ކުޅިވަރު

ނާގަލްސްމަނަށް ހަންގޭރީ އަކީވެސް އާދައިގެ ޓީމެއް


ޖަރުމަނާއި ހަންގޭރީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ވާދަކުރާ މެޗަކީ ހުރިހާ ގޮތަކުން ވެސް ފޯރިގަދަ ވާނެ މެޗެކެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަނު މޮޅުވީ ސްކޮޓްލޭންޑް އަތުން 5-1އިންނެވެ. ހަންގޭރީ ބަލިވީ ސްވިޒަލޭންޑް އަތުން 2-1އިންނެވެ. މިހެންވެ މެޗުން ބަލިވެގެން ހަންގޭރީ އަށް ކުއާޓާ ފައިނަލުގެ ދޮރު ބަންދުވެދާނެ އެވެ. މޮޅުވެގެން ޖަރުމަނަށް ކުއާޓާ ފައިނަލް ޔަގީން ކުރެވޭނެ އެވެ.
މި މެޗާ ކުރިމަތިލާއިރު ޖަރުމަނުގެ ކޯޗު ހޫލިއަން ނާގެލްސްމަން ބުނީ އޭނާގެ ނަޒަރުގައި ހަންގޭރީ އަކީ ވެސް ސްވިޒަލޭންޑް ފަދަ މެދުފަންތީގެ ޓީމެއް ކަމަށެވެ. ދެ ޓީމުގެ ހަމައެކަނި ތަފާތަކީ ހަންގޭރީ އަކީ ކައުންޓަ އެޓޭކްގައި އަވަސް ޓީމަކަށްވެފައި ފްރީ ކިކްތަކުން ނުރައްކާކުރާ ބަޔަކަވުން އެކަނި ކަމަށެވެ.

ފުރަތަމަ މެޗަށް ފަހު ކުޅުންތެރިންނަށް އާއިލާއާއެކު ވަގުތު ހޭދަ ކުރަން ފުރުސަތުދީފައި ނާގެލްސްމަން ވަނީ ހަންގޭރީ ޓީމުގެ ޕޯސްޓްމޯޓަމް ވަރަށް ރަނގަޅަށް ހަދާފަ އެވެ. މިއަށްފަހު އޭނާ ބުނީ އިދިކޮޅު ޓީމުގެ ބަލިފައިތައް ދެނެގަނެވިއްޖެ ކަމަށާއި ހަންގޭރީގެ ޓީމުގެ ފަހަތުން އޭނާގެ ފޯވަޑުން ދެމިގަންނާނެ ގޮތް މިހާރު ދަސްކުރެވިއްޖެކަމަށެވެ. ހަންގޭރީ އޮތީ ޕްރެޝަރުގައި ކަމަށާއި މިހެންވެ އެމީހުންނަށް ފަހަތުގައި ކޭމްޕްކޮށްގެން ނުތިބެވޭނެ ކަމަށް ނާގެލްސްމަން ހުރީ ޔަގީންކޮށްގެންނެވެ. އަދި މިއީ ޖަރުމަނަށް ލިބޭނެ ވަރަށް ބޮޑު އެޑްވާންޓޭޖެއްކަމުން ނަތީޖާ އަނބުރާލަން މާގިނަ ފުރުސަތުތަކެއް ބޭނުމެއްނުވާނެ ކަމަށް އޭނާ ވަނީ ނިންމާފަ އެވެ.

މި މެޗަށް ނުކުންނައިރު ހަންގޭރީގެ ފުޓްބޯޅަ ޓީމަށް އެންމެ ފުރަތަމަ ވެސް ހިތްވަރު ދެއްވީ ބޮޑު ވަޒީރު ވިކްޓަރ އޮރްބާން އާއި އޭނާގެ ޕާޓީގެ މެމްބަރުންނެވެ. އޮރްބާން އަކީ ހަންގޭރީގެ މިހާރުގެ ފުޓްބޯޅަ ޓީމު ބިނާކުރުމުގެ ހަގީގީ މޭސްތިރިޔާ އެވެ. އޭނާ ސަރުކާރާ ހަވާލުވެ، ހަންގޭރީގައި ވަރުގަދަ ފުޓްބޯޅަ ޓީމަށް ބިނާކުރުމަށް އެޅި ފިޔަވަޅުތަކާއެކު އެގައުމުގައި މިހާރު ތިބި ހުނަރުވެރި ކުޅުންތެރިންނަކީ ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ. ނަމަވެސް އޭނާ އަށް އަމާޒުވަމުން އަންނަ ފާޑުކިއުމަކީ ސިޔާސީ ބޭނުމަކަށް ފުޓްބޯޅަ ބޭނުންކޮށް އެކަމުގެ ނާޖާއިޒް ފައިދާ ހޯދަމުންދާ ވާހަކަ އެވެ.

އަނެއްކޮޅުން ހަންގޭރީގެ ސަޕޯޓަރުންނާ މެދު ވެސް ވަނީ ހިޔާލު ދެކަފިވެފަ އެވެ. ސްވިޒަލޭންޑް އަތުން ހަންގޭރީގެ ބަލިވި މެޗުގައި ސަޕޯޓަރުން ޓީމަށް ތަރުހީބު ނުދޭ ކަމުގެ ވާހަކަ ވަނީ ތިލަވެފަ އެވެ. މިކަމާ ގުޅިގެން އެ ގައުމުގެ ރަސްމީ ސަޕޯޓާސް ގްރޫޕް ކަމަށްވާ ކަރްޕަތިއަން ބްރިގޭޑް ސުމެއްނުވަޔަކުން ބުނީ އެމީހުންގެ ކުންފުންޏަކީ ސަޕޯޓްކުރަން ހާހުން މީހުން ތިބި ބައެއްނޫން ކަމަށާއި ޓިކެޓް ބަހާފައިވަނީ އެމީހުންނަށް އެނގުމަކާ ނުލައި ކަމަށެވެ، މިހެންވެ ސަޕޯޓަރުން ދަނޑުގައި ތިބީ އެކި ތަންތަނުގައި ކަމަށާއި އެގްރޫޕާ ހަވާލުވެފައި އޮތީ ގައުމީ ޓީމަށް ސަޕޯޓްކުރުމަށް ބެނާ އާއި މެސެޖް ތައްޔާރުކުރުމާއެކު ދަނޑުގައި ގައުމީ ޓީމަށް ސަޕޯޓްދެވޭނެ އިންތިޒާމްތައް ހަމަޖައްސައިނުމަށް އެކަނި ކަމަށެވެ. ނަމަވެސް މިކަން ނުވެދާނަމަ ޔޫރޯ އަށް ފަހު ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށް ކަންކަން ރަނގަޅު ކޮށްދޭނެ ކަމަށެވެ. ހަންގޭރީ ޓީމުން މިރޭ ފެނިގެންދާނެ ޑިފެންޑަރު ވިލީ އޮރްބާން އަކީ އުމުރުފުރާތަކުގައި ޖަރުމަން ތަމްސީލުކުރި ކުޅުންތެރިއެކެވެ. އޭނާ 2018 ވަނަ އަހަރު ހަންގޭރީގެ ގައުމީ ޖާޒީ އިހްތިޔާރުކުރީ ޖަރުމަނުގެ ސީނިއާ ޓީމަށް ގޮވާނުލުވުމުންނެވެ.