90 ވަނަ މިނެޓުގައި ކުޅެން ނުކުތް ދެ ކުޅުންތެރިން، 92 ވަނަ މިނެޓެގައި ޕޯޗްގަލް މޮޅުކޮށްދީފިއެވެ. ޗެކްރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗު ޕޯޗްގަލްއިން ކާމިޔާބުކުރީ ފަހަތުން އަރާ 2-1 ނެވެ.
މެޗުގައި ލަނޑުޖަހަން ފުރަތަމަ ފުރުޞަތު ލިބުނީ ރޮނަލްޑޯ އަށެވެ. 7 ވަނަ މިނިޓްގައި 39 އަހަރުގެ ރޮނަލްޑޯ ބޮލުން ފޮނުވާލި ބާރެއް ނެތް ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. 23 ވަނަ މިނިޓްގައި އޭރިޔާ ބޭރުން ބުރޫނޯ ފެނާންޑޭޒް ފޮނުވާލި ބާރު ބޯޅައެއް ކީޕަރު ކޯނަރަކަށް ބޭރުކޮށްލި އެވެ. 25 ވަނަ މިނިޓްގައި ފެނާންޑޭޒް އޭރިޔާ ތެރެއަށް ނަގައިދިން ބޯޅައިގައި ރަފައެލް ލެއާއޯ ގޯލްއޭރިޔާ ތެރެއަށް ވަންނަމަވެސް ފައި ޖައްސާ ނުލެވި ދިޔައީ ބޭރަށެވެ.
31 ވަނަ މިނިޓްގައި ފެނާޑޭޒް ގޯލްއޭރިޔާ ތެރެއިން ދިން ތްރޫޕާސް ރޮނަލްޑޯ އަށް ފޮނުވާލެވުނީ ކީޕަރާ ދިމާއަށެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އޭރިޔާ ތެރެއިން ރޮނަލްޑޯ ފޮނުވާލި ބޯޅަވެސް ކީޕަރު ވަނީ އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލާފައެވެ. ދެވަނަ ހާފް ފަށައިގެން ނުވަ ވަނަ މިނިޓްގައި ރޮނަލްޑޯ ބޮލުން ފޮނުވާލި ބޯޅަވެސް ހުރަސް ދަނޑި މަތިން ދިޔައީ ބޭރަށެވެ. އޭގެ ތިން މިނިޓްފަހުން ލިބުނު ހިލޭ ޖެހުން ރޮނަލްޑޯ ފޮނުވާލުމުން މަތަކުރީ ކީޕަރެވެ.
ޗެކްރިޕަބްލިކުން ލީޑް ނެގީ 62 ވަނަ މިނިޓްގައެވެ. އޭރިޔާ ބޭރުން ޕްރޮވޮޑް ފޮނުވާލި ބާރު ބޯޅަ ތަތްވީ ގޯލްގެ އަރިމަތީ ދާގަނޑުގައެވެ. 69 ވަނަ މިނިޓްގައި ނޫނޯ މެންޑޭޒް ބޮލުން ފޮނުވާލި ބޯޅަ ކީޕަރު އަތުން ޖެއްސި ވަގުތު ކުރިމަތީ ހުރި ޗެކްރިޕަބްލިކް ޑިފެންޑަރު ރޮބިން ރަނަކް ފައިގަ ޖެހިފަ ބައިކޮޅަށް ވަން ގޯލުން ނަތީޖާ ހަމަހަމަވި އެވެ. 71 ވަނަ މިނިޓްގައި ބާނާޑޯ ސިލްވާ ފޮނުވާލި ބާރުބޯޅަ ކުޅުމުގެ ތެރެއަށް އައީ ކީޕަރު ގައިގަ ޖެހިފައެވެ.
77 ވަނަ މިނިޓްގައި ޑީ އޭރިޔާގެވެސް ބޭރުން ވިޓީނިއާ ފޮނުވާލި ބާރުބޯޅަ ވެސް ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލިއެވެ. 81 ވަނަ މިނިޓްގައި ޗެކްރިޕަބްލިކްގެ ސެވިކް ޑީއޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިންނެވެ.
87 ވަނަ މިނިޓްގައި އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅައެއްގައި ޖޮޓާ ގޯލް ޖަހާ އުފާފާޅުކުރި ނަމަވެސް އިތުރަށް ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އޭރިޔާތެރެއަށް ހުރަސްކޮށްލުމުން ބޯޅަ ބޮލުންޖަހާ ފުރަތަމަ ފޮނުވާލީ ރޮނަލްޑޯ އެވެ. އެބޯޅަ އަރިމަތީ ދަނޑީގައި ޖެހިފައި ނިކުއިން ވަގުތު ގޯލަށް ފޮނުވާލީ ދެވަނަ ހާފްގައި ނިކުއިން ޖޮޓާއެވެ. އެގޯލް ބަލައިނުގަތުމުގެ މާޔޫސްކަމާއެކު މެޗުގެ ފަހު މިނިޓްގައި ކޯޗު މާޓިނޭޒް ދެބަދަލެއް އެއްފަހަރާ ގެނައެވެ.
ޕޯޗްގަލްއިން ނަތީޖާ ނެރުނީ އެބަދަލު ގެނައިތާ ދެ މިނިޓް ފަހުން މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައެެވެ. ޕެޑްރޯ ނެޓޯ އަރިމަތިން ނަގައިދިން ހުރަސް ގޯލަށް ފޮނުވާލައިގެން ޕޯޗްގަލް މޮޅުކޮށްދިނީ ފްރާންސިސްކޯ ކޮންސެސާއޯ އެވެ. އޭނާއަށް ގޯލްއޭރިޔާ ތެރެއިން ފުރުސަތު ލިބުނީ ޗެކްރިޕަބްލިކް ޑިފެންޑަރު ފައިގަ ޖެހިފައެވެ. ލަނޑުޖަހަން ފުރުސަތު ތަނަވަސްކޮށްދިނީވެސް އަދި ލަނޑު ޖެހީވެސް މެޗުގެ ފުރިހަމަ ވަގުތުން އެންމެ ފަހު މިނިޓްގައި ކުޅެން ނިކުއިން ދެ ކުޅުންތެރިންނެވެ. ލަނޑު ޖެހީ ކުޅެން ނިކުއިންތާ ދެވަނަ މިނިޓްގައެވެ.
އުނދަގޫ މޮޅަކާއެކު ޕޯޗްގަލްގެ ފެށުން އުފާވެރިވި ނަމަވެސް މުބާރާތް ކާމިޔާބުކުރަން ޕޯޗްގަލްއިން ގިނަ ކަންތައްތަކެއް ރަނގަޅު ކުރަންޖެހޭނެކަން މެޗުން ފެނިގެން ދިޔައެވެ. މިމެޗާއެކު މުބާރާތުގައި ކޮންމެ ޓީމެއް އެއް މެޗު ކުޅެ ނިމުނީ އެވެ.