުގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު، އީރާނުގެ ކަމާބެހޭ ފަރާތްތަކަށް ހާޒިރުކޮށްފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މި ރޭވުމުގައި ބައިވެރިވި ފަރާތްތަކުން އުޅުނީ އެ މަރުކަޒަށް ވަރަށް "ބޮޑު ގެއްލުމެއް" ދިނުމަށް ކަމުގައެވެ. ހަމައެއާއެކު، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވެސް ވަނީ، މި ނުރައްކާތެރި ރޭވުމުގެ ތެރޭގައި "ބޭރު ޤައުމެއްގެ އަތެއް" ވާކަމަށް ތުހުމަތުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.